އީދު ދުވަހުގެ ރޭ 7:00 އާ ހަމައަށް މައްކާއަށް ހިލޭ ގުޅޭގޮތަށް ދިރާގުން ހަމަޖައްސައިފި އެވެ.

ދިރާގުގެ މެނޭޖަރު މާކެޓިިން ކޮމިއުނިކޭޝަން އެންޑް ޕީއާރު މުޙައްމަދު މިރުޝަން ހަސަން މިއަދު ސަންއަށް ވިދާޅުވީ، އެ ކުންފުނިން ސައުދީއަށް ހިލޭ ގުޅޭގޮތަށް ހަމަޖެއްސީ، މިނާގައި މިއަދު ހިނގި ހިތާމަވެރި ހާދިސާއާ ގުޅިގެން ކަމަށެވެ.

"މިނާގައި ފިތި ބާރުވެގެން އެތަކެއް ސަތޭކަ ހައްޖުވެރީންނެއް ނިޔާވެފައިވާއިރު އަޅުގަނޑުމެންނަކަށް ނޭނގެ ދެއްތޯ އެކޮޅުގެ ހާލަތު ހުރީ ކިހިނެއްކަމެއް. އެތަނުގައި އަޅުގަނޑުމެން ދިވެހީންގެ ވެސް އެތައް ބަޔަކު އެބި ތިބި. އެހެންކަމުން ހައްޖުވެރީންގެ އާއިލާގެ މީހުންނާއި ރައްޓެހިންވެސް ބޭނުންފުޅުވާނެ އެ ބޭފުޅުންގެ ހާލުއަހުވާލު ބައްލަވަން،" މިރުޝާން ވިދާޅުވި އެވެ.

"އެހެންކަމުން އަޅުގަނޑުމެން މިވަނީ، މިރޭ ހަތެއް ޖަހަންދެން ދިރާގު ކަސްޓަމަރުންނަށް ސައުދީއަށް ހިލޭ ގުޅޭގޮތަށް ހަމަޖައްސާފައި."

ސައުދީ އަރަބިއާގެ ސިވިލް ޑިފެންސް ފޯސްއާ ހަވާލާދީ އަލް އަރަބިއާ ނޫހުން ބުނެފައި ވަނީ މިނާގައި ހިލައުކަން އުޅުމުގެ ތެރޭގައި މަގެއްގައި ފިތި ބާރުވެގެން ނިޔާވި ހައްޖާޖީންގެ އަދަދު މަދުވެގެން 310 އަށް އަރާކަމަށެވެ. އަދި ޒަޚަމްވި މީހުންގެ އަދަދު 450 އަށްވުރެ ގިނަ ކަމަށްވެސް އެ ނޫހުން ބުންޏެވެ.

މިނާގައި ހުރި ދިވެހި ހައްޖުވެރި އަކު ބުނީ ދިވެހި އެއްވެސް ހައްޖުވެރިއަކަށް ގެއްލުމެއް ލިބިފައިވާކަން އަދި މިހާތަނަށް އެނގިފައި ނުވާ ކަމަށެވެ.

މިނާގައި އެ ހާދިސާ ހިނގި ސަރަހައްދުގައި ހުރި، ޕީއެސްއެމްގެ ނޫސްވެރިޔާ މޫސާ ވަސީމް ސަން އަށް ބުނީ، "ހިލަ އުކަން ދާން އޮންނަ މަގަކީ ވަރަށް ބާރު ބޮޑު މަގެއް. އެކަކު ވެއްޓުނަސް އެންމެން ވެއްޓޭކަހަލަ ގޮތަކަށް،" ކަމަށެވެ.