24 Sep 2015, 14:17
ފިންލޭންޑުގެ ގޭމް އުފައްދާ ކުންފުންޏެއް ކަމަށްވާ ރޯވިއޯ އެންޓަޓެއިންމަންޓުން 2009 ވަނަ އަހަރު ނެރުނު، މަޝްހޫރު ގޭމް ސީރީޒް "އެންގްރީ ބާޑްސް"ގެ މައްޗަށް އުފައްދާ ފުރަތަމަ އެނިމޭޓެޑް ފިލްމުގެ ޓްރެއިލާ އިއްޔެ ރިލީޒް ކޮށްފި އެވެ.
ކްލޭ ކޭޓިސް އަދި ފާގަލް ރެއިލީ ޑައިރެކްޓްކުރާ ތްރީޑީ ކޮމްޕިއުޓަރު އެނިމޭޑެޓް އެކްޝަން ކޮމެޑީ ފިލްމު ގައި އެންގްރީ ބާޑްސްގެ މައި ކެރެކްޓާރ، ރެޑް އަށް އަޑު އަޅާފައިވަނީ، "ހޮރިބަލް ބޮސެސް"ގެ ދެ ފިލްމުގައި ފެނިގެންދާ ތަރި ޖޭޝަން ސޫޑެއިކިޝް އެވެ.
މީގެ އިތުރުން ރީނދޫ ކުލައިގެ ޗަކްއަށް ޖޯޝް ގޭޑް އަޑު އަޅައިދީފައިވާއިރު، ކަޅު ކުލައިގެ ބިޔަ، ބޮމް ނަމަކަށް ކިޔާ ދޫންޏަށް އަޑު އަޅައިދީފައިވަނީ ކޮމޭޑިން ޑެނީ މެކްބްރައިޑެވެ.
"އެންގްރީ ބާޑްސް"ގެ ގޭމުގައި ފެންނަ ނުބައި ފެހި ކުލައިގެ އޫރަށް، ފިލްމުގައި އަޑު އަޅާފައިވަނީ، މިއަހަރު ނެރުނު އެނިމޭޓެޑް ފިލްމު، "އިންސައިޑް އައުޓް" ގައި އުޅޭ ފިއާ އަށް އަޑުއަޅާދީފައިވާ ބިލް ހޭޑާއެވެ.
ފިލްމު، "އެންގްރީ ބާޑްސް" ރިލީޒްކުރަން ހަމަޖެހިފައިވަނީ އަންނަ އަަހަރުގެ މޭ މަހުގެ ތެރޭގައެވެ.