24 Sep 2015, 15:46
ހައްޖު އަޅުކަމުގެ ތެރޭގައި މިނާގައި ފިތިބާރުވެގެން ގިނަ އަދަދެއްގެ ހައްޖާޖީންތަކެއް މަރުވެ އެތަކެއް ސަތޭކަ ހައްޖާޖީންނެއް ޒަޚަމްވި ހިތާމަވެރި ހާދިސާގައި ދިވެހި ހައްޖާޖީއަކަށް އެއްވެސް ގެއްލުމެއް ނުވާކަމަށް ހައްޖު ކޯޕަރޭޝަނުން ބުނެފިއެވެ.
ހައްޖު ކޯޕަރޭޝަނުން ބުނީ، އެ ކޯޕަރޭޝަނުން ވަނީ ހުރިހާ ދިވެހި ހައްޖު ގްރޫޕްތަކަށް ގުޅައިގެން އެއްވެސް ދިވެއްސަކަށް އެ ހާދިސާގައި ގެއްލުމެއް ލިބިފައިވޭތޯ ބަލާފައި ކަމަށެވެ.
"މިނާ ހާދިސާގައި އެއްވެސް ދިވެއްސަކަށް ގެންލުން ވެފައިވާ ކަމުގެ މައުލޫމާތެއް ލިބިފައެއް ނުވޭ. އަދި މަގު އޮޅިގެން މީހަކު ގެއްލިފައިވާ ވާކަމުގެ ހަބަރެއްވެސް ލިބިފައެއް ނުވޭ،" ހައްޖަށް ގޮސްތިބި ހުރިހާ ދިވެހީންގެ އަތުގައި ވެސް އެ ކޯޕަރޭޝަނާ ގުޅޭނޭ ނަންބަރު ހުންނާނެކަން ފާހަގަކުރައްވަމުން ހައްޖު ކޯޕަރޭޝަންގެ މެނޭޖިން ޑިރެކްޓަރު ޔާމީން އިދުރީސް ވިދާޅުވި އެވެ.
ފޮރިން މިނިސްޓްރީގެ އޮފިޝަލަކު މިއަދު ސަން އަށް ވިދާޅުވީ، މެދުނުކެނޑި އެ މިނިސްޓްރީން ކުރަމުން އަންނަ މަސައްކަތުގެ ދަށުން، އެއްވެސް ދިވެހި ގްރޫޕެއްގެ ހަވާލުގައި ދިޔަ ހައްޖުވެރިޔަކަށް ގެއްލުމެއް ލިބިފައިނުވާކަން އެ ގްރޫޕުތަކުން ކަށަވަރުކޮށްދީފައިވާ ކަމަށެވެ.
"ހައްޖު ކޯޕަރޭޝަން ފިޔަވައި އެހެން ހުރިހާ ގްރޫޕްތަކަށް އަޅުގަނޑުމެންނަށް ގުޅިއްޖެ. އެ ހުރިހާ ގްރޫޕުތަކުން ވެސް އަޅުގަނޑުމެންނަށް ޔަގީންކަން ދީފައި ވަނީ އެ ގްރޫޕްތަކުގެ ހަވާލުގައި ހައްޖަށްދިޔަ އެއްވެސް ހައްޖުވެރިޔަކަށް އެއްވެސް ގެއްލުމެއް ނުވާ ކަމަށް،" އޮފިޝަލް ވިދާޅުވިއެވެ.
ސައުދީ އަރަބިއާގެ ސިވިލް ޑިފެންސް ފޯސްއާ ހަވާލަދީ އަލް އަރަބިއާ ނޫހުން ބުނެފައި ވަނީ އެ ހާދިސާގައި މިހާތަނަށް 310 މީހަކު މަރުވެފައި ވާ ކަމަށެވެ. އަދި ޒަޚަމްވި މީޙުންގެ އަދަދު 450 އަށްވުރެ ގިނަ ކަމަށްވެސް އެ ނޫހުން ބުންޏެވެ.