މަޖީދިއްޔާ ސްކޫލަކީ ގްރޭޑް އެކަކުން 10 އަށް ކިޔަވައިދޭ މަދަރުސާއަކަށް ހެދުމަށް ސަރުކާރުން ވަރަށް ބޮޑަށް މަސައްކަތް ކުރާނެ ކަމުގައި ރައީސުލްޖުމްހޫރިއްޔާ މުޙަންމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.


ރައީސުލްޖުމްހޫރިއްޔާ މިހެން ވިދާޅުވީ، މަޖީދިއްޔާ ސްކޫލްގެ 83 ވަނަ އަހަރީ ދުވަހުގެ މުނާސަބަތުގައި، މިއަދު ހެނދުނު އެ ސްކޫލްގައި ބޭއްވެވި ޚާއްޞަ ރަސްމިއްޔާތުގައި، "މަޖީދިއްޔާ ގޯޒް ޑިޖިޓަލް" ޕްރޮގްރާމް އިފްތިތާޙުކޮށްދެއްވަމުން ކަމަށް  ރައީސް އޮފީހުން ބުނެ އެވެ. މަޖީދިއްޔާ ސްކޫލަކީ ގްރޭޑް އެކަކުން 10 އަށް ކިޔަވައިދޭ މަދަރުސާއަކަށް ހެއްދެވުމަށްޓަކައި ހަމަޖައްސަވަންޖެހޭ އިންތިޒާމުތަކާއި، ގެންނަންޖެހޭ ބަދަލުތައް، ސްކޫލްގެ އެކިއެކި ޢިމާރާތަށާއި ޖާގައަށް ގެންނެވޭތޯ ސަރުކާރުން މަސައްކަތް ކޮށްދެއްވާނެ ކަމުގައި ރައީސް ނަޝީދު ވިދާޅުވި އެވެ. އަދި މިކަމުގައި ސަރުކާރުން ކޮށްދެއްވެން އޮތް ހުރިހާ މަސައްކަތްތަކެއް ކޮށްދެއްވާނެ ކަމުގެ ފުރިހަމަ ޔަޤީންކަން، އެސްކޫލްގެ ދަރިވަރުންނަށާއި، ބެލެނިވެރިންނަށާއި ޓީޗަރުންނަށް ރައީސުލްޖުމްހޫރިއްޔާ ދެއްވި އެވެ.


އެ ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާ ދެއްކެވި ވާހަކަފުޅުގައި، މަޖީދިއްޔާއަކީ އެއްވެސް އިރެއްގައި ބަދަލަށް ފަހަތަށްޖެހޭ ތަނެއް ނޫން ކަމަށާއި، މަޖީދިއްޔާއަކީ އަބަދުވެސް އެއިރެއްގައި ކަންތައްތައް ހިންގުމަށާއި، ކަންތައްތައް ކުރުމަށާއި ކާމިޔާބު ހޯދުމަށް، އެ އޮންނަ އެންމެ ރަނގަޅު ގޮތް ދެނެގަންނަ ސްކޫލެއް ކަމުގައި ވިދާޅުވި އެވެ. މިރޮނގުން ވާހަކަފުޅު ދައްކަވަމުން، މިއަދު މަޖީދިއްޔާ ސްކޫލް ހެޔޮގޮތުގައި ހިނގާ އެންމެބޮޑު އެއްސަބަބަކީ، ސްކޫލްގެ ޕްރިންސިޕަލާއި، ޓީޗަރުންނާއި ސްޓާފުންކަން ރައީސް ނަޝީދު ފާހަގަކުރެއްވި އެވެ.


ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި، ތަނެއް ރަނގަޅުވެ ދިޔުމުގައި، އެތަނެއް ހިންގުމުގައި އެންމެ އިސްކޮށް ތިބޭ ބައެއްގެ ޙިއްޞާ ވަރަށްބޮޑުވާނެ ކަމާއި، އަދި ކަމެއް ޚަރާބުވެ ދިޔުމުގައިވެސް، އެތަނެއް ހިންގުމުގައި އިސްކޮށް ތިބޭ ބައެއްގެ ޙިއްޞާ ވަރަށްބޮޑުވާނެ ކަމުގައި ވިދާޅުވި އެވެ. އަދި މަޖީދިއްޔާގެ ދަރިވަރުންނަކީ ތަޢްލީމުގައިވެސް، އިޖްތިމާޢީ ކަންކަމުގައިވެސް އަދި ކުޅިވަރުގައިވެސް އަދި އެނޫންވެސް އެންމެހާ ކަންކަމުގައި މޮޅު ކުދިންތަކަކަށްވުމަށް ރައީސުލްޖުމްހޫރިއްޔާ އެދިވަޑައިގެންނެވި އެވެ.


މަޖީދިއްޔާ ސްކޫލް ޑިޖިޓައިޒް ކުރެއްވުމުގެ މަސައްކަތުގެ ތެރެއިން ޑިޖިޓަލް ނޯޓިސް ބޯޑާއި، ޑިޖިޓަލް ކައުންޓް ޑައުން ބޯޑާއި، އެސް.އެމް.އެސް.ގެ ޒަރީޢާއިން މައިންބަފައިންނާއި ދަރިވަރުންނާއި ސްކޫލާ ގުޅުވާލުމުގެ ނިޒާމާއި، ސްކޫލްގެ ޓަރފް ގްރައުންޑް މިއަދު އިފްތިތާޙު ކުރެވިގެންދިޔަ އެވެ.


މި ރަސްމިއްޔާތުގައި، ސްކޫލަށް އެކި ރޮނގުތަކުން ޚިދްމަތް ކުރައްވާފައިވާ ބޭފުޅުންނަށް ސްކޫލުގެ ފަރާތުން ދޭ ހަނދާނީ ފިލާ ދެއްވުން އޮތެވެ. މި ފަރާތްތަކަށް ހަނދާނީ ފިލާ ދެއްވީ ރައީސުލްޖުމްހޫރިއްޔާ އެވެ. މި ރަސްމިއްޔާތުގައި، ސްކޫލްގެ ބޭންޑާއި ކެޑެޓުންގެ ބައެއް ޙަރަކާތްތަކާއި ދަރިވަރުންގެ ބައެއް ހުނަރުތައް ދައްކާލުންވެސް އޮތެވެ.


މި ރަސްމިއްޔާތަށްފަހު، ރައީސުލްޖުމްހޫރިއްޔާ، ޑިޖިޓަލް ބޯޑު ބޭނުންކުރައްވައިގެން މަޖީދިއްޔާ ސްކޫލްގެ ގްރޭޑް 10 ގެ ކްލާހަކަށް ހިސާބުގެ ފިލާވަޅެއް ނަންގަވައިދެއްވި ކަމަށް ރައީސް އޮފީހުން ބުނެ އެވެ.