ނައިޓް މާކެޓް ބޭއްވުމާ މެދު މާލޭ ސިޓީއާ ކައުންސިލާއި ދިވެހި ވިޔަފާރިވެރިންގެ ގައުމީ ޖަމިއްޔާއާ ދެމެދު ހިޔާލުތަފާތުވުންތައް އުފެދިއްޖެ އެވެ.

އަންނަ ޖޫން މަހު ފަހުކޮޅު ނައިޓް މާކެޓް ބޭއްވުމަށް ވިޔަފާރިވެރިންގެ ޖަމިއްޔާ އިން ނިންމާފައިވީ ނަމަވެސް، އެކަމުގެ ހުއްދަ މާލޭ ސިޓީ ކައުންސިލުން ނުދިނުމުން ދެ ފަރާތުގެ މެދުގައި ވަނީ ހޫނު ބަހުގެ ހަމަލާތަކެއް ރައްދުކޮށްފަ އެވެ.

މާލޭ ސިޓީގެ މޭޔަރު ސަރަންގު އާދަން މަނިކު މިއަދު ވިދާޅުވީ ނައިޓް މާކެޓް ބޭއްވުމުގެ ހުއްދަ ދިނުމަށް ނިންމާފައިވާ ކަމަށާއި އެ ހުއްދަ ދިނުމުގެ ކުރިން ވިޔަފާރިވެރިންގެ ޖަމިއްޔާއާ އެކު މަޝްވަރާކޮށް، ވަކި ކަންތައްތަކަކަށް އެ ޖަމިއްޔާ އިން އެއްބަސްވާން ޖެހޭނެ ކަމަށެވެ.

"ނައިޓް މާކެޓަށް މި ދެނީ ބޮޑުތަކުރުފާނު މަގުގެ ދެބައިކުޅަ އެއްބައި ބަންދުކޮށްލަން. މާލޭގެ ދެކުނު ފަރާތަކީ ފަޅުތެރޭގެ ކާރުބާރު ބޮޑު ސަރަހައްދެއް. ޕެޓްލޯ ޝެޑްތައް ވެސް އެތާނގައި ހުންނަ އިރު އަލިފާނުގެ ހާދިސާއެއް ހިނގައިފި ނަމަ ސަލާމަތްވާނެ ގޮތެއް ވެސް ނޯވޭ. ޓޯޔާޑު ވެސް ހުންނަނީ އެތާންގައި. ހަމައެއާ އެކު މާލެ ޖަލު ވެސް ހުންނަނީ ބޮޑުތަކުރުފާނުގެ މަގުގެ އެހިސާބުގައި. ދެން އެހެންވީމާ ވިސްނަލަން ޖެހޭ ނައިޓް މާކެޓް ބޭއްވުމަށް އެހެން ސަރަހައްދެއް މާލޭގައި ހުރިތޯ،" ސަރަނގު ވިދާޅުވި އެވެ.

ސަރަނގު ވިދާޅުވީ ވިޔަފާރިވެރިންގެ ޖަމިއްޔާއާ އެކު ކުރާ މަޝްވަރާތަކަށް ފަހު ނައިޓް މާކެޓުން މާލޭ ސިޓީ އަށް "ޗާޖެއް ކުރާ ގޮތަށް ވެސް ހަމަޖެހިދާނެ [ކަމަށާއި] ސަރަހައްދު ވެސް ބަދަލުވެދާނެ" ކަމަށާއ އަދި ނައިޓް މާކެޓް "ނުބޭއްވޭ ގޮތަށް" ވެސް ހަމަޖެހިދާނެ ކަމަށެވެ.

މާލޭ ސިޓީގެ އެ ވިސްނުމަށް ވަރަށް ބޮޑަށް ފާޑު ވިދާޅުވެ، ވިޔަފާރިވެރިންގެ ޖަމިއްޔާގެ އިސް އޮފިޝަލަކު ނަން ހާމަނުކުރުމަށް ޝަރުތުކޮށް ވިދާޅުވީ ނައިޓް މާކެޓް ބޭއްވުމަށްޓަކައި މަޝްވަރާ ކުރުމަށް މާލޭ ސިޓީން ރަސްމީކޮށް ޖަމިއްޔާ އަށް އަންގާފައިވާ ނުވާ ކަމަށެވެ. ނަމަވެސް އެ މުއައްސަސާއަށް ލިބިގެންވާ ގާނޫނީ ބާރުގެ ބޭރުން އަންގާ އެންގުންތަކަށް އެ ޖަމިއްޔާ އިން ކިޔަމަންވާން ނުޖެހޭނެ ކަމަށެވެ.

ވިޔަފާރިވެރިންގެ ޖަމިއްޔާގެ އޮފިޝަލް ވިދާޅުވީ މާލޭގައި ނައިޓް މާކެޓް ބޭއްވުމުގެ ހުއްދަ ދިނުން އޮތީ ހަމައެކަނި މާލޭ ސިޓީ ކައުންސިލަށް ކަމަށާއި އެ ކައުންސިލުން ބޭނުން ގޮތަކަށް ނިންމިދާނެ ކަމަށެވެ. އަދި ނައިޓް މާކެޓް ބޭއްވުމަކީ އެ ޖަމިއްޔާއިން ކުރާ ކަމެއްގެ ބަދަލުގައި މާލޭ މުނިސިޕަލްޓީން ބާއްވާ ކަމަކަށް ވެސް ހެދިދާނެ ކަމަށެވެ.