ތަޅަމުން ދިޔަ ތިން ބުރީގެ އިމާރާތަކުން ކޮންކްރީޓް ބެރިއެއް އެ އިމާރާތާ ޖެހިގެން ހުރި ގެއެއްގެ މައްޗަށް ވެއްޓި ގެއްލުންތައް ލިބިއްޖެ އެވެ.

ކޮންކްރީޓް ބެރި ވެއްޓުމުގެ ސަބަބުން އެގޭގެ އެއްވެސް މީހަކަށް ގެއްލުމެއް ލިބިފައެއް ނުވެ އެވެ. ނަމަވެސް ފުލުހުން ބުނީ ބެރި ވެއްޓި ގޭގެ ފުރާޅުގައި ޖެހުމުގެ ސަބުން އެގެއަށް ގެއްލުންތައް ލިފައިވާ ކަމަށެވެ.

އަލުން އިމާރާތް ކުރުމަށްޓަކައި ތަޅައިލުމުގެ މަސައްކަތް ކުރަމުންދިޔަ ގެއިން ބެރި ވެއްޓުނު ވަގުތު އެގޭ ކައިރީގައީ ހުރި މީހަކު މައުލޫމާތު ދިން ގޮތުގައި ބައިވަރު ޓިނާއެކު ކޮންކްރީޓް ބެރި ވެއްޓި، އިންވެގެން ހުރި ގޭގެ ފުރާޅު ފަޅާއިލައި އެތެރެއަށް ފައިބައިގެން ގޮސްފައިވާ ކަމަށެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލަކު ވިދާޅުވި ގޮތުގައި އަލުން އިމާރާތް ކުރުމަށް ތަޅަމުން ދިޔައީ މިރިޔާސްމަގުގައި ހުންނަ މ. ޒަރީފާ އެވެ. އަދި ވިދާޅުވީ އެ މަސައްކަތުގެ ތެރޭގައި ޖެހިގެން ހުރި ދެބުރިގެ، އޮރިއެންޓް ހައުސްގެ މައްޗަށް ބެރި ވެއްޓުނު އިރު އެގޭގެ ތެރޭގައި މީހުން ވެސް ތިބި ކަމަށެވެ.