22 Mar 2011, 21:10
އަމިއްލަ ފަރާތްތަކުން ހިންގާ އިންފްރާސްޓްރަކްޗާ ޑިވެލޮޕްމަންޓް ޕްރޮގްރާމްތަކަށް ސަރުކާރުން ގެރެންޓީ ދިނުމުގައި އަމަލު ކުރާނެ އުސޫލެއް ވަޒީރުންގެ މަޖިލީހުން މިއަދު ކަނޑައަޅައިފި އެވެ.
މާލިއްޔަތު ގާނޫނުގެ ދަށުން، މިއުސޫލު ކަނޑައެޅީ ސަރުކާރުން އަމިއްލަ ފަރާތްތަކަށް ގެރެންޓީ ދޫކުރުމުގައި ޢަމަލުކުރާނެ އުޞޫލަކާ ގުޅޭގޮތުން ފިނޭންސް މިނިސްޓްރީން ހުށަހެޅި ކަރުދާހަކަށް ވަޒީރުންގެ މަޖިލީހުގައި މިއަދު މަޝްވަރާ ކުރެއްވުމަށްފަހު އެވެ.
ފިނޭންސްގެ ކަރުދާހުގައިވާ ގޮތުން ތަރައްޤީގެ މަޝްރޫޢުތަކުގައި، ޕްރައިވެޓް ސެކްޓަރުގެ ބައިވެރިވުން އިތުރު ކުރުމުގެ ސިޔާސަތުގެ ދަށުން އަމިއްލަ ފަރާތްތަކުގެ ބޮޑެތި އިންފްރާސްޓްރަކްޗާ ޕްރޮޖެކްޓްތަކަށް ފައިސާ ހޯދުމުގައި ލުޔެއް ހޯދައިދޭން އަހަރަކު ސަތޭކަ ފަންސަވީސް މިލިއަން ރުފިޔާގެ ލިމިޓެއްގެ ތެރެއިން ސަރުކާރުން ގެރެންޓީއެއް ދޭނެ އެވެ.
ނަމަވެސް ގެރެންޓީ ދިނުމުގައި، ޕްރައިވެޓް ސެކްޓަރުގައި ޙަރަކާތްތެރިވާ އަމިއްލަ ފަރުދުން ނުހިމެނޭނެ އެވެ.
ވަޒީރުން މަޝްވަރާ ކުރެއްވުމަށްފަހު، ނިންމީ ރައްޔިތުންގެ މަޖިލީހުން ފާސްކުރާ ދައުލަތުގެ ބަޖެޓުގައި ހިމެނިފައިވާ ޚަރަދެއްނަމަ، ފިނޭންސް މިނިސްޓްރީގެ ލަފަޔާއެކު ރައީސަށް ހުށަހެޅުމުން، ގޮތެއް ކަނޑައަޅައި، ބަޖެޓްގައި ނުހިމެނޭ ހަރަދެއް ނަމަ ގެރެންޓީ ދޫކުރަން ފިނޭންސް މިނިސްޓްރީން ރައީސަށް ހުށަހެޅުމުން ރައްޔިތުންގެ މަޖިލީހަށް ހުށަހަޅަޅައިގެން ގޮތެއް ހަމަޖެއްސުމަށެވެ.