24 Sep 2015, 11:40
މޮސްކޯ (ސެޕްޓެމްބަރު 24): ބަރަކާތްތެރި އަޟްޙާ އީދާ ގުޅިގެން ރަޝިޔާގެ ރައީސް ވްލަޑިމޭރު ޕޫޓިން އެގައުމުގެ އެންމެ ބޮޑު މިސްކިތް އިފްތިތާޙް ކޮށްދެއްވައިފިއެވެ.
އެއްފަހަރާ 10،000 މީހުންނަށް ނަމާދުކުރެވޭ މި މިސްކިތަކީ މުޅި ޔޫރަޕްގައިވެސް މިހާތަނަށް ބިނާކުރި އެންމެ ބޮޑު މިސްކިތެވެ. އެންމެ ފުރަތަމަ 1904 ވަނަ އަހަރު ބިނާކުރި މި މިސްކިތް ކުޑަކަމުން އެތަނުގެ ބޮޑުބައެއް 2011 ވަނަ އަހަރު ތަޅާލުމަށްފަހު ވަރަށް ބޮޑުކޮށް އިސްލާމީ މިޢުމާރީ ފަންނުތަކާއި ޑިޒައިންތަކާ އެއްގޮތަށް ވަރަށް ފުރިހަމައަށް ބިނާކުރުމަށްފަހު އަލުން މި މިސްކިތް މިވަނީ ހުޅުވާފައެވެ.
މޮސްކޯގެ ހުކުރު މިސްކިތުގެ ނަމުން ނަންދީފައިވާ މި މިސްކިތް އިފްތިތާޙް ކުރުމަށްފަހު ޕޫޓިންވަނީ މިސްކިތުގެ އެތެރެ ބައްލަވާލައްވައި އެމިސްކިތުގެ އިމާމުންނާއި މުސައްލީންނާ ސަލާމް ކުރައްވައި އެމީހުންނަށް މަރްޙަބާ ވިދާޅުވެފައެވެ. އެއަށްފަހު އެތަނަށް އެއްވެ ތިބި ރަޝިޔާގެ މުސްލިމުންނާ މުޚާތަބު ކުރައްވައި ދެއްކެވި ކުރު ވާހަކަ ފުޅެއްގައި ޕޫޓިން ވިދާޅުވީ، މިއީ ރަޝިޔާ ގެ މުޅި އުންމަތް ފަޚްރުވެރިވާނެ މިސްކިތެއް ކަމަށާއި މުސްލިމުންނާއި މިސްކިތްތައް ރަޝިޔާގައި ގިނަވުމަކީ އޭނާގެ ސަރުކާރުން މަރްޙަބާ ކިޔާ ކަމެއްކަމުގައެވެ. އަދި ހައްދު ފަހަނަޅާފައިވާ ފަރާތްތަކާއި ދީނުގެ ނަމުގައި ހަރުކަށި އަމަލުތައް ހިންގާ ފަރާތްތައް ފިޔަވައި އެހެން މުސްލިމުންނަށް ރަޝިޔާގެ މުޖްތަމައުުގައި ފުރްސަތު އޮތްކަމަށް ޕޫޓިން ވިދާޅުވިއެވެ.
މީގެއިތުރުން އިސްލާމް ދީނަކީ ސުލްހަވެރި ރަނގަނޅު ކަންކަމަށް އަމުރުކުރާ ދީނެއްކަމަށާއި އިސްލާމް ދީނުގެ ނަމުގައި ހަރުކަށި އަމަލުތައް ހިންގާ ފަރާތްތަކާ އިސްލާމް ދީނާ ގުޅުމެއްނުވާ ކަމަށް ދެކެވަޑައިގަންނަވާ ކަމަށްވެސް ޕޫޓިން ވިދާޅުވިއެވެ.
ރަޝިޔާގެ ވެރިރަށް މޮސްކޯގައި ރަނގަނޅު ފެންވަރަށް ބިނާކޮށްފައިވާ 6 މިސްކިތް މިހާރު ހުރެއެވެ. މިތަންތަނަކީ ރަޝިޔާގެ މުސްލިމުންގެ އެހީގައި ބިނާކޮށްފައިވާ މިސްކިތްތަކެކެވެ. މޮސްކޯގެ ހުކުރު މިސްކިތް ބިނާކުރުމަށް ހިނގާފައިވާ ޖުމްލަ ޚަރަދަކީ 180 މިލިޔަން އެމެރިކާ ޑޮލަރެވެ. މީގެތެރެއިން 100 މިލިޔަން ޑޮަލަރު ހަދިޔާ ކޮށްފައިވަނީ ރަޝިޔާގެ ޕާލަމެންޓް މެންބަރެއްކަމަށްވާ ސުލައިމާން ކަރީމޯވް އެވެ. އޭނާއަކީ ރަޝިޔާގެ ދޮން ނަސްލުގެ މުސްލިމް މަހުޖަނެކެވެ. ރަޝިޔާގެ އެކިކަންކޮޅުތަކުގައި މިސްކިތްތައް ބިނާކުރުމަށް ސުލައިމާން އެހީތެރިވެދެއްވައެވެ.
މީގެއިތުރުން ރަޝިޔާގައި އެހެން މިސްކިތްތައް ބިނާކުުރުމަށް އެހީ ދޭ ފަރާތްތަކުގެ ތެރޭގައި ތުރުކީއާއި އިސްލާމީ އެހެން ގައުމުތައްވެސް ހިމެނެއެވެ. މޮސްކޯގެ ހުކުރު މިސްކިތް އިފްތިތާޙް ކުރުމުގެ ރަސްމިއްޔާތުގައި ޕޫޓިންގެ އަރިހުގައި ތުރުކީގެ އިސްލާމީ ލީޑަރު އަދި އެގައުމުގެ ރައީސް ރަޖަބް ތައްޔިބު އުރުދުޣާން އާއި ފަލަސްތީނުގެ ރައީސް މަހްމޫދު އައްބާސް އާއި އިސްލާމީ ދެގައުމު ކަމަށްވާ ކަޒަކިސްތާނާއި ކިރްގިސްތާނުގެ ރައީސުންގެ އިތުރުން ރަޝިޔާގައި ތިއްބަވާ އިސްލާމީ ގައުމުތަކުގެ ސަފީރުން ބައިވެރިވެ ވަޑައިގެންނެވިއެވެ.
މޮސްކޯގެ ހުކުރު މިސްކިތް އިފްތިތާޙް ކޮށްދެއްވިއިރު ސޫރިޔާގެ ރައީސް ބައްޝާރުލްއަސަދުގެ ވެރިކަން ދެމެހެއްޓުމަށް ރަޝިޔާއިން އަސްކަރީ ގޮތުން އެހީތެރިވާ މައްސަލާގައި ޕޫޓިންނަށް މުސްލިމުންގެ ފާޑުކިޔުންތައް ވަނީ އަމާޒުވެފައެވެ. ނަމަވެސް ރަޝިޔާގެ މަސްއޫލުވެރިން ވިދާޅުވާގޮތުގައި ބައްޝާރަށް އެހީތެރިވަނީ ސޫރިޔާގައި ހަރަކާތްތެރިވާ ހައްދު ފަހަނަޅާފައިވާ ޓެރަރިސްޓް ޖަމާއަތްތައް ކަމަށްވާ އައިއެސް ޖަމާއަތްފަދަ ޖަމާއަތްތަކުގެ އަތްދަށަށް ސޫރިޔާ ދިޔުމާއި އެގައުމުގެ ވެރިކަމުގެ ނިޒާމް ރޫޅިގެން ދިޔުން މަނާކުރުމަށެވެ. މިފަދަ ޖަމާއަތްތަކަކީވެސް ސޫރިޔާގެ ކުށެއްނެތް ރައްޔިތުން ޑަޒަން ޑަޒަނަށް މަރަމުން ގެންދާ ޖަމާއަތްތަކެއް ކަމަށާއި މިފަދަ ޖަމާއަތްތަކުގެ އަތްދަށަށް ސޫރިޔާ ގޮސްފިނަމަ އަވަށްޓެރި އިސްލާމީ ގައުމުތައްވެސް ފަނާކޮށްލާނެ ކަމުގެ ބިރު އެބައޮތްކަމަށް ރަޝިޔާއިން ބުނެއެވެ.
ރަޝިޔާއަކީ ގާތްގަނޑަކަށް 20 މިލިޔަން މުސްލިމުން ދިރިއުޅޭ ގައުމެކެވެ. ރަޝިޔާގެ އިއްތިޙާދުގައި އިސްލާމީ ކުދިކުދި ޖުމްހޫރިއްޔާތައް ހިމެނެއެވެ. (ނޫސްއެޖެންސީތައް)