ގަލޮޅު ސަލާހުއްދީން މިސްކިތް ކައިރީގައި ރޭ ދަންވަރު ހިނގި މާރާމާރީއެއްގައި މީހެއްގެ ބަނޑަށް ވަޅި ހެރުމުގެ ސަބަބުން އެ މީހާގެ ގޮހޮރުގެ ބައެއް ބުރިވެގެން އައިޖީއެމް ހޮސްޕިޓަލްގެ އައިސީޔޫގައި ފަރުވާދެމުން އެބަދެ އެވެ.


އައިޖީއެމްއެޗުން ބުނީ ރޭ ދަންވަރު އެކެއް ޖަހާކަންހާއިރު ހިނގި ހާދިސާގައެއްގައި ބަނޑަށް ވަޅި ހަރައިގެން އައިސީޔޫގައި ފަރުވާދެމުންދާ މީހާގެ ގޮހޮރުގެ ބައެއް ބުރިވެފައިވާ ކަމަށާއި ހަށިގަނޑުން ލޭ ހުސްވުމުގެ ސަބަބުން މިހާތަނަށް ދެ ޕައިންޓް ލޭ އަޅައިފައިވާ ކަމަށެވެ. އަދި އޭނާގެ ހާލު ވަރަށް ސީރިއަސް ކަމަށް ވެސް އައިޖީއެމްއެޗުން ބުނެ އެވެ.


ކުރީގެ ބާ އިންޖީނުގޭ ކައިރީގައި ހުންނަ ޕާކުގެ ތެރޭގައި ރޭ ދަންވަރު އެ ހާދިސާ ހިނގިތާ ކުޑަ ހިނދުކޮޅެއްގެ ތެރޭގައި އެ ސަރަހައްދަށް ދިޔަ މީހަކު ސަންއެފްއެމްގެ ބްރޭކިން ނިއުސް އަށް މައުލޫމާތު ދެމުން ބުނީ އެ މީހުން އެ ގޯޅި ތެރެއަށް ވަންއިރު، ލޭތަކާ އެކު އޭނާ ބަނޑުގައި އަތް އަޅައިގެން އޮވެ އަންނަ ކަމަށާއި ފުލުހުންނަށް ގުޅައިދިނީ ވެސް އަދި ހޮސްޕިޓަލަށް އޭނާ ފޮނުވައިދިނީ ވެސް އެ މީހުން ކަމަށެވެ.


ފުލުހުންގެ މީޑިއާ އޮފިޝަލަކު މިއަދު ވިދާޅުވީ އެ ހަމަލާ ދީފައި ވަނީ އެ މީހާގެ އަތުގައި އޮތް ފޯނު ފޭރިގަތުމަށް މަސައްކަތްކުރުމުން ފޯނު ނުދިނުމުން ކަމަށާއި ވަޅިހެރުމުގެ ސަބަބުން އެ މީހާގެ ހަށިގަނޑުގެ އެތަންމިތަން ޒަހަމްވެފައިވާ ކަމަށެވެ. އަދި ފުލުހުންނަށް އެ ސަރަހައްދަށް ދެވުނުއިރު، މާރާމާރީ ހިންގި މީހުން ފިލައިފައިވާ ކަމަށް ވެސް ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވި އެވެ.


އެ މާރާމާރީއާ ގުޅިގެން އެއްވެސް މީހަކު މިހާތަނަށް ހައްޔަރުކޮށްފައިވާނުވާ ކަމަށް ފުލުހުން ބުނެ އެވެ.