23 Sep 2015, 10:42
ދެވަނަ ހާފްގައި ތިއާގޯ އަލްކަންޓާރާގެ ބަދަލުގައި ކުޅެން ނިކުމެ ނުވަ މިނެޓް ތެރޭގައި ފަސް ލަނޑު ޖަހައިގެން ޖަރުމަން ބުންޑަސް ލީގްގެ ރިކޯޑެއް ޕޯލެންޑް ގެ ފޯވާޑް ރޮބާޓް ލެވަންޑޯސްކީ ހަދައިފިއެވެ.
އަމިއްލަ ދަނޑުގައި ރޭ ވުލްފްސްބާގްއާ ދެކޮޅަށް ކުޅުނު މެޗުގެ ފުރަތަމަ ލަނޑު ޖަހައި ލީޑު ނެގީ ވުލްފްސްބާގް އިންނެވެ. މި ލަނޑު މެޗްގެ 26 ވަނަ މިނިޓްގައި ޖަހައި ދިނީ ޑެނިއަލް ކަލިހުއިރީ އެވެ.
ދެވަނަ ހާފް ގައި ތިއާގޯގެ ބަދަލުގައި ކުޅެން ނިކުމެ މެޗްގެ 51، 52، 55،57 އަދި 60 ވަނަ މެނިޓްގައި ކާމިޔާބު ކޮށްދިން ގޯލްތަކުން ބަޔާން މިއުނިކް ގެ ފޯވާޑް ވަނީ ޖަރުމަން ލީގްގެ ތާރީހުގައި ވެސް ނުވަ މިނެޓް ތެރޭގައި ފަސް ލަނޑު ޖެހި ފުރަތަމަ ކުޅުންތެރިޔާ އަށް ވެފެއެވެ.
"އަހަރެންގެ ކެރިއަރުގައި ޗެމްޕިއަންސް ލީގް ސެމީފައިނަލެއް ގައި ހަތަރު ލަނޑު ޖެހުނު މެޗަކީ ވަރަށް މުހިންމް މެޗްއެއް، އަދި ފަސް ލަނޑު ޖެހުމުން މި މެޗްވެސް ވެގެން މި ދިޔައީ ވަރަށް ހާއްސް މެޗަކަށް،" މެޗަށް ފަހު ވާހަކަ ދައްކަމުން 27 އަހަރުގު ފޯވާޑް ލެވަންޑޯސްކީ ބުންޏެވެ.
އެ މެޗަށް ފަހު ބާޔާން ގެ ކޯޗް ޕެޕް ގާޑިއޯލާ ބުނީ، "އަހަރެންގެ ހަޔާތުގަ ވެސް އަލަށް މި ފެނުނީ ނުވަ މިނެޓް ތެރޭގައި އެއް ކުޅުންތެރިއަކު ފަސް ލަނޑު ޖެހިތަން، ދެން ނޭނގެ މި ކަހަލަ މެޗްއެއް ފެންނާނެ ކަމެއް ވެސް. މިއީ ވަރަށް ހާއްސަ މެޗެއް،" ކަމަށެވެ.
ވުލްފްސްބާގް ކޯޗު ޑިއެޓާ ހެކިން ބަލި ގަބޫލުކުރަމުން ބުނީ " ދުނިޔެ ފެންވަރުގެ ސުޓްރައިކަރެއްގެ ފަރާތުނަ ފަސް ލަނޑު ފެނިގެން އެ ދިޔައީ، އަދި ލަނޑު ޖަހަން އިތުރު ދެ ފުރުސަތު ވެސް ތަނަވަސް ކުރި،" ކަމަށެވެ.
އެ މެޗަށް ފަހު ޖަރުމަނު ލީގް ތާވަލްގެ އެއްވަނައިގައި ހަ މެޗުން 18 ޕޮއިންޓް ލިބިގެން އޮތީ ބަޔާން އެވެ. ބަޔާން އަށް ވުރެން އެއް މެޗް މަދުން ކުޅެގެން ތާވަލްގެ ދެ ވަނައިގައި އޮތީ ވާދަވެރި ބޮރޫޝިއާ ޑޯޓްމަންޑް އެވެ.