ނ. މާފަރުގައި އެއާޕޯޓެއް ހަދަން އިއުލާން ކުރިތާ 7 އަހަރު ފަހުން އެ އެއާޕޯޓްގެ މަސައްކަތް މިއަދު ރަސްމީކޮށް ފަށައިފިއެވެ.

އެ މަސައްކަތް ރަސްމީކޮށް ފައްޓަވާދެއްވީ ރައީސުލްޖުމްހޫރިއްޔޭގެ ނައިބު އަހުމަދު އަދީބު އެވެ.

އެއާޕޯޓްގެ މަސައްކަތް ހަވާލުކޮށްފައި ވަނީ މިލޭނިއަމް ކެޕިޓަލް މެނޭޖްމަންޓް (އެމްސީއެމް) އާއި އެވެ.

އެއާޕޯޓްގެ ފުރަތަމަ ޑޮމެސްޓިކް އެއާޕޯޓެއްގެ ގޮތުގައި ހުޅުވިޔަސް އަމާޒަކީ އިންޓަނޭޝަނަލް އެއާޕޯޓަކަށް ހެދުން ކަމަށް މާފަރު ކައުންސިލްގެ ރައީސް މުހައްމަދު އާމިރު ވިދާޅުވިއެވެ.

އެމްސީއެމް އަށް ވަނީ މާފަރުން 65 ހެކްޓަރު އަދި މޫދުން 426 ހެކްޓަރު ހިމެނޭގޮތަށް ޖުމްލަ 491 ހެކްޓަރު ދީފައެވެ. އެ ސަރަހައްދުގައި ޔޮޓް މެރީނާ އަކާއި ގެސްޓް ހައުސް އެޅުމުގެ ފުރުސަތު ވެސް ވަނީ އެމްސީއެމް އަށް ދީފައެވެ.

"މިފަހަރު އަޅުގަނޑުމެންނަށް ވަރަށް ބޮޑު ޔަގީންކަމެއް އެބައޮތް އެއާޕޯޓްގެ މަސައްކަތް ކުރިއަށްދާނެ ކަަމަށް. ހުރިހާ ކަމެއް ދަނީ އަޅުގަނޑުމެންނާއި މަޝްވަރާކުރެވިގެން." މާފަރު ކައުންސިލްގެ ރައީސް ވިދާޅުވިއެވެ.

މާފަރު އެއާޕޯޓް ހަދަން ފުރަތަމަ އިއުލާން ކުރީ ރައީސް މައުމޫނުގެ ސަރުކާރުގައި 2007 ވަނަ އަހަރުއެވެ. އެހެންނަމަވެސް ވެރިކަން ބަދަލުވެ 2008 ވަނަ އަހަރު އެ އެއާޕޯޓް ހެދުމުގެ މަސައްކަތް ހަވާލުކުރީ ނޫނު ހޮޓެލްސް އާއި އެވެ.

އޭރު އެ ޕްރޮޖެކްޓް ހަވާލުކުރީ މާފަރުގެ ނަރުދަމާއި ބަނދަރުގެ މަސައްކަތާއި އެކުގައެވެ. އަދި އެ ޕްރޮޖެކްޓް ތަކުގެ ބަދަލުގައި މާފަރު ކުރިމަތީ އޮންނަ ފަޅު ރަށެއް އެ ކުންފުންޏަށް ދޭން އޭރުގެ ސަރުކާރުން ނިންމިއެވެ. އެހެންނަމަވެސް އެ ޕްރޮޖެކްޓްތަކަށް ދެ ފަޅުރަށްތައް ލިބޭނެ ކަަމަށް ޕްރޮޖްކްޓް ހިންގި ކުންފުނިން ބުނެ ޚިޔާލުތަފާތުވުމުން ޑރ. މުހައްމަދު ވަހީދުގެ ސަރުކާރުގައި އެ ޕްރޮޖެކްޓް ގެ އެއްބަސްވުން ބާތިލް ކުރިއެވެ.