ޕީއޭއާ އެކު ޑީއާރުޕީން ހަދާފައިވާ ކޯލީޝަނުން ވަކިވުމަށް ޑީއާރުޕީ ކައުންސިލަށް އެ ޕާޓީގެ ޑިޕިއުޓީ ލީޑަރު އަލީ ވަހީދު ގޮވައިލައްވައިފި އެވެ.

ރައްޔިތުންގެ މަޖިލީހުގެ ގޭ ކައިރީގައި، ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން، އަލީ ވަހީދު މިއަދު ވިދާޅުވީ، ޕީއޭއާ އެކު އޮތް ކޯލިޝަނަކީ ނަމެއްގައި އޮތް އެއްޗެއް ކަމަށެވެ. އަދި މަޖިލީހުގެ މުހިއްމު ވޯޓުތަކުގައި ޕީއޭ އިން ސަރުކާރާ އެކު ޑީލް ހަދަމުންދާ ކަމަށް ވެސް އަލީ ވަހީދު ތުހުމަތު ކުރެއްވި އެވެ.

~
"ޑީއާރުޕީއަކަށް އެއްއިރެއްގައި ވެސް މަޖިލީހުގެ މެޖޯރިޓީއެއްނޯވޭ. ޑީއާރުޕީން މަޖިލީހުގައި މަސައްކަތް ކުރަނީ، ޕީއޭއާ އެކު ކޯލިޝަން ހަދައިގެން، އެގޮތުން ވެސް ލިބެނީ ހަނި އަޣުލަބިއްޔަތެއް. ޑީއާރުޕީ ޕީއޭގެ ކޯލީޝަން ނަމެއްގައި ނުބޭއްވުމަށް ކައުންސިލަށް އަޅުގަނޑު ގޮވައިލަން. ޕީޕަލް އެލަޔަންސްގެ ހުރިހާ ވޯޓެއް ފަހަކަށް އައިސް ދެމުންދަނީ ސަރުކާރާ ޑީލް ހަދައިގެން،" އަލީ ވަހީދު ވިދާޅުވި އެވެ.

އަލީ ވަހީދު ވިދާޅުވީ، ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ބްރޯޑްކާސްޓިން ކޮމިޝަނަށް މެންބަރުން އައްޔަން ކުރުމަށް ވޯޓު ނަގަމުންދިޔަ އިރު، ސިސްޓަމްގައި މައްސަލަ އުޅޭ ކަމަށް ވިދާޅުވެ އަޑުގަދަ ކުރެއްވީ، ޑީއާރުޕީން ވިޕް ނެރެފައިވާ އުސޫލާ ހިލާފަށް ޕާޓީގެ މެންބަރުން ވޯޓު ދެއްވަމުން ދާކަން ފާހަގަ ކުރެއްވިގެން އެކަމަކީ ސިސްޓަމްގެ މައްސަލައެއްތޯ، ނުވަތަ މެންބަރުން ވޯޓުދެއްވާ ގޮތްތޯ ބެއްލެވުމަށް ކަމަށެވެ. އަދި މިއަދު ފަސް ބޭފުޅެއްގެ ނަން ފާސްކުރުމަށް ޑީއާރުޕީން ތްރީލައިން ވިޕް ނެރެފައިވަނިކޮށް ޕާޓީގެ ބައެއް މެންބަރުން ވޯޓު ނުދެއްވުމުގެ ސަބަބުން އެތަނުން އެއް ބޭފުޅަކު ފެއިލްވި ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

"ބަދުރުއްނަސީރާއި ހަނާ އާއި ޝަހީބާއި ޝައުގީގެ އިތުރުން ނޫރާގެ ނަން ފާސްކުރުމަށް އަޅުގަނޑުމެން ތްރީ ލައިންވިޕް ނެރުނިން. އަދި (ކޮމިޝަނަށް ނުހޮވުނު) އިސްމާއިލް ޝަފީގަށް އަޅުގަނޑުމެން ނެރުނީ ތްރީލައިން ރެޑް ވިޕް ނަމަވެސް ފެނިގެން ދިޔައީ ޑީއާރުޕީ އިތުރަށް ހަރުދަނާކުރުމަށް ވާހަކަ ދައްކާ ބޭފުޅުން، މިސާލަކަށް ގަލޮޅު ދެކުނު ދާއިރާގެ މެންބަރު އަހްމަދު މަހްލޫފު މެން ފަދަ ބޭފުޅުން ޕާޓީގެ ލައިން އެއްކޮށް ދޫކޮށްލައި އެފަދަ ބޭފުޅުންނަށް ވޯޓު ދެއްވައިގެން، އެމްޑީޕީއާ އެއްކޮށް އަދި ޕީއޭއާ ގުޅިގެން ވަކި ލިސްޓެއް ނެގުމަށް މަސައްކަތްކުރި މަންޒަރު،" އަލީ ވަހީދު ވިދާޅުވި އެވެ.

އަލީ ވަހީދު ވިދާޅުވީ ފަސް ނަމުގެ ތެރެއިން ހަތަރު ނަމެއް މިއަދުގެ ޖަލްސާ އިން ފާސްކޮށްފައިވާއިރު ނޫރާގެ ނަން ވަނީ ފެއިލްކޮށްލައިފައި ކަމަށެވެ.