23 Sep 2015, 10:45
'ދިރާގު އީދު ޝޯ 2015' އަންނަ ހުކުރު ދުވަހުގެރޭ ރާޅުގަނޑު ސަރަހައްދުގައި އޮންނާނެ ކަމަށް އެ ކުންފުނިން ބުނެފިއެވެ.
އެ ޝޯގައި ރާއްޖޭގެ މަޝްހޫރު ބޭންޑުތަކާއި ކުރިއަރަމުން އަންނަ އާ ބޭންޑުތައް ބައިވެރިވާނެ ކަަމަށް ދިރާގުނެ ބުނެއެވެ. އޭގެ ތެރޭގައި ޑެޓިއުން، ހަބޭސް ބޮޑުބެރު ގްރޫޕް، އެކުއޭޓިކް ވައިބް، އާކޭޑިއާ އަދި ސޯލޯ އާޓިސްޓް މޫޝަން މުބާރިކް (މުއްމު) ހިމެނެއެވެ.
އީދު ޝޯ އަކީ ދިރާގުގެ ކޯޕަރޭޓް ރެސްޕޮންސިބިލީޓީ (ސީއެސްއާރު) ގެ ދަށުން ޒުވާން ފަންނާނުން ކުރިއެރެވުމަށް ބާއްވާ ޝޯ އެއް ކަަމަށް ވެސް ދިރާގުން ބުންޏެވެ.
އެ ޝޯ ޕަބްލިކް ސާވިސް މީޑިއާ ( ޕީއެސްއެމް) އިން ލައިވްކުރާނެ އެވެ.
މީގެ ކުރިން ދިރާގުން އީދު ޝޯ ބާއްވާފައި ވަނީ ފިތުރު އީދުގެ މުނާސަބަތުގައެވެ. އެހެންނަމަވެސް މިދިޔަ ކުޑަ އީދުގައި އެ ޝޯ ނުބޭއްވުނީ ފަލަސްތީނު މުސްލިމު ރައްޔިތުންނަށް ލިބެމުން ދިޔަ އަނިޔާތަކުގައި ބައިވެރިވެ ހިތާމަ ފާޅުކުރުމުގައި ބައިވެރިވުމުގެ ގޮތުން ކަމަށް ދިރާގުން ވަނީ ބުނެފައެވެ.
ދިރާގު އީދު ޝޯ އެންމެ ފުރަތަމަ ބާއްވާފައި ވަނީ 2011 ވަނަ އަހަރު އެވެ. އޭގެ ފަހުން މިހާތަނަށް ތިން ޝޯ ބާއްވާފައިވާ އިރު "ދިރާގު އީދު ޝޯ" އަކީ މިހާތަނަށް ރާއްޖޭގައި ބާއްވަމުން އަންނަ އެންމެ ބޮޑު އެއް މިއުޒިކް ޝޯ އެވެ.