23 Sep 2015, 14:49
އިނގިރޭސިވިލާތުން އަންނަނީ ކަރަންޓުގެ ހަކަތައިން ދުވާ ކާރު "ޗާޖް" ކޮށްދިނުމުގެ ގާބިލުކަން ހުރި އާ މަގުމަތީ ޓެކްނޮލޮޖީއެއް ޓެސްޓުކުރުމަށް ތައްޔާރުވަމުންނެވެ. މިކަމުގެ މަގުސަދަކީ އިލެކްޓްރިކް އަދި ހައިބްރިޑް ކާރުތައް ރީޗާޖްކުރުމަށް ހުއްޓަންޖެހޭ ހުއްޓުން މަދުކުރުމެވެ.
އިނގިރޭސިވިލާތުން ޓެސްޓުކުރުމަށް ތައްޔާރުވަމުން އަންނަ މަގުތައް ހެދުމަށް ހަމަޖެހިފައިވަނީ ވަޔާލެސް ފޯނު ޗާޖަރުތައްވެސް މަސައްކަތްކުރަން ބޭނުންކުރާ "މެގްނެޓިކް އިންޑަކްޝަން ޓެކްނޮލޮޖީ" ބޭނުންކޮށްގެންނެވެ.
މިއަހަރުގެ ފަހުކޮޅު ފެއްޓުމަށް ހަމަޖެހިފައިވާ މި ޕްރޮޖެކްޓް ތެރެއިން ޓެސްޓުކުރުމަށް ބޭނުންކުރެވޭނެ ދުއްވާތަކެތީގައި ވަޔާލެސް ޓެކްނޮލޮޖީ ހަރުކުރެވި، މަގުތަކުގެ އަޑީގައި ހާއްސަ އިކުއިޕްމެންޓްތަކެއް ހަރުކުރެވޭނެއެވެ.
ހައިވޭ އަޑީގައި ވަޅުލާފައި ހުންނަ ކޭބަލްތަކުން އުފައްދާ އިލެކްޓްރޯމެގްނެޓިކް ފީލްޑުތައް ކާރުގައި ހަރުކުރެވިފައި ހުންނަ ރިސީވަރުތަކަށް ނެގި ކަރަންޓަށް ބަދަލުކޮށްލެވޭނެ އެވެ. އަދި މަގުތަކަށް، ކާރު އަންނަނީކަން ދެނެގަނެ، ޗާޖް ކުރަން ފައްޓަންވީކަން ދެނެގަނެގަތުމަށް މަގުފަހިކޮށްދިނުމުގެ ގާބިލްކަންހުރި މުވާސަލާތީ ސިސްޓަމެއްވެސް ބޭނުންކުރެވޭނެ އެވެ.
ޓެސްޓު ކުރުމުގެ ފުރަތަމަ މަރުހަލާގައި ބޭނުންކުރެވޭނީ ދުއްވާތަކެތި އާންމުކޮށް ވަނުން މަނާ ސަރަހައްދުތަކެވެ. ފަސް އަހަރަށް ދިގުދެމިގެންދާނެ މި ޕްރޮޖެކްޓަށް އިނގިރޭސިވިލާތުގެ ސަރުކާރުން ވަނީ 500 މިލިއަން ޕައުންޑު (779 މިލިއަން އެމެރިކާ ޑޮލަރު) ހަރަދުކުރުމަށް ނިންމާފައެވެ.
"ދުއްވާތަކެތީގެ ޓެކްނޮލޮޖީ އަންނަނީ ދުވަހަކުން ދުވަހަކަށް ތަރައްގީވަމުން. އަހަރުމެން މިތިބީ ތިމާވެއްޓާ ރައްޓެހި ދުއްވާތަކެތި އިނގިރޭސިވިލާތުގެ މަގުތަކުގައި އިތުރުކުރުމަށް ބާރުއެޅުމަށް ތައްޔާރަށް،" އިނގިރޭސިވިލާތުގެ ސަރުކާރުގެ ޗީފް ހައިވޭ އިންޖިނިއާރ، މައިކް ވިލްސަން ސީއެންއެން އަށް ދިން އިންޓަވިއުއެއްގައި ބުނެފައިވެއެވެ.
މީގެ އިތުރުން އެ ގައުމުގެ ސަރުކާރުން ވަނީ ކޮންމެ ވިހިމޭލަކުން ވިހިމޭލަކުން ޗާޖް ކުރާ ސްޓޭޝަނެއް ހުންނާނެގޮތައް އިންގިރޭސިވިލާތުގެ މަގުތަކުގައި ހުންނަ ޗާޖް ކުރާ ށްޓޭޝަންތަކުގެ އަދަދު އިތުރުކުރުމަށް ނިންމާފައެވެ.
މިއާއި ވަރަށް އެއްގޮތް ޓެކްނޮލޮޖީއެއް ދެކުނު ކޮރިއާގެ ސިޓީއެއް ކަމަށްވާ ގޫމީ ގައި މިހާރުވެސް ބޭނުން ކުރެވެއެވެ. އެ ސިޓީގައި ފަނަރަ މޭލަށް ދަތުރުކުރާ ޝަޓްލް ބަސްތައް ޗާޖް ކޮއްދެނީ ބިމުއަޑީގައި ވަޅުލާފައި ހުންނަ ކަރަންޓު ކޭބަލްތަކުންނެވެ.