ހައްޖުގެ މަތިވެރި އަޅުކަމާއި ގުޅިގެން އަންނަ އަޟްހާ އީދުގެ މުނާސަބަތުގައި މިސްރުގެ ޖަލުގައި ބަންދުކޮށްފައި ތިބި 100 ކުށްވެރިން މިނިވަންކޮށްފި އެވެ.

މިސްރުގެ ރައީސް އަބްދުއް ފައްތާހު އަލް ސީސީއާ ހަވާލާދީ އެގައުމުގެ ސަރުކާރުން ބުނެފައިވަނީ އަލްޖަޒީރާގެ ދެ ނޫސްވެރިން ހިމެނޭގޮތަށް 100 ކުށްވެރިން މިނިވަން ކުރަން ރައީސް ނިންމަވާފައި ވަނީ އަޟްހާ އީދާއި ގުޅިގެން ކަމަށެވެ.

އަލް ޖަޒީރާގެ ދެ ނޫސްވެރިން ޖަލަށް ލާފައި ވަނީ ނޫސްވެރިންގެ ނަމުގައި އެކްޓިވިސްޓުންގޮތަށް ހަބަރުފަތުރަމުންދާ ކަމަށް ބުނެ އެވެ.

މިސްރުގެ ސަރުކާރުން މިއަދު މިނިވަން ކުރި 100 ކުށްވެރިންގެ ތެރޭގައި 2013 ވަނަ އަހަރު މިސްރުގައި ހިންގި ބަޣާވާތުގައި އޭރު މިސްރުގެ ރައީސް އަދި މުސްލިމް ބްރަދަހުޑްގެ ލީޑަރު މުހައްމަދު މުރްސީއަށް ތާއީދުކުރި ބައެއް މީހުންވެސް ހިމެނޭ ކަމަށް މިސްރު ސަރުކާރުން ވަނީ ބުނެފަ އެވެ.

މީގެ ކުރިންވެސް މިސްރުގެ ވެރިކަމުގައި ތިއްބަވާ ބޭފުޅުން ވަނީ އެކި މުނާސަބާތަކާއި ގުޅިގެން ކުށްވެރިންނަށް އަފޫއާމް ދެއްވާފަ އެވެ.