ބުރުކިނާ ފާސޯގައި މިދިޔަ ހަފުތާގައި ބަގާވާތްކުރުމުގައި އިސްކޮށް ތިބި ފަރާތްތަކުން އެކަން ނިމުމަކަށް ގެންނެސް ސުލްހައިގެ އެއްބަސްވުމެއްގައި ސޮއިކޮށް އަލުން ވަގުތީ ރައީސް މިޝޭލް ކަފަންޑޫއަށް ވެރިކަމުގެ ބާރުތައް ހަވާލުކޮށްފި އެވެ.

ބަގާވާތް ހިންގުމުގައި އިސްކޮށް ހަރާކާތްތެރިވި އެ ގައުމުގެ ރިޔާސީ ގާޑުންނާއި އެގައުމުގެ ސިފައިންނާ ދެމެދު ސުލްހައިގެ އެއްބަސްވުމުގައި ސޮއިކޮށްފައި ވަނީ، ބުރުކިނާ ފާސޯގެ ކުރީގެ ޒައީމް އަދި އެގައުމުގައި އުފެދުނު އެންމެ ނުފޫޒުގަދަ ވެރިޔާ މޯގޯ ނާބާގެ ކުރިފުޅުމަތީގައެވެ.

އެ އެއްބަސްވުމުގައި ވާގޮތުން މިދިޔަ ހަފްތާގައި ބުރުކިނާ ފާސޯގައި ބަގާވާތްކުރި ރިޔާސީ ގާޑުން އެނބުރި އެމީހުންގެ މަރުކަޒުތަކަށް ދިއުމަށާއި ވެރިރަށް ވަގަޑުގޫއިން އަސްކަރީ ސިފައިން ފޭބުމަށް ދެފަރާތުން ވަނީ އެއްބަސްވެފައެވެ.

ބުރުކިނާ ފާސޯގެ ނުފޫޒުގަދަ ކުރީގެ ރަސްގެފާނު މޯގޯ ނަބާ. ސުލްހައިގެ އެއްބަސްވުމުގައި ސޮއިކުރެވުނީ އޭނާގެ ކުރިފުޅުމަތީގައި -- ފޮޓޯ: ބީބީސީ

ގަދަބާރުން ވެރިކަމުން ދުރުކުރެވިފައިވާ ވަގުތީ ރައީސް މިޝޭލް ކަފަންޑޫއާ އަލުން ވެރިކަމުގެ ބާރުތައް ހަވާލުކޮށްފައި ވަނީ މިއަދު އެވެ. އެކަންތައްތައް ކުރިއަށްދާ ގޮތް ބައްލަވައިލެއްވުމަށް އެފްރިކާގެ ބައެއް ގައުމުތަކުގެ ވެރިން ބުރްކިނާ ފާސޯއަށް ޒިޔާރާތްކުރަމުން ދާއިރު، އޭގެ ތެރޭގައި ނައިޖީރިއާގެ ރައީސްވެސް ހިމެނިވަޑައިގަންނަވައެވެ.

"ލޮބުވެތި ރައްޔިތުންނޭ. އަޅުގަނޑު މިވަނީ މިނިވަންވެ އަލުން ހިދުމަތަށް ނުކުމެފައި. ވެރިކަމުގެ ބާރުތައް ހަވާލުކުރުމުގެ ކަންތައް މިހާރު ކުރިއަށްދަނީ،" ނޫސްވެރިންނާ ވަހަކަފުޅުދައްކަވަމުން ކަފަންޑޫ ވިދާޅުވި ކަމަށް ބީބީސީން ބުންޏެވެ.

ބުރްކިނާ ފާސޯގައި ބަގާވާތްކުރި ރިޔާސީ ގާޑުންގެ ތެރޭގައި ހިމެނެނީ މިދިޔަ އަހަރު އެގައުމުގެ ރައްޔިތުން ނުކުމެ މުޒާހަރާކޮށްގެން ވެރިކަމުން ދުރުކޮށްފައިވާ، ދިގުމުއްދަތަކަށް އެގައުމުގައި ވެރިކަންކުރި ކުރީގެ ރައީސް ބްލެއިޒް ކަންބައުރީއަށް ވަފާތެރި ގާޑުންނެވެ. އެމީހުން ވަނީ، ކަފަންޑޫ އާއި އޭނާގެ ސަރުކާރުގެ ބޮޑުވަޒީރު އިސްޙާގް ޒީދާ ހައްޔަރުކުރުމަށް ފަހު، ޖެނެރަލް ގިލްބަޓް ޑިއެންޑެރޭއާ ވެރިކަމުގެ ބާރުތައް ހަވާލުކޮށްފައެވެ.

ރައީސް ކަފަންޑޫގެ ބާރުތައް ކަނޑުވާލައި ބަގާވާތަކުން ވެރިކަން ބަދަލުކުރަން މަސައްކަތްކުރުމާ ގުޅިގެން ބުރުކިނާ ފާސޯގެ ރިޔާސީ ގާޑުންނާއި އެގައުމުގެ ބައެއް ރައްޔިތުންނާ ދެމެދު ހިނގި ކުރިމަތިލުންތަކުގައި 10 މީހުން މަރުވެފައިވާ އިރު، 100 އަށް ވުރެ ގިނަމީހުން ޒަޚަމްވެފައި ވެއެވެ.