23 Sep 2015, 14:46
މައްކާގެ މިނާގައި ހައްޖުވެރިއަކު އިއްޔެ ވިހައިފި އެވެ.
މިނާގެ އަލް ވާދީ ހޮސްޕިޓަލްގައި އިއްޔެ ޕާކިސްތާނުގެ ހައްޖުވެރިއަކު ވިހާފައި ވަނީ ފިރިހެން ކުއްޖަކު ކަމަށް ސައުދީ ގެޒެޓުން ބުންޏެވެ.
އަލް ވަދާއީ ހޮސްޕިޓަލްގެ ޑިރެކްޓަރު ޑރ. މުހައްމަދު މަލައިބަރީ ވިދާޅުވީ، އަންހެންމީހާ 'ނޯމަލް ޑެލިވަރީއެއް'ގައި ވިހެއީ ކަމަށާއި އެ ދެ މައިންގެ ހާލުވެސް ރަނގަޅު ކަމަށެވެ.
މިއީ ހައްޖުވެރީން މިނާއަށް ދިޔަފަހުން އެތަނުގައި މިފަހަރު އުފަންވި ފުރަތަމަ ކުއްޖާ އެވެ. އެ ކުއްޖާގެ ނަމަކަށް ކިޔާފައި ވަނީ މުޙައްމަދު އަލީ އެވެ.
ހޮސްޕިޓަލުގެ ނަރުހުންގެ ޑިރެކްޓަރާ ހަވާލާދީ ގެޒެޓުން ބުނީ، އަންހެން މީހާއަކީ ހަކުރުބަލި ހުންނަ މީހަކަށް ވުމުން އޭނާއަށް ސިއްހީގޮތުން ދޭންޖެހޭ ހާއްސަ ފަރުވާ ފޯރުކޮށްދީފައިވާ ކަަމަށެވެ.
އިއްޔެ މިނާގައި އުފަންވި ކުއްޖާގެ ބައްޕަ ބުނީ، އެމީހުން މިނާއަށް ދަތުރުކުރި މަގުމަތީގައި އޭނާގެ އަންހެނުންގެ ބަޑުގައި ވިހެއުމުގެ ވޭން އަޅަން ފެށި ކަމަށާއި މިނާއަށް ދެވުމާއެކު އަލް ވާދީ ހޮސްޕިޓަލަަށް އެމީހުން ދިޔައީ ކަމަށެވެ.
މައްކާގެ މާތް ބިމުގައި ދަރިފުޅު އުފަންވުމުން އެކަމާ ވަރަށް އުފާ ކުރާ ކަމަށް އެ ކުއްޖާގެ ބައްޕަ ވަނީ ބުނެފައެވެ. އަދި އަލް ވާދީ ހޮސްޕިޓަލްގެ މުވައްޒަފުންގެ އެހީތެރިކަމަށްޓަކައި ވަރަށް ބޮޑަށް ޝުކުރު އަދާކުރާ ކަމަށް އޭނާ ބުންޏެވެ.