22 Mar 2011, 18:47
ހޮންކޮންގައި އިނގިރޭސި އަންހެނަކު މަރާލިކަމުގެ ތުހުމަތުގައި ހައްޔަރުކޮށްފައި ވަނީ ގދ. މަޑަވެލި އުމުރުން 29 އަހަރުގެ މީހެއްކަން ސަން އަށް ކަށަވަރުވެއްޖެ އެވެ.
ގދ. މަޑަވެލި، ފިޒާ އަހުމަދު ފަރީދު އޭނާގެ އަންހެނުންގެ ބޮޑުދައިތަ، ޖެނެޓް ގިލްސަން، 64، މަރާލިކަމުގެ ތުހުމަތުގައި މިދިޔަ ހޮނިހިރު ދުވަހު ހައްޔަރުކޮށްފައިވާކަން ފަރީދުގެ މަންމަ، ފަރީދާ މޫސާ މިއަދު މެންދުރު ވަނީ ސަން އަށް ކަށަވުރުކޮށްދީފަ އެވެ.
ހޮންކޮންގެ އަންހެނެއް ކަމުގައިވާ ޖޫލިއާ ފަރީދާއާ 2006 ވަނަ އަހަރު އިނުމަށްފަހު، އެދެމަފިރިން ދިރިއުޅެމުންދަނީ ހޮން ކޮންގައި ކަމަށާއި އެދެމަފިރިންގެ ކައިންވެންޏަށް ތިން އަަހަރުގެ އަންހެން ކުއްޖަކު ލިބިފައިވާ ކަމަށް ވެސް އޭނާގެ މަންމަ ބުންޏެވެ.
ދަރިފުޅު ހައްޔަރުކުރުމާ ގުޅިގެން ފުން ހިތާމައެއްގައި ހުރި ފަރީދާ ބުނީ، އެކަން އޭނާއަށް އެނގުނީ ރޭގައި ކަމަށާއި އެ ވާހަކަ ފޮރިން މިނިސްޓްރީން ފުރަތަމަ އަންގައިފައި ވަނީ ރިސޯޓެއްގައި މަސައްކަތްކުރަމުންދާ ފަރީދުގެ އެއްބަނޑު ބޭބެއަކަށް ކަމަށެވެ. އަދި މިހާރު އޭނާއަށް އެހީވެވޭތޯ އާއިލާއިން މަސައްކަތްކުރަމުންދާ ކަމަށް ވެސް ބުންޏެވެ.
"އޭނަ )ރިސޯޓުގައި ހުރި ބޭބެ( އެމްބަސީއަށް ގުޅައިގެން އެކަންތައް ބަލަނީ. ފަރީދަކަށް ނުވެސް ގުޅޭ. އެމްބަސީން ބުނެޔޯ ފަރީދަށް އެހީވަމުންނޯ ދަނީ،" މަޑަވެލީގައި ދިރިއުޅެމުންދާ ފަރީދުގެ މަންމަ، 55 ބުންޏެވެ.
އޭނާގެ މަންމަ ކިޔައިދިން ގޮތުގައި، ފަރީދުއާ އެންމެ ފަހުން ވާހަކަދެއްކީ މާޗް 8 ވަނަ ދުވަހު އެވެ. އެއީ އޭނާގެ މާމަ ދަރިފުޅު، ޖާސްމިން ފަރީދުގެ އުފަންދުވަހު ފަރީދު ރަށަށް ގުޅުމުން ކަމަށް ވެސް އޭނާ ބުންޏެވެ. އެދުވަހަށް ފަހު އޭނާގެ ދަރިފުޅާ ވާހަކަނުދެއްކޭ ކަމަށާއި ޖޫލިއާގެ ފޯނަށް ގުޅުމުން ވެސް ޖަވާބެއް ނުދޭ ކަމަށް ވެސް ފަރީދާ ބުންޏެވެ.
އޭނާ ބުނި ގޮތުގައި، އެދެމީހުންގެ ކައިންވެންޏަށް ފުރަތަމަވެސް އާއިލާ އިން ނުގަބޫލުވި ކަމަށާއި އެހެންނަމަވެސް، ފަރީދު އެ އަންހެންމީހާއާ ކައިވެނިކުރަން ބޭނުންވުމުން އިތުރަށް އަޅައިނުލީ ކަމަށެވެ. ފަރީދަށް ވުރެ 10 ވަރަކަށް އަހަރު ދޮށީ އެ އަންހެންމީހާއާ ފަރީދު ކައިވެނިކުރީ އޭނާގެ އުމުރުން 25 އަހަރު ވެސް ނުވަނީސް ކަމަށް އޭނާގެ މަންމަ ބުންޏެވެ. އަދި އުމުރު ތަފާތުވުމުގެ ސަބަބުން އެދެމަފިރިންގެ މެދުގައި އަބަދުވެސް މައްސަލަ ޖެހޭ ވާހަކަ ފަރީދު ކިޔައިދީފައިވާ ކަމަށް ވެސް އޭނާގެ މަންމަ ބުންޏެވެ.
"އަހަރެން އޭރުވެސް ބުނިން މަންމަގެ ބަސް އަޑުއަހާށޭ އެ އަންހެންމީހާއާ ކައިވެނި ނުކުރާށޭ. އެކަމަކު ފަރީދުކުރީ. މިހާރު ފަރީދު ގުޅައިފައި ކިޔައި އޭނައާ އަހަންނާ )ފަރީދުއާ( އަބަދު މައްސަލަ ޖެހެނީއޭ. އޭނަ ތިމަންނައަށް ޝައްކުކުރަނީއޭ، މީހަކާ ވާހަކަދެއްކުނަވެސް ނުދެއޭ )ފަރީދު( ބުނަނީ،" ހަތަރު ކުދިންގެ މަންމަ ފަރީދާ ބުންޏެވެ.
ފަރީދުގެ އާއިލާއިން ބުނާ ގޮތުގައި، ޖޫލިއާގެ އަންހެނުންގެ ބޮޑުދައިތަ މަރާލިކަމުގެ ތުހުމަތު ފަރީދުގެ ބޮލުގައި އަޅުވަނީ، އަނބިމީހާއާ ޖެހިފައިވާ މައްސަލަތައް ގޯސްވެ، ވަރިފަށަށް އަރައިފައިވާތީ ކަމަށެވެ. އާއިލާ އިން ބުނީ ދެމީހުންގެ ވަރީގެ މައްސަލަ އޮތީވެސް ކޯޓުގައި ކަމަށެވެ.
"ފަރީދު އެކަހަލަ ކަމެއް ނުކުރާނެ." ފަރީދުގެ މަންމަ ބުންޏެވެ.
ބޭރުގެ ޚަބަރުތައް ބުނާ ގޮތުގައި، މަރާލައިފައި އޮއްވައި ޖެނެޓްގެ ހަށިގަނޑު ފެނުނީ އެދެމަފިރިން ހޮންކޮންގައި ދިރިއުޅެމުންދިޔަ ގޭގައި އިން ސޯފާއެއްގެ ބިއްދޮށުގައި ފޮރުވައިފަ އޮއްވަ އެވެ. ފެނުނުއިރު އޭނާގެ ބޮލަށް ޒަޚަމްތަކެއް ލިބިފައިވާ ކަމަށް ވެސް ރިޕޯޓުތައް ބުނެ އެވެ.
އޭނާ އެންމެ ފަހުން ފެނުނު ކަމަށްވަނީ މާޗް 15 ވަނަ ދުވަހު އެވެ. ކައިރި އަވަށަކަށް ގޮސްފައި އަންނާނެ ކަމަށް ބުނެ އެދުވަހު ގެއިން ބޭރަށް ދިޔަފަހުން އަނބުރާ ނާންނަ ކަމަށް ޖޫލިއާއާ ހަވާލާދީ ނޫސްތަކުގައި ބުނެފައި ވެއެވެ. އަދި ހައްޔަރުކޮށްފައިވާ މީހާއަކީ އޭނާ އިނދެގެން އުޅޭ ދިއްވެއްސެއް ކަމަށް ފުރަތަމަ ނޫސްތަކުގައި ޖަހައިފައިވަނީވެސް ވަނީ ވެސް ޖޫލިއާއާ ހަވާލާދީ އެވެ.
ސަން އަށް އެނގިފައިވާ ގޮތުގައި، ޖޫލިއާއާ ފަރީދު ބައްދަލުވީ ފ. އަތޮޅުގެ ފިލިތެޔޮ ރިސޯޓުގައި ދެމީހުން މަސައްކަތްކުރަމުންދިޔައިރު އެވެ. އަދި އެ ރިސޯޓުން ވެސް ވަނީ މިކަން ކަށަވަރުކޮށްދީފަ އެވެ. އަޚްލާގީ މައްސަލަތަކެއްގެ ސަބަބުން ރިސޯޓުގެ ވަޒީފާއިން ފަރީދު 2002 ވަނަ އަހަރު ވަކިކޮށްފައިވާ ނަމަވެސް، ޖޫލިއާ އެތަނުން ކެނޑިގެން ދިޔައީ 2004 ވަނަ އަހަރެވެ.