އަންގާރަ ދުވަހުގެ ރޭ ޖަރުމަނު ލީގުގައި ވުލްފްސްބާގާ ދެކޮޅަށް ބަޔާން މިއުނިކް ކުޅުނު މެޗުގައި އެޓީމުގެ ޕޮލެންޑް ތަރި ރޮބާޓް ލެވަންޑޯސްކީގެ ފަރާތުން ފެނިގެންދިޔަ ލަނޑު ޖެހުމުގެ އާދަޔާ ޚިލާފް މޮޅު ހުނަރުގެ ސަބަބުން އެ ކްލަބުގެ ކޯޗް ޕެޕް ގާޑިއޮލާ އާޝޯޚްކޮށްލައިފި އެވެ. ލެވަންޑޮސްކީ ވަނީ އެ މެޗުގައި 9 މިނިޓް ތެރޭ 5 ލަނޑު ޖަހައި 5-1 އިން ބަޔާން މޮޅުކޮށްދީފައެވެ.

މިއުނިކްގެ އެލިއަންޒް އެރީނާގައި ކުޅުނު އެ މެޗުގެ ފުރަތަމަ ހާފް ނިމުނު އިރު ގާޑިއޮލާގެ ބަޔާނަށް އޮތީ 1-0 ގެ ނަތީޖާއަކުން މެޗުގެ ލީޑު ގެއްލިފައެވެ. އެހެންކަމުން ދެވަނަ ހާފަށް އޭނާ ޓީމު ނެރުނީ ބަދަލަކާއެކު އެވެ. އެއީ ފޯވާޑް ތިއާގޯ އަލްކަންޓަރާގެ ބަދަލުގައި ލެވަންޑޯސްކީ ހިމަނައިގެންނެވެ.

ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ކުޅެން ނުކުތް ލެވަންޑޯސްކީގެ ލަނޑު ޖެހުމުގެ ތާރީޚީ ވަގުތުކޮޅު އޭނާ ފެށީ މެޗުގެ 51 ވަނަ މިނިޓްގައެވެ. އަދި އޭގެ އެއް މިނިޓްފަހުން 25 ޔާޑު ދުރުން ވުލްފްސްބާގުގެ ގޯލަށް ބާރުހަމަލާއެއް ފޮނުވާލައި ދެވަނަ ލަނޑު ކާމިޔާބުކުރި އިރު، ލެވަންޑޮސްކީ އެމެޗުގައި ހެޓްރިކެއް ހަމަކުރީ ލަނޑުޖަހަންފެށިތާ 3 މިނިޓް 22 ސިކުންތު ތެރޭގައެވެ.

އުމުރުން 27 އަހަރުގެ ފޯވާޑް މެޗުގެ 57 ވަނަ މިނިޓާއި 60 ވަނަ މިނިޓާ ދެމެދު އިތުރު ދެ ލަނޑު ކާމިޔާބުކުރި އިރު، ކޯޗު ގާޑިއޮލާ ހުރީ ބުނާނެ އެއްޗެއް ނޭނގި ބަސްހުއްޓިފައެވެ.

ބަޔާންގެ ކޯޗް ޕެޕް ގާޑިއޮލާ ބުނީ ރޭގެ މެޗުން ފެނުނީ އޭނާގެ މުޅި ފުޓްބޯޅަ ކެރިއަރުގައި ވެސް ނުދެކޭ ފަދަ އާދަޔާޚިލާފް މަންޒަރެއް ކަމަށް -- ފޮޓޯ: ބީބީސީ

"މިކަހަލަ ކަމެއް އަހަރެންގެ މުޅި ފުޓްބޯޅަ ހަޔާތުގައި ވެސް ކުޅުންތެރިއެއްގެ ގޮތުގައި ވެސް އަދި ކޯޗެއްގެ ގޮތުގައި ވެސް ތަޖްރިބާ ނުކުރަން،" ދުނިޔޭގެ އެންމެ މޮޅެތި ކުޅުންތެރީން ހިމެނޭ ބާސެލޯނާއަށް ވެސް ގިނަ ކާމިޔާބީތަކެއް ހޯދައިދިން ގާޑިއޮލާ ލެވަންޑޮސްކީއާ ބެހޭގޮތުން ބުންޏެވެ.

ރޭގެ މެޗުގައި ލެވަންޑޮސްކީ ފަސް ލަނޑު ހަމަކުރީ 8 މިނިޓް 57 ސިކުންތު ތެރޭގައެވެ. މި ލަނޑުތަކާއެކު ލެވަންޑޮސްކީ ވެގެން ގޮސްފައި ވަނީ، ޔޫރަޕްގެ އެންމެ ބޮޑު ހަތަރު ލީގުގެ ތާރީޚަށް ބަލާއިރުވެސް ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ކުޅެން ނުކުމެ އެއް މެޗެއްގައި ފަސް ލަނޑުޖެހި ފުރަތަމަ ކުޅުންތެރިޔާއަށެވެ.

"ނުވަ މިނިޓް ތެރޭގައި ފަސް ލަނޑު. އަހަރެން ވަރަށް ހިތްހަމަޖެހޭ ރޮބާޓްއާ ދޭތެރޭ. މެޗުގެ 45 މިނިޓްގައި ވަރަށް ދަށްކޮށް ކުޅުނު ޓީމެއް ނުވަ މިނިޓް ތެރޭ 5 ލަނޑު. މިކަން ސިފަކޮށްދޭނޭ ގޮތެއްވެސް އަހަންނަށް ނޭނގެ،" ގާޑިއޮލާ ބުންޏެވެ.

ލެވަންޑޯސްކީ ވުލްފްސްބާގްކޮޅަށް ލަނޑު ޖެހުމަށްފަހު އުފާފާޅުކުރަނީ -- ފޮޓޯ: ބީބީސީ

ވުލްފްސްބާގުގެ ކޯޗު ޑިއެޓާ ހެކިންވެސް ބުނީ، ލެވަންޑޮސްކީގެ ފަރާތުން ފެނިގެން ދިޔައީ އާދައިގެ ކަމެއް ނޫން ކަމަށެވެ. އަދި މިއީ ވުލްފްސްބާގްގެ ގޯލް ކީޕަރު ޑިއެގޯ ބެނާލިއޯގެ ހަނދާނުންވެސް ފޮހެވިގެން ނުދާނެ ނުވަ މިނިޓްކަން ޔަގީނެވެ.

"ކީކޭ އަހަރެން ބުނާނީ؟ ދުނިޔޭގެ ފެންވަރުގެ ކުޅުންތެރިޔާ އެވަނީ ފަސް ލަނޑު ޖަހާފައި. އެ މެޗުގައި އޭނާއަށް ހަތް ލަނޑުވެސް ކާމިޔާބު ކުރެވުނީސް. އެއީ އެކަން ވީގޮތަކީ،" ވުލްފްސްގެ ހަގީގީ ކުޅުން މެޗުގައި ފެނިގެން ދިޔަ ނަމަ އެފަދަ ގޮތަކަށް ލަނޑުތައް ނުޖެހުނީސްކަން ފާހަގަކުރަމުން ހެކިން ބުންޏެވެ.

"ބަޔާންއަށް ޖާގައެއް ނުދީ އަހަރެމެން ފުރަތަމަ ހާފްގައި ވަރަށް ރަނގަޅަށް ކުޅުނިން. ދެން ފެނިގެން ދިޔައީ މި ނުވަ މިނިޓް،" އެއީ އާދަޔާ ޚިލާފް ވަގުތުކޮޅެއްކަން ސިފަކޮށްދެމުން ވުލްފްސްގެ ކޯޗު ބުންޏެވެ.