24 Sep 2015, 18:30
ހައްޖުވެރިން ޖަމްރާއަށް ހިލައުކަން ދިޔަ މަގުމަތީގައި ފިތި ބާރު ވެގެން ގިނަ އަދަދެއްގެ ބަޔަކު މަރުވެ އަދި ގިނަ ހައްޖުވެރިން ޒަހަމްވި ހާދިސާއަކީ ވޭތުވެދިޔަ 25 އަހަރުގެ ތެރޭގައި މައްކާގައި ހިނގި އެންމެ ނުރައްކާތެރި ހާދިސާ ކަމަށް ސައުދީ އޮތޯރިޓީން ބުނެފި އެވެ.
މިނާގައި ހައްޖުވެރިން ފިތި މިއަދު ހިނގި ހާދިސާގައި މިހާތަނަށް 717 ހައްޖުވެރިން މަރުވެ 863 މީހަކު ޒަހަމްވެފައިވާ ކަމަށް ސައުދީ އަރަބިއާގެ ސިވިލް ޑިފެންސް ފޯސްއާ ހަވާލަދީ އަލް އަރަބިއާ ނޫހުން ވަނީ ބުނެފަ އެވެ.
މިއަދުގެ ހާދިސާ ހިނގަން މެދުވެރިވީ މިނާގެ 204 މަގުން ދިޔަ ބަޔަކާއި އެހެން މަގަކުން ދިޔަ ބަޔަކާއި ޖެހި ފިތިގެން ކަމަށް ސައުދީގެ ބައެއް މީޑިއާތަކުން ވަނީ ބުނެފަ އެވެ. ނަމަވެސް އެހާދިސާ ހިނގާދިޔަގޮތާ ބެހޭގޮތުން ރަސްމީ ބަހެއް ސައުދީ ސަރުކާރުން އަދި ހާމަކޮށްފައެއް ނުވެ އެވެ.
ސައުދީގެ ހެލްތް މިނިސްޓަރާ ހަވާލާދީ އަލްއަރަބިއާ ޓީވީއިން ބުނީ މިއަދު މިނާގައި ހިނގާދިޔަ ހާދިސާގެ އަސްލަކީ ހައްޖުވެރިންގެ އަހުލާގު ދައްވުން ކަމަށެވެ. އެކަމާއި ބެހޭ އިތުރު ތަފްސީލެއް އެޓީވީއިން ދީފައެއް ނުވެ އެވެ.
"ޒަޚަމްވެފައިވާ މީހުން ވަނީ ފަރުވާ ދިނުމަށްތަކައި މިނާ ސަރަހައްދުގައި ހުރި ހަތަރު ހޮސްޕިޓަލަކަށް ބަހާލާފައި. އެހާދިސާގައި ޒަޚަމްވި ބައެއް މީހުން ހޮސްޕިޓަލަށް ގެނެސްފައި ވަނީ ހެލިކޮޕްޓަރު ތަކުގައި،" މިނާގައި ހުރި އަރަބިއްޔާގެ ނޫސްވެރިއަކާ ހަވާލާދީ އެ ނޫހުގައި ބުނެފައިވެ އެވެ.
ގިނައަދަދެއްގެ ބަޔަކު މަރުވެ މިއަދު ހިނގި ހާދިސާގެ ކުރިން މިހާ ގިނަ އަދަދެއްގެ ބަޔަކު ހައްޖުގައި މަރުވެފައި ވަނީ 1990 ވަނަ އަހަރު އެވެ. އެއަހަރުގެ ޖުލައިމަހު ހިނގާދިޔަ ހާދިސާއެއްގައި 1426 ހައްޖުވެރިއަކު ވަނީ މަރުވެފަ އެވެ.