ޓްރިޕޮލީ : ލީބިޔާގެ މަތިން އުދުހުން މަނާ ސަރަޙައްދެއް ޤާއިމް ކުރުމަށް އދ. ން ފާސްކޮށްފައިވާޤަރާރު ތަންފީޒުކުރުމުގައި ޙަރަކާތްތެރިވާ ހުޅަނގުގެ ބާރުތައް ރޭވެސް ލީބިޔާގެ އެތަށް ސަރަޙައްދަކަށް ވައިގެ ޙަމަލާތަކެއްދީފިއެވެ.

ރޭގެ ޙަމަލާތަކާއެކުވެސް ގައްޒާފީ ދިރިއުޅުއްވާ ބާބުލްޢަޒީޒިއްޔާ އެކުވެނީގައި ގޮވުންތަކެއް ގޮވިކަމަށާއި ގައްޒާފީގެ ބާރުތަކުން ހުޅަނގުގެ ބޯޓުތަކަށް ޙަމަލާދެމުން ގެންދިޔަ ކަމަށް މަންޒަރުދުށްމީހުންނާ ޙަވާލާދީ ބީ.ބީ.ސީ ޚަބަރުދެއެވެ. ހުޅަނގުން ރޭދިން ޙަމަލާތަކުގައިވެސް ގިނަޢަދަދެއްގެ ޢާންމުން މަރުވި ކަމަށް ލީބިޔާ ސަރުކާރުން ބުނެއެވެ.

ޙަމަލާތައް ހުއްޓާލިކަން ގައްޒީފީގެ ބާރުތަކުން އިޢްލާންކޮށްފައިވީ ނަމަވެސް ލީބިޔާގެ އިދިކޮޅު ހަނގުރާމަވެރިންނާއި ގައްޒާފީގެ ބާރުތަކާދެމެދު މިސްރާތާއާއި އަޖްދާބިޔާގައި ވަރުގަދައަށް ހަނގުރާމަ ހިނގިކަމަށް އިދިކޮޅު ހަނގުރާމަވެރިން ބުނެއެވެ. އަނެއްކޮޅުން އެމެރިކާގެ ރައީސް ބަރަކް އޮބާމާވަނީ ލީބިޔާއާ ދެކޮޅަށް ހިންގާ ޢަސްކަރީ އޮޕަރޭޝަން ކޮމާންޑްކުރުމުގެ ކަންތައް ނޭޓޯއާ ޙަވާލުކުރާނެ ކަން ހާމަކުރައްވާފައެވެ.

އޮބާމާ ވިދާޅުވީ އެމެރިކާ މިއޮޕަރޭޝަން ލީޑް ނުކުރާނެކަމަށާއި އެމެރިކާގެ ދައުރަކީ މިކަން ވިލަރެސްކުރުން ކަމުގައެވެ. ނަމަވެސް ނޭޓޯގެ ބޮޑު ދެޤައުމުކަމަށްވާ ފަރަންސޭސިވިލާތާއި ތުރުކީން މިކަމާ ދެކޮޅު ހަދައެވެ. މިދެޤައުމުންވަނީ ނޭޓޯއިިން މިއޮޕަރޭޝަން ލީޑްނުކުރާނެ ކަމަށް ބުނެފައެވެ.

ނޭޓޯގެ ކޮމާންޑްގެ ދަށުން ލީބިޔާއާ ދެކޮޅަށް ހިންގާ ޢަސްކަރީ އޮޕަރޭޝަނެއްގައި ބައިވެރިވުމަށް ޢަރަބި ޤައުމުތަކުން ފަސްޖެހެމުންދާ ކަމަށް ޚަބަރުތައް ބުނެއެވެ. ލީބިޔާއާ ދެކޮޅަށް ހިންގާ ޢަސްކަރީ އޮޕަރޭޝަނަކީ ގައްޒާފީގެ ދުވަސްދުއްވާލައި ލީބިޔާގެ ވެރިކަން އިދިކޮޅު ފަރާތްތަކަށް ލިބުމަށް މަގުފަހިކުރުމުގެ އޮޕަރޭޝަނެއް ނޫންކަމަށް އެމެރިކާގެ މަސްއޫލުވެރިން ވިދާޅުވެއެވެ.

ނަމަވެސް މިއޮޕަރޭޝަންގެ ސިއްރު ލަނޑުދަނޑިއަކީ ގައްޒާފީ އަވަހާރަކޮށްލުން ނޫނީ ލީބިޔާއަށް ބޭރަށް ވަޑައިގަތުމަށް ގައްޒާފީއަށް މަޖްބޫރު ކުރުވުން ކަމަށް މުޙައްލިލުން ދެކެވަޑައިގަންނަވައެވެ. ބީ.ބީ.ސީ)