22 Mar 2011, 17:24
އޯ ލެވެލް ޓޮޕް ޓެންގައި ހިމެނޭ ދަރިވަރުންނަށް ޚާއްސަކޮށްގެން ބާއްވާ އަހަރީ އިނާމު ދިނުމުގެ ޖަލްސާ ކުރިއަށް އޮތް ފަސް އަހަރު ދުވަހު އެސްޓީއޯއިން ހިލޭ ސާބަހަށް ސްޕޮންސާ ކުރާ ގޮތަށް ހަމަޖައްސައި، އެޑިއުކޭޝަން މިނިސްޓްރީއާއި އެސްޓީއޯއާ ދެމެދު އެއްބަސްވުމެއްގައި މިއަދު ސޮއިކޮށްފި އެވެ.
މިއަދު އެސްޓީއޯގެ ކޮންފަރެންސް ރޫމްގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އެ އެގްރިމެންޓުގައި އެސްޓީއޯގެ ފަރާތުން ސޮއިކުރެއްވީ މެނޭޖިން ޑައިރެކްޓާ ޝާހިދު އަލީއެވެ. އެޑިއުކޭޝަންގެ ފަރާތުން ސޮއިކުރެއްވީ އެޑިއުކޭޝަން މިނިސްޓާގެ ނައިބު ޑރ. އަހްމަދު ނަޒީރެވެ.
މިއަދު ސޮއިކުރި އެއްބަސްވުމުގެ ދަށުން ކުރިއަށް އޮތް ފަސް އަހަރު އެޑިއުކޭޝަނުން ބާއްވާ އޯލެވެލް އެނުއަލް ޓޮޕް އެޗީވާސް އެވޯޑް އަމިއްލަ ޚަރަދުގައި ސްޕޮންސާކުރާނީ އެސްޓީއޯގެ ފަރާތުންނެވެ. އެގޮތުން މިދިޔަ އަހަރު އޯލެވެލް ނިންމި ދަރިވަރުންނަށް ޚާއްސްކޮށްގެން އަންނަ މަހުގެ 14 ވަނަ ދުވަހު އޮންނަ އިނާމު ދިނުމުގެ ރަސްމިއްޔާތުގެ ބޮޑު ބައެއް ހަމަޖައްސައިދޭނީ ވެސް އެސްޓީއޯއިންނެވެ.
އެގޮތުން އެ ޖަލްސާގެ ހުރިހާ ކަމެއް އިންތިޒާމްކުރުމުގެ އިތުރަށް، ހަތް ކެޓަގަރީއަކުން އެޑިއުކޭޝަނުން ދިނުމަށް ހަމަޖައްސައިފައިވާ އެވޯޑްތައް ވެސް ސްޕޮންސާކުރާނީ އެސްޓީއޯގެ ފަރާތުންނެވެ.
އެސްޓީއޯގެ މެނޭޖިން ޑައިރެކްޓާ ޝާހިދު ވިދާޅުވީ، އެ ޖަލްސާއަށް ގާތްގަނޑަކަށް 350،000ރ. ޚަރަދުވާނެ ކަމަށް ލަފާކުރެވޭ ކަމަށެވެ. އަދި އޭގެ އިތުރުން، 2010 ވަނަ އަހަރުގެ ޓޮޕް ޓެންގެ އެއްވަނައިގައި ހިމެނިފައިވާ ދަރިވަރުންގެ ތެރެއިން ފަސް ދަރިވަރަކަށް ސްކޮލަޝިޕް ދޭން ހަމަޖައްސައިފައިވާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
ޝާހިދު ވިދާޅުވި ގޮތުގައި އެ ސްކޮލަޝިޕްތައް އަމާޒުކޮށްފައިވަނީ އަތޮޅުތަކުގެ ތެރެއިން އޯލެވެލްގެ ޓޮޕް ޓެންގެ އެއްވަނަ އަށް ދާ ދަރިވަރުންނަށެވެ. އަދި އެއީ ދަރިވަރުންނަށް އަތޮޅުތެރެއިން ނުވަތަ މާލޭގައި އޭލެވެލް ހެދުމަށްދޭ ސްކޮލަޝިޕެއް ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
"މީގެ ތެރޭގައި މަހު އެލަވަންސެއް ގޮތުގައި ދެވޭ ފައިސާއާއި ސްކޫލަށް ކޮންމެ އަހަރަކު ތައްޔާރުވުމަށްޓަކައި ޔުނިފޯމް ފަދަ އެއްޗެހި ހޯދުމަށް ދެވޭ އެލަވަންސެއް މިއީ،" ޝާހިދު ވިދާޅުވި އެވެ.
ނަމަވެސް، ވަކި އަދަދެއް އަދި ކަނޑައަޅައިފައިނުވާ ކަމަށާއި އެޑިއުކޭޝަނާއެކު މަޝްވަރާކުރުމަށްފަހު ވަކި ގޮތެއް ނިންމާނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
ނޫސްވެރިންނާ ވާހަކަދައްކަވަމުން ޑރ.ނަޒީރު ވިދާޅުވީ، އެސްޓީއޯން ތައުލީމީ ދާއިރާއަށް ބޮޑެތި އެހީތަކެއްވަމުންދާ ކަމަށާއި މިއަދު ސޮއިކުރި އެއްބަވުމަކީ އެސްޓީއޯން އެޑިއުކޭޝަން ދާއިރާއަށްދޭ އަހައްމިއްޔަތު ފާހަގަވެގެންދިޔަ ކަމެއް ކަމަށެވެ.
އަދި ކުރިއަށް އޮތްތަނުގައި ތައުލީމީ ދާއިރާއަށް އެހީވާ ފަރާތްތައް ފާހަގަކުރުމަށް "ފްރެންޑް އޮފް ސްކޫލް" ޕްރޮގްރާމެއް ތައާރަފްކުރުމަށް ހަމަޖައްސައިފައިވާ ކަމަށް ވެސް ޑރ. ނަޒީރު ވިދާޅުވި އެވެ.
"ފްރެންޑް އޮފް ސްކޫލް ޕްރޮގްރާމް ވަރަށް އަހަވަށް ލޯންޗްކުރާނެ. އޭގެ ރަމްޒެއް ގޮތުން އަޅުގަނޑުމެން ހަދަނީ ސްޓިކާއެއް. އެ ސްޓިކާ ހުންނާނެ ޑިސްޕްލޭ ކުރެވޭ ގޮތަށް އަޅުގަނޑުމެންގެ މި ފްރެންޑް އޮފް ސްކޫލް ޕްރޮގްރާމްގައި ބައިވެރިވާ ހުރިހާ ކުންފުނިތަކާއި އަމިއްލަ ފަރުދުން އަތުގައި،" ޑރ. ނަޒީރު ވިދާޅުވި އެވެ.