22 Mar 2011, 18:46
ރައްޔިތުންގެ މަޖިލީހުން އިއްޔެ ރުހުން ދެއްވި ހޯމް މިނިސްޓަރު ހަސަން އަފީފުގެ އިތުބާރު ނެތްކަމުގެ މައްސަލަ މަޖިލީހަށް ވެއްދުމަށް ޑީއާރުޕީގެ ޕާލަމެންޓަށް ހުށަހަޅުއްވާނެ ކަމަށް އެ ޕާޓީގެ ޑިޕިއުޓީ ލީޑަރު އަދި ރައްތިރުންގެ މަޖިލީހުގެ ތޮއްޑޫ ދާއިރާގެ މެންބަރު އަލީ ވަހީދު ވިދާޅުވެއްޖެ އެވެ.
ހަސަން އަފީފަށް ރުހުން ނުދިނުމަށް ޑީއާރުޕީން ތްރީލައިން ވިޕް ނެރެފައިވަނިކޮށް، އެޕާޓީގެ ފިކުރަށް މަޖިލީހުގައި އާއްމުކޮށް ވޯޓު ދެއްވަމުން ގެންދަވާ ޖުމްހޫރީ ޕާޓީގެ ލީޑަރު، މާމިގިލީ ދާއިރާގެ ގާސިމް އިބްރާހިމާއި ގައުމީ ޕާޓީގެ ވިލުފުށީ ދާއިރާގެ ރިޔާޒު ރަޝީދު ވޯޓު ދެއްވި ގޮތުން އަފީފަށް ރުހުން ލިބިފައިވާތީ، އަލީ ވަހީދު މިއަދު ވިދާޅުވީ، ހަސަން އަފީފުގެ އިތުބާރުނެތް ކަމުގެ މައްސަލަ މަޖިލީހަށް ވައްދާނެ ކަމަށެވެ. އަދި އެ މެންބަރުން ވޯޓު ދެއްވި ގޮތަށް ވެސް އަލީ ވަހީދު ވަނީ ވަރަށް ބޮޑަށް ފާޑު ވިދާޅުވެފަ އެވެ.
"އަފީފަށް ރުހުންނުދޭން އަޅު ގަނޑުމެން ގާސިމާ ވެސް މަޝްވަރާކުރިން. އެހެންނޫނަސް. ކ. ތުލުސްދޫ އާއި ށ. ފުނަދޫ ރައްޔިތުންނާ ދޭތެރޭ ކަންތައްވެދިޔަ ގޮތް ކޮންމެ މެންބަރަކަށް ވެސް އެނގިވަޑައިގަންނަވާނެ.
އަޅުގަނޑު ތުލުސްދޫ ދާއިރާގެ ރޮޒެއިނާ އާދަމަށާއި ފުނަދޫ ދާއިރާގެ އަލީ ސަލީމަށް ދަންނަވާނަން އަފީފުގެ އިތުބާރު ނެތްކަމުގެ މައްސަލަ ވެއްދުމަށް. އޭގައި ފުރަތަމަ މީހަކަށް އަޅުގަނޑު ސޮއިކުރާނަން. އެބޭފުޅުން [އެމައްސަލަ] ނުވައްދައިފި ނަމަ އަޅުގަނޑު ވެސް އެ މައްސަލަ ވައްދާނަން،" އަލީ ވަހީދު ވިދާޅުވި އެވެ.
އަލީ ވަހީދު ވިދާޅުވީ، އެމައްސަލަ މަޖިލީހަށް ވެއްދުމަށް ޕާލަމެންޓްރީ ގްރޫޕުގެ ބައްދަލުވުމުގައި ވެސް ހުށަހަޅުއްވާނެ ކަމަށެވެ. އަދި އެކަން ފާސްވުމާއި ނުވުމަކީ އެހެންކަމެއް ކަމަށާއި ބޭނުމަކީ ރައްޔިތުންނަށް ޓަކައި މަސައްކަތްކުރުން ކަމަށް ވެސް އަލީ ވަހީދު ވިދާޅުވި އެވެ.