23 Sep 2015, 12:51
މިއަދު ފަތިހު ހައްޖުވެރިން އަރަފާތުގެ ބިމަށް ދިޔުމާއެކު ކަޢުބަތުﷲ ގެފުޅުގައި އައު އުރަކޮޅެއް (ކިސްވާއެއް) ލައްވައިފިއެވެ. ގެފުޅުގެ އުރަކޮޅަކީ ކޮންމެ އަހަރެއްގެވެސް ހައްޖު ދުވަހުގެ ފަތިހު ބަދަލުކުރާއުރަކޮޅެކެވެ.
ގެފުޅުގެ އުރަކޮޅު ތައްޔާރުކުރާގޮތް
ގެފުޅުގެ އުރަކޮޅު ތައްޔާރު ކުރަނީ ޚާލިސް ފަށުވިންނެވެ. އަދި އުރަކޮޅުގައި ކީރިތި ގުރްއާނުގެ އާޔަތްތަކާއި ކަޢުބާގެ ރައްބު (މާތް ﷲ ސުބްޙާނަހޫ ވަތައާލާ) ގެ އިސްމުފުޅުތަކާއި ތަސްބީހަތައް ލިޔެފައިވަނީ ޚާލިސް ރަނާއި ރިހީގެ އަސްލާކުންނެވެ. ގެފުޅުގެ ކިސްވާ އެކުލެވިގެންވަނީ ހަތަރު ބައެއްގެ މައްޗަށެވެ. އެއީ ގެފުޅުގެ ހަތަރު ފާރުގެ ތެރެއިން ކޮންމެ ފާރެއް ނިވައި ކުރުމަށްވެސް ބައެއް ހިމެނޭގޮތަށެވެ.
މި އުރަކޮޅުގެ ކޮންމެ ބައެއްގައިވެސް ރަނުގެ ހިޒާމެއް (ބެލްޓެއް ކަހަލަ) ހިމެނޭ ކުރެހުންތަކާއި ގަނާދީލް ގޮތަށް ލިޔެފައިވާ ލިޔުންތައް ހިމެނެއެވެ. އުރަކޮޅުގެ އިތުރުން ގެފުޅުގެ ދޮރުކޮޅަށް ޚާއްސަކޮށްގެން ތައްޔާރުކޮށްފައިވާ ސިތާރާ (ދޮރުފޮތިގަނޑެއް) ވެސް ހިމެނެއެވެ. މިސިތާރާވެސް އުރަކޮޅު ބަދަލުކުރާއިރު ކޮންމެ އަހަރަކުވެސް ބަދަލު ކުރެއެވެ. އުރަކޮޅު ބަދަލުކުރާ ގޮތަކީ އައު އުރަކޮޅު އޮޅާލައިގެން ގެފުޅުގެ މައްޗަށް ނެގުމަށްފަހު އެ އުރަކޮޅު އައްސަންޖެހޭ ތަންތަން ގެފުޅުގެ މަތީގައި އެއްސުމަށްފަހު ތިރިއަށް ވައްޓާލައި ފަތުރާލުމަށްފަހު ބައު އުރަކޮޅު މަތިން މޮހެލައި އައު އުރަކޮޅުގެ ދަށުން ވައްޓާލަނީއެވެ.
ތާރީޚުގެ ތެރެއިން ގެފުޅުގެކިސްވާ ބަދަލުކުރުން
ގެފުޅުގެކިސްވާ ބަދަލުކުރުމަކީ ވަރަށް ޒަމާންވީ އިސްލާމީ އާދަކާދަ އެއްގެ ދަށުން ނަބިއްޔުންނާއި ރަސޫލުންގެ ޒަމާނުއްސުރެ ކުރަމުން އަންނަ ކަމެކެވެ. ބައެއް ރިވާޔަތްތަކުގައި މިކަން އެންމެ ފުރަތަމަ ފެއްޓެވީ އާދަމްގެ ފާނުގެ ދުވަސްވަރު އެކަލޭގެ ފާނުގެ ފިރިހެން ބޭފުޅުން ކަމަށް ބައެއް ލިޔުންތައް ބުނެއެވެ. ނަމަވެސް ގިނަ ރިވާޔަތްތައް ބުނާގޮތުން ވަކި އިންތިޒާމެއްގެ ދަށުން މިކަން ކުރަންފަށާފައިވަނީ ސަލާމްލެއްވި އިބްރާހީމްގެ ފާނުގެ ދުވަސްވަރު އެކަލޭގެފާނު މައްކާއަށް ހިޖްކުރެއްވުމުން ދަރިކަލުން އިސްމާއީލްގެ ފާނާ ދެބޭފުޅުންނެވެ. އެއަށްފަހު ކީރިތި ރަސޫލާގެ ވަރަށް ދުރުގެ ކާފާފުޅެއް ކަމަށްވާ އަދްނާން ބިންއިދްގެ ދުވަސްވަރުގައިވެސް މިކަން ކުރަމުން ގެންގޮސްފައިވެއެވެ.

ގެފުޅުގެ ދޮރުކޮޅުގެ ސިތާރާ
ޖާހިލިއްޔަ ޒަނާމުގެ ދުވަސްވަރު
ކީރިތި ރަސޫލާ (ސޢވ)ގެ ދުވަސްވަރު އެކަލޭގެފާނު ރަސޫލްކަމައިގެން ފޮނުއްވުމުގެ ކުރިންވެސް މިކަން ކުރަމުން ގެންގޮސްފައިވެއެވެ. ނަމަވެސް ރަސޫލްކަމާއިގެން ފޮނުއްވުމުގެ ކުރިން އެކަލޭގެފާނު މިކަމުގައި ބައިވެރިވެ ވަޑައިގެންފައެއް ނުވެއެވެ. އެއީ މައްކާގެ ގުރައިޝުން އެކަލޭގެ ފާނަށް މިފުރްސަތު ދިނުމަށް ދެކޮޅު ހެދުުމުގެ ސަބަބުންނެވެ. ގިނަ ރިިވާޔަތްތައް ބުނާގޮތުން ޖާހިލިއްޔަ ޒަމާނުގައި ގެފުޅުގެ ކިސްވާގެ ކަންތައް އެންމެ ފުރިހަމައަށް ކުރީ ޔަމަންގެ ރަސްކަލެއްކަމަށްވާ ތުއްބައުލްހިމްޔަރީ ގެ ރަސްކަމުގެ ދުވަސްވަރުގައެވެ. އެއަށްފަހު ރަސޫލާގެ ހަތަރުވަނަ ކާފާފުޅު ގުސައްޔު ބިން ކިލާބްގެ ދުވަސްވަރުގައިވެސް ގެފުޅުގެ ކިސްވާގެ ކަންތައް ވަރަށް ރަނގަނޅަށް ކޮށްފައިވެއެވެ.
ކީރިތި ރަސޫލާގެ ދުވަސްވަރު
ކީރިތި ރަސޫލާ (ސޢވ) ރަސޫލްކަމާގެން ފޮނުއްވުމަށްފަހު އެންެމެ ފުރަަމަ އެކަލޭގެ ފާނު ބައިވެރިވެ ވަޑައިގެން ކިސްވާގެ ކަންތައް ކުރެއްވީ މަދީނާއަށް ހިޖްކުރައްވައިގެން މައްކާ ހިއްޕެވުމަށްފަހުގައެވެ. ރަސޫލާގެ ދުވަސްވަރު ގެފުޅުގެ ކިސްވާ ބަދަލުކުރެއްވީ އޭރުއޮތް ކިސްވާ، އަންހެނެއްގެ އަތުން ހިނގި އަލިފާނުގެ ޙާދިޘާ އެއްގައި އަނދައިގެން ދިޔުމާ ގުޅިގެންނެވެ. މިކަންތަކާ ގުޅިގެން ރަސޫލާ ގެ އަމުރުފުޅަށް ގެފުޅުގެ އުރަކޮޅު ތައްޔާރު ކުރީ ޔަމަންގައި އެދުވަސްވަރު ތައްޔާރު ކުރާ ވަރަށް މޮޅު ފޮއްޗަކުން ކަމަށްވެއެވެ. އެއަށްފަހު ޚުލަފާއުއްރާޝިދޫންގެ ޒަމާނުގައާއި އުމަވީ އަދި އައްބާސީ ދައުލަތުގެ ޒަމާނުގައިވެސް ގެފުޅުގެ ކިސްވާގެ ކަންތައް ކުރިޔަށް ގެންގޮސްފައިވެއެވެ.

މީލާދީ ގޮތުން 1880 ވަނަ އަހަރު ގެފުޅުގެ އުރަކޮޅު ހުރިގޮތުގެ ފޮޓޯއެއް --
މިސްރުން ގެފުޅުގެ ކިސްވާގެ ކަންތައް ކުރަން ފެށުން
މިސްރުގައި ޝިޔައީންގެ ދައުލަތެއްކަމަށްވާ ފާތިމީ ޚިލާފަތް އުފެދިގެން ދިޔުމަށްފަހު މިކަން ކުރަމުން ގެންގޮސްފައިވަނީ ފާތިމީންގެ ޚަލީފާއިންގެ ބެއްލެވުމުގެ ދަށުން މިސްރުންނެވެ. މަމްލޫކީ ދައުލަތުގެ ދުވަސްވަރުގައިވެސް މިސްރުގައި މިކަން ކުރަމުން ގެންދިޔައެވެ. މިސްރުން މިކަން ކުރުން ހުއްޓައިލީ އަރަބި ޖަޒީރާގެ ނަޖްދުގައި އުފެދުނު ދާއިޔާ އެއްކަމަށްވާ މުހައްމަދުބިން އަބްދުލްވައްހާބް އާއި އޭނާއަށް ތަބައަވި މީހުން މިކަން ކުރަންބޭނުންވެގެން މިސްރަށް ކުރިމަތި ކުރި ފިއްތުންތަކުގެ ސަބަބުން ކަމަށްވެއެވެ.
އެމީހުން ގެފުޅުގެ ކިސްވާގެ ކަންތައް ކުރުމަށް ޓަކައި މިސްރާ ވާދަކުރަން ފެށުމުން އުޘްމާނީ ދައުލަތުގެ ޚަލީފާ ސުލްތާން ސުލައިމާނުލްގާނޫނީ މިކަމުން ތަނާޒުލްވެ ވަޑައިގެންނެވީއެވެ. އޭރު މިސްރުގެ ވެރިކަމުގައި ހުންނެވީ މުހައްމަދު އަލީ ބާޝާއެވެ.
ސައޫދީ އަރަބިޔާއިން ކިސްވާގެ ކަންތައް ކުރުން
ނަމަވެސް އެއަށްފަހު 1807 ވަަނަ އަހަރު ގެފުޅުގެ ކިސްވާ މިސްރުގައި އަނެއްކާވެސް ތައްޔާރުކޮށް މިސްރުގެ ހައްޖު ގާފިލާއާއެކު އަނެއްކާވެސް ފޮނުވަން ފެށިއެވެ. އަރަބި ޖަޒީރާގައި ކިންގްޑަމް އޮފް ސައޫދީ އަރަބިޔާގެ ނަމުގައި 1932 ގައި މުހައްމަދުބިން އަބްދުލްވައްހާބް އަށްތަބައަވީ މީހުންނާއި އާލް ސައޫދުގެ އާއިލާގެ މީހުންނާއި އެމީހުންނަށް ތަބައަވީ ބަދަވީންގެ މީހުން ގުޅިގެން އުފެއްދި ސައޫދީ އެންމެ ފަހުގެ ދައުލަތް (މިހާރުގެ ސައޫދީ އަރަބިޔާ) އުފެއްދުމަށްފަހުވެސް ގެފުޅުގެ ކިސްވާ މިސްރުގައި ތައްޔާރުކޮށް މިސްރުން އެ ކިސްވާ ސައޫދީ ސަރުކާރަށް ފޮނުވަމުން ގެންދިޔައެވެ. ނަމަވެސް 1962 ވަނަ އަހަރަށްފަހު ސައޫދީ ސަރުކާރުން މިކަމުގެ ސިނާއަތު ކުރިޔަށްވުރެ މާމޮޅަށް ތަރައްގީ ކުރުމުން ގެފުޅުގެ ކިސްވާ ސައޫދީ އަށް ފޮނުވުން މިސްރުން ހުއްޓާލިއެވެ.

އުރަކޮޅުގައި ލިޔުންތައް ލިޔަނީ
ގެފުޅުގެ އުރަކޮޅު މިހާރު ތައްޔާރު ކުރަނީ ސައޫދީ އަރަބިޔާގައި މިކަމަށް ޚާއްސަކޮށްގެން ގާއިމްކޮށްފައިވާ ޚާއްސަ ފެކްޓަރީއަކުންނެވެ. މި އުރަކޮޅު ތައްޔާރު ކުރަނީ ޚާލިސް ފަށުވިއަށް ގަދަ ކަޅުކުލަ ހިމަނައިގެން ވަރަށް ގިނަ ސިނާޢީ ޕްރޮސެސްތައް ހިންގައިގެންނެވެ. ގެފުޅުގެ އުރަކޮޅަކީ ވަރަށް ފަށުވީގެ ވަރުގަދަ އަދި ބޯފޮއްޗެކެވެ. ކޮންމެ އަހަރެއްގެ ވެސް ހައްޖުމަހުގެ ކުރީކޮޅު ގެފުޅުގެ އުރަކޮޅު ތައްޔާރު ކުރުމަށްފަހު ސައޫދީ ރަސްގެފާނާ ރަސްމީ ސިފައެއްގައި ހަވާލުކުރެއެވެ.
އެއަށްފަހު ރަސްގެފާނު ގެފުޅުގެ އުރަކޮޅު ހަވާލުކުރައްވަނީ ގެފުޅުގެ ސަދަނާ އިންގެ ވެރިޔާ އާއެވެ. ގެފުޅުގެ ސަދަނާއިންނަކީ ގެފުޅު ރައްކާތެރިކޮށް ބެލެހެއްޓުމުގެ ކަންތައް ހަވާލުކޮށްފައިތިބޭ ފާރަވެރިންގެ ޓީީމުގެ މީހުންނެވެ. ގެފުޅުގެ އުރަކޮޅު ބަދަލުކުމުގެ ކަންތައް ކުރަނީ ގެފުޅުގެ ސަދަނާއިންގެ ޓީމުން ކޮންމެ އަހަރެއްގެވެސް އަރަފާތު ދުވަހުގެ ފަތިހުގެ ވަގުތުގައެވެ.
ގެފުޅުގެ އުރަކޮޅު ތައްޔާރު ކުުރުމަށް ހަތްސަތޭކަ ކިލޯގްރާމް ގެ ޙާލިސް ފަށުވި ބޭނުންކުރެއެވެ. އަދި ރަނާއި ރިހި އެކުލެވޭގޮތަށް ތައްޔާރުކޮށްފައިވާ 25 ކިލޯ ގްރާމްގެ ބަރުދަންހުރި އަސްލާކުވެސް އުރަކޮޅު ގައި ލިޔާ ލިޔުންތައް ލިޔުމަށާއި އުރަކޮޅު ޒީނަތްތެރި ކުރުމަށް ބޭނުންކުރެއެވެ. އުރަކޮޅުގައި އަރަބި އަކުރުން ލިޔުންތައް ލިޔަނީ ޚައްތުއްޘުލުޘު ގެ މުރައްކަބު ފޮންޓުުންނެވެ. މިއީ އަރަބި ލިޔުމުން ބޮޑުއަކުރު އެޅުމަށް ބޭނުންކުރާ އެންމެ ރީތި ފޮންޓެވެ.

އުރަކޮޅުގައިވާ ގިންދީލް އެއް
ގެފުޅުގެ އުރަކޮޅުގެ ކޮންމެ ބައެއްގައިވެސް 14 މީޓަރު ހުންނަ ކަމަށްވެއެވެ. ތަވާފް ކުރާމީހުން އެންމެ ގިނަދުވަސްވަރު ގެފުޅުގެ އުރަކޮޅު ހުންނަނީ އަތްނުފޯރާ ވަރަށް މައްޗަށް ނަގާފައެވެ. އުރަކޮޅު ތިރިކުރަނީ ތަވާފް ކުރާމީހުން އެންމެ މަދު ދުވަސްވަރުގައެވެ.