ބޮލީވުޑް ސުޕަސްޓާރު ސަލްމާން ޚާންގެ ނަމުގައި ފޭކް ފޭސްބުކް ޕޭޖެއް ހަދައިގެން ބޭނުންކުރަމުން ދާކަމަށް ބުނެ އެކަމަށް ސަމާލުވުމަށް ސަލްމާން އޭނާގެ ފޭނުންނަށް ގޮވާލައިފި އެވެ.

ސަލްމާން ބުނީ، އޭނާ އާ ފިލްމެއްގައި މަސައްކަތް ފަށާފައިވާ ކަމަށް ބުނެ އޭނާގެ ނަމުގައި އޮޕަރޭޓް ކުރަމުންދާ ފޭކް ފޭސްބުކް ޕޭޖެއްގައި ދޮގު މައުލޫމާތުތަކެއް ފަތުރަމުންދާ ކަމަށެވެ.

"ފޭކް ފޭސްބުކް ޕޭޖެއްގައި އެބަ ބުނޭ އަހަރެން އާ ފިލްމެއްގައި ހަރަކާތްތެރިވަމުން ދާކަމަށް. އެފަދަ ދޮގު އަދި ތޯތޯ ވާހަކަތަކަށް ސަމާލުވުމަށް ގޮވައިލަން. އަހަރެން ވެސް އަދި އަހަރެންގެ މެނޭޖަރުންވެސް އެފަދަ އެއްވެސް ޕްރޮޖެކްޓެއްގައި މަސައްކަތެއް ނުކުރަން،" ސޯޝަލް މީޑީއާގައި އޭނާއަށް ގުޅޭ ގޮތުން ދެކެވޭ ވާހަކަތައް ދޮގުކުރަމުން އުމުރުން 49 އަހަރުގެ އެކްޓަރު އޭނާގެ ޓްވިޓާގައި ލިޔެފައި ވެއެވެ.

ފިލްމު "ބަޖްރަންގީ ބާއީޖާން" ގެ މަންޒަރެއްގައި ސަލްމާން ޚާން ---

"ބަޖްރަންގީ ބައިޖާން"ގެ އެކްޓަރު ވަނީ ބައެއް މީހުން އޭނާއާއެކު ފޮޓޯނެގުމަށް ފަހު އޭގެ ނާޖައިޒު ފައިދާ ނަގާކަމަށްބުނެ ހިތްހަމަނުޖެހުން ފާޅުކޮށްފައެވެ.

"ބައެއް މީހުން އަހަންނާއެކު ފޮޓޯ ނެގުމަށްފަހު އެ ފޮޓޯތައް ނަހަމަގޮތުގައި ބޭނުންކުރޭ. އެގޮތް ރަނގަޅެއް ނޫން،" އިތުރު ޓްވީޓެއްގައި ވެއެވެ.

ސަލްމާން ދަނީ އިންޑިއާގެ ކަލާސް ޗެނަލްގައި އޭނާ ހުށަހަޅައިދޭ ރިއަލިޓީ ޝޯ، "ބިގް ބޮސް"ގެ އެނބުރި އައުމުގައި އަވަދިނެތި މަސައްކަތް ކުރަމުންނެވެ. "ބިގް ބޮސް 9 ޑަބަލް ޓްރޮބުލް" ފެށުމަށް ހަމަޖެހިފައި ވަނީ އަންނަ އޮކްޓޫބަރު މަހުގެ 11ގަ އެވެ.