މި ދުވަސްވަރު ވިއްސާރަވުމާއެކު ފެންހަރުލާ ގޮތަށްހުންނަ ތަންތަން ގިނަވުމުން މަދިރި އާލާވުން އިތުރުވެ، ޑެންގީހުން ފެތުރޭ މިންވަރު އިތުރުވެފައިވާތީ ސަމާލުވުމަށް، ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން އިލްތިމާސްކޮށްފި އެވެ.

ޑެންގީހުމުން ރައްކާތެރިވުމުގެ ގޮތުން ދުރާލާ މަދިރި މަދުކުރުމުގެ މަސައްކަތްތައް ކުރުމަށް ގޮވާލައި އެޗްޕީއޭއިން ނެރުނު ހެލްތް އެލާޓުގައި ބުނެފައި ވަނީ މަދިރި ކޮންޓްރޯލްކުރުމަކީ އެންމެންގެ ޒިންމާއެއް ކަމުގައިވާތީ ރައްކާތެރިވުމުގެ ފިޔަވަޅުތައް އެޅުމަކީ މުހިންމުކަމެއް ކަމަށެވެ.

ވިއްސާރަވުމުގެ ސަބަބުން ގިނަ ރަށްރަށުގައި ވަލުތެރެއާއި ގޯތިތެރޭގައި ފެންހަރުލާ ގޮތަށް ހުންނަ ތަންތަން ހަފްތާއަކު އެއްފަހަރު ނައްތާލައި ފެން ހުސްކުރުމަށާއި ޑަސްބިންފަދަ ތަކެތި ފެންނޭޅޭގޮތަށް މަތިބަންދުކޮށްފައި ބެހެއްޓުމަށްވެސް އެޗްޕީއޭއިން ވަނީ އިލްތިމާސްކޮށްފަ އެވެ.

ޑެންގީން ރައްކާތެރިވުމަށް ކުރެވިދާނެ ކަންކަން

  • މަދިރިން ރައްކާތެރިވުމުގެ ގޮތުން ހަށިގަނޑު ނިވާވާފަދަ ހެދުން އެޅުމާއި، މަދިރި ލޯޝަން އަދި މޮސްކިޓޯ ރެޕެލެންޓް ފަދަ ތަކެތި ބޭނުން ކުރުން.
  • އިރުއޮއްސޭ ވަގުތާއި އިރުއަރާ ވަގުތު މަދިރިއަށް ނުވަދެވޭނެފަދަ ގޮތަކަށް ދޮރުތައް ބަންދުކޮށްފައި ބެހެއްޓުން.
  • އާންމު ސާފުތާހިރުކަމަށް ޚާއްސަ ސަމާލުކަންދިނުން.
  • ހުންއައިސް 03 ދުވަހަށްވުރެ އިތުރުވާނަމަ ޑޮކްޓަރެއް ނުވަތަ ސިއްޙީ އެހީތެރިއެއްގެ ލަފައާއި އިރުޝާދު ހޯދުން.

މިއަހަރުގެ ކުރީކޮޅު ޑެންގީ ޖެހުން އިތުރުވެ ރާއްޖެއާއި މާލޭގައި ވަނީ މަދިރި ނައްތާލުމަށް ގިނަ ޕްރޮގްރާމްތަކެއް ހިންގާފަ އެވެ. ވޭތުވެދިޔަ ފަސް އަހަރު ޑެންގީ ނުފެތުރޭހާ ބާރުމިނުގައި މިއަހަރުގެ ކުރީކޮޅު ޑެންގީ ފެތުރި ފަސް މީހަކު ވަނީ ބަލީގައި ދުނިޔެ ދޫކޮށްފަ އެވެ.