22 Mar 2011, 20:02
އިސްލާމް އާބާދު : ޕާކިސްތާނުގެ ހުޅަނގު ދެކުނުގެ ސަރަޙައްދެއް ކަމަށްވާ ބަލޫޗިސްތާނުގެ ކޯލް މައިނެއްގައި ބާރުގަދަ ގޮވުންތަކެއް ގޮވުމުގެ ސަބަބުން 45 މީހަކު މަރުވެއްޖެއެވެ.
މި ސަރަޙައްދުގެ ލޯކަލް ސަރުކާރުގެ މަސްއޫލުވެރިއެއް ކަމަށްވާ އަސްލަމް ޕިޒިންޖޫ ވިދާޅުވި ގޮތުގައި މިގޮވުންތައް ގޮވީ މައިންގައި މަސައްކަތްކުރާ 50 މީހަކު ބިމު އަޑިން 1.2 ކިލޯމީޓަރުގެ ފުނުގައި ތިއްބައި ކަމަށާއި މިކަމުގެ ސަބަބުން 45 މީހަކު މަރުވިކަން މިހާރު ކަށަވަރުވެފައިވާ ކަމުގައެވެ.
މަރުވި މީހުންގެ ތެރެއިން 25 މީހެއްގެ ހަށިގަނޑު މިހާރުވަނީ މައިނުން ބޭރަށް ނެރެފައެވެ. މިހަށިތައްވަނީ ކާކުކަން ނޭންގޭ ވަރަށް ފިހިފައެވެ. އެހެން ހަށިތައް ނެރުމުގެ މަސައްކަތްވެސްދަނީ ކުރަމުންނެވެ.
މިޙާދިޘާ ހިނގަން މެދުވެރިވި ސަބަބަކީ މައިންގެ ތެރޭގައި މިތޭން ގޭސް ގިނަވުމުގެ ސަބަބުން ކަމަށް އިންޖިނޭރުން ބުނެއެވެ.
ޕާކިސްތާނަކީ ބޯޓުދެލީގެ މައިންތައް ވަރަށް ގިނަ ޤައުމެކެވެ. ރިޕޯޓްތައް ބުނާގޮތުން ޕާކިސްތާނުގައި 184 ބިލިޔަން ޓަނުގެ ބޯޓުދެލީގެ ރިޒާވްއެއް އެބަހުއްޓެވެ. އެޤައުމުން މިހާރު އަހަރަކު 4 މިލިޔަން ޓަނުގެ ބޯޓުދެލި ނަގައެވެ.
ޕާކިސްތާނުގެ ބޯޓުދެލީގެ މައިންތަކުގައި އަޅާފައިވާ ސަލާމަތީ ފިޔަވަޅުތައް ދަށްކަމުން އެޤައުމުގެ މައިންތައް ގޮވުމުގެ މައްސަލަ ދިމާވަމުން ދެއެވެ. -- ނޫސްއެޖެންސީތައް