22 Mar 2011, 17:54
ފުލުހެއް ދުއްވި ސައިކަލަކުން ޖެހި 52 އަހަރުގެ އަންހެނަކު މަރުވި މައްސަލައިގެ ޝަރީއަތަށް ޓްރެފިކް އެކްސްޕާޓަކު ހާޒިރު ކުރުމަށް އެ މައްސަލަ ބައްލަވާ ގާޒީ މުހްތާޒް މުހްސިން ނިންމަވައިފި އެވެ.
މ. މޮޑަންހައުސް، ޝަކީލާގެ މަރުގެ މައްސަލައިގައި ގއ. ވިލިނގިލީ، ގުލޭނޫރަންމާގޭ، ޝިމާޒް އަހުމަދުގެ މައްޗަށް ޕްރޮސެކިއުޓާ ޖެނެރަލް (ޕީޖީ) އޮފީހުން ކުރާ ދައުވާގެ ޝަރީއަތުގައި ވާހަކަ ދައްކަވަމުން ގާޒީ ވިދާޅުވީ ޓްރެފިކް އެކްސްޕާޓެއް ހާޒިރު ކުރުމަށް ނިންމަވާފައިވާ ކަމަށާއި އޭނާ ހާޒިރު ކުރާ ދުވަހު ސުވާލު ކުރުމުގެ ފުރުސަތު ވެސް ހުޅުވާލާނެ ކަމަށެވެ. އަދި ގާޒީ ވިދާޅުވީ ޝަރީއަތަށް ހާޒިރު ކުރާ ޓްރެފިކް އެކްސްޕާޓްގެ އިތުރުން ޕީޖީ އޮފީހަށާއި ދައުވާ ލިބޭ ފަރާތަށް ވެސް އެކްސްޕާޓަކު ހާޒިރު ކުރުމަށް ހުށަހެޅުމުގެ ފުރުސަތު މީގެ ކުރިން ހުޅުވާލާފައިވާނެ ކަމަށެވެ.
ދައުވާ ލިބޭ ޝިމާޒްގެ ގާނޫނީ ވަކީލު އަލީ ޝާހު ވިދާޅުވީ ރާއްޖޭގައި ކަމަށް ގާބިލް އަދި އިލްމީ ޓްރެފިކް އެކްސްޕާޓެއް ނެތުމުން އެ ފަރާތުން ނަން ހުށަހަޅާފައި ނުވާނެ ކަމަށެވެ. ޕީޖީ އޮފީހާ ގާޒީ ސުވާލު ކުރެއްވުމުން ވަކީލާ ހަނީފާ ހާލިދު ވިދާޅުވީ ދައުލަތުން އެކަމާ ވިސްނަމުންދާ ކަމަށާއި ގޮތެއް ނުނިންމިގެން އުޅެނީ ކަމާ ބެހޭ ބޭފުޅުން މާލޭގައި ނެތުމުން ކަމަށެވެ. އެކަމަކު ގާޒީ ވިދާޅުވީ "ފުރުސަތު ދިނީ ވިސްނާކަށް ނޫން" ކަމަށާއި ފުރުސަތު ދިނީ ހުށަހެޅުއްވުމަށް ކަމަށެވެ. އަދި ޕީޖީ އޮފީހަށް ވެސް ދައުވާ ލިބޭ ފަރާތަށް ދެން އެކްސްޕާޓަކު ހުށަހެޅުމަށް ފުރުސަތު ނޯންނާނެ ކަމަށް ގާޒީ އެންގެވި އެވެ.
މިއަދުގެ ޝަރީއަތުގައި އޮތީ ސައިކަލު އެކްސިޑެންޓުވި ތަން ދުށް ކަމަށް ބުނާ ބަންގްލަދޭޝް މީހެއްގެ ހެކިބަސް ނެގުމެވެ. ތަރުޖަމާނެއްގެ އެހީގައި ހެކިބަސް ދެމުން ކޮރޭޝް ބުނީ އޭނާއަކީ ސެކިއުރިޓީ ގާޑެއް ކަމަށާއި އެކްސިޑެންޓުވި ވަގުތު އިނީ ޑިއުޓީގައި ކަމަށެވެ. އޭނާ ބުނީ އެކްސިޑެންޓުވެފައި ވަނީ އެހާ ވެހިކަލް ގިނަ ގަޑިއެއްގައި ނޫން ކަމަށާއި ޝިމާޒް ސައިކަލް ދުއްވާފައި ވަނީ ވެސް އާދައިގެ ސްޕީޑެއްގައި ކަމަށެވެ.
ކޮރޭޝް ބުނީ މަގު ހުރަސް ކުރުމަށް މަސައްކަތް ކުރި ޝަކީލާގެ ގައިގައި ސައިކަލުން ޖެހުމާ އެކު އޭނާ ވެއްޓުނު ކަމަށާއި ޝަކީލާގެ ގޮވައިގެން ހުރި އޭނާގެ މާމަ ދަރިފުޅު ވެސް ވެއްޓުނު ކަމަށެވެ. އަދި ބުނީ ޓެކްސީއަކަށް އަރުވައިގެން ޝަކީލާ ހޮސްޕިޓަލަށް ވެސް ގެންދިޔައީ ޝިމާޒް ކަމަށެވެ.
ޝަކީލާގެ ގައިގައި ސައިކަލުން ޖެހި އެކްސިޑެންޓުވެފައި ވަނީ މާޗް 2، 2010 ގަ އެވެ. އޭނާ ޓެކްސީއަށް އަރުވައިގެން ހޮސްޕިޓަލަށް ގެންދިޔައިރު ވެސް ހޭ ހުއްޓެވެ. އެކަމަކު ބޮލުން ލޭ ފައިބާހެން ހީވާ ކަމަށް ޝަކީލާ ޓެކްސީ ތެރޭގައި ބުނެފައިވެ އެވެ. ޝަކީލާގެ މަރުގެ ރިޕޯޓުގައި އައިޖީއެމްއެޗުން ބުނެފައި ވަނީ އޭނާ މަރުވެފައިވާ ކަމަށް ބެލެވެނީ މައިގަނޑު ތިން ސަބަބަކާހުރެ ކަމަށެވެ. އެ ރިޕޯޓުގައި ބުނެފައިވާ ގޮތުން އެއީ "ނިޔާވެގެން" އާއި "ހިތާއި ނޭވާ ހުއްޓިގެން" އާއި "ސިކުނޑިއަށް ލޭ އެޅިގެން" ކަމަށެވެ.