އިނގިރޭސި ލީގު ކަޕްގައި ރޭ ކުޅުނު މެޗުތަށް ކާމިޔާބު ކޮށް މުބާރާތުގެ ހަތަރު ވަނަ ބުރަށް ޗެލްސީ އާއި މެންޗެސްޓަރ ޔުނައިޓެޑާއި، އާސެނަލް އަދި ލިވަޕޫލް ދަތުރުކޮށްފިއެވެ.

އާސެނަލް މުބާރާތުގެ ހަތަރުވަނަ ބުރަށް ދަތުރުކުރީ، ވާދަވެރި ޓޮޓެންހަމްއާ ބައްދަލުކުރި މެޗު 1-2 ގެ ނަތީޖާއިން ކާމިޔާބުކޮށްގެންނެވެ.

ޓޮޓެންހަމްގެ ދަނޑުގައި ކުޅުނު މި މެޗުގެ ފުރަތަމަ ގޯލްޖަހައި ލީޑުނެގީ ވެސް، އާސެނަލްއިންނެވެ. މި ގޯލް، މެޗުގެ 26 ވަނަ މިނެޓްގައި ކާމިޔާބުކޮށްދިނީ މެތިއު ފްލެމިނީއެވެ. މެޗުގެ 56 ވަނަ މިނެޓްގައި ޓޮޓެންހަމްއަށް ނަތީޖާ އެއްވަރުވީ އާސެނަލްގެ ޑިފެންޑަރު، ޗެމްބާސް އަތުން ބައިކޮޅަށް ވަން ގޯލަކުންނެވެ. މި މެޗުން މޮޅުވި ގޯލް އާސެނަލް އަށް މެޗުގެ 78 ވަނަ މިނެޓްގައި ކާމިޔާބުކޮށްދިނީ، އެޓީމުގެ ފުރަތަމަ ގޯލްވެސް ކާމިޔާބުކޮށްދިން ފްލެމިނީއެވެ.

ހަތަރުވަނަ ބުރުގައި އާސެނަލް ބައްދަލުކުރާނީ، ނިއުކާސަލް ޔުނައިޓެޑް ބަލިކުރުމަށް ފަހު ހަތަރުވަނަ ބުރުން ޖާގަ ހޯދި ޝެފީލްޑް ވެނިސްޑޭއާއެވެ.

ޗެލްސީ މުބާރާތުގެ ހަތަރު ވަނަ ބުރަށް ދަތުރުކުރީ ވަލްސަލްއާ ބައްދަލުކުރި މެޗު 1-4 ގެ ނަތީޖާއިން ކާމިޔާބުކޮށްގެންނެވެ.

ވަލްސަލްގެ ދަނޑުގައި ކުޅުނު މި މެޗުގެ ފުރަތަމަ ގޯލް، މެޗުގެ 11 ވަނަ މިނެޓްގައި ރަމިރޭސް ވަނީ ކާމިޔާބުކޮށްދީ ޗެލްސީއަށް ލީޑުނަގައިދީފައެވެ. އަދި މެޗުގެ 41 ވަނަ މިނެޓްގައި ލޮއިކް ރެމީ ވަނީ އެޓީމުގެ ލީޑު ފުޅާކޮށްދީފައެވެ. ނަމަވެސް ހާފް ނިމުމުގެ ކުރިން ވަލްސަލްގެ ޖޭމްސް އޮކޯނާ ވަނީ އެޓީމް ގެ ހަމައެކަނި ލަނޑު ކާމިޔާބުކޮށް ސުން ކަނޑުވާލަދީފައެވެ.

ދެވަނަ ހާފްގެ ކުރީކޮޅު ކެނެޑީ، ޗެލްސީގެ ތިންވަނަ ގޯލް ކާމިޔާބުކޮށްދިންއިރު، އެޓީމުގެ ހަތަރުވަނަ ގޯލް މެޗުގެ ފަހު މިނެޓްގައި ކާމިޔާބުކޮށްދިނީ، ޕެޑްރޯ ރޮޑްރިގޭޒްއެވެ.

މުބާރާތުގެ ހަތަރުވަނަ ބުރުގައި ޗެލްސީ ބައްދަލުކުރާނީ، ސްޓޯކް ސިޓީއާއެވެ.

މެންޗެސްޓަރ ޔުނައިޓެޑް މުބާރާތުގެ ހަތަރުވަނަ ބުރަށް ދަތުރުކުރީ، އިޕްސިވިޗް ޓައުންއާ ބައްދަލުކޮށް 0-3 ގެ ނަތީޖާއިން މޮޅުވެގެންނެވެ.

ޔުނައިޓެޑްގެ ދަނޑުގައި ކުޅުނު މި މެޗުގައި، ޔުނައިޓެޑްގެ ފުރަތަމަ ގޯލް މެޗުގެ 11 ވަނަ މިނެޓްގައި ކާމިޔާބުކޮށްދިނީ، ވޭން ރޫނީއެވެ. ޔުނައިޓެޑުން ރަނގަޅު ކުޅުމެއް ދެއްކި މި މެޗުގައި އެޓީމުން ޖެހި ދެވަނަ ގޯލް މެޗުގެ 60 ވަނަ މިނެޓްގައި ކާމިޔާބުކޮށްދިނީ، އަންދްރޭސް ޕެރޭރާއެވެ.

ޕެރޭރާ މި ގޯލް ކާމިޔާބުކުރީ، ޔުނައިޓެޑަށް ލިބުނު ހިލޭޖެހުމަކުންނެވެ. ޔުނައިޓެޑްގެ ތިންވަނަ ގޯލް މެޗުގެ ފަހު މިނެޓްގައި ކާމިޔާބުކޮށްދިނީ، އެންތޮނީ މާޝިއަލްއެވެ.

ހަތަރުވަނަ ބުރުގައި މެންޗެސްޓަރ ބައްދަލުކުރާނީ، މިޑިލްސްބަރާއާއެވެ.

ލިވަޕޫލް މުބާރާތުގެ ހަތަރުވަނަ ބުރަށް ދަތުރުކުރީ ޕެނަލްޓީގައި ކާލައިސް ޔުނައިޓެޑް 2-3 ގެ ނަތީޖާއަކުން ބަލިކޮށްގެންނެވެ.

ލިވަޕޫލްގެ ދަނޑުގައި ކުޅުނު މި މެޗުގެ ފުރިހަމަ ވަގުތު ހަމަވިއިރު، ދެ ޓީމުވެސް އޮތީ 1-1 ގެ ނަތީޖާއިން އެއްވަރުވެފައެވެ. މެޗުގެ ފުރަތަމަ ގޯލް 23 ވަނަ މިނެޓްގައި ޑެނީ އިންގްސް ކާމިޔާބުކޮށްދިން ނަމަވެސް، ހާފް ނިމުމުގެ ކުރިން ޑެރެކް އަސަމޮއާ ވަނީ ކާލިސިލްއަށް ނަތީޖާ އެއްވަރުކޮށްދީފައެވެ.

ޕެނަލްޓީގައި ލިވަޕޫލުން ވަނީ 2-3 ގެ ނަތީޖާއިން ކާލިސިލްގެ މައްޗަށް ކުރި ހޯދައި މުބާރާތުގެ ހަތަރުވަނަ ބުރަށް ދަތުރުކޮށްފައެވެ.

ހަތަރުވަނަ ބުރުގައި ލިވަޕޫލް ބައްދަލުކުރާނީ، ބޯންމަތްއާއެވެ.