ރޭ އައްޑޫ ސިޓީގައި ހިނގި ނުރައްކާތެރި އެކްސިޑެންޓުތަކުގައި އަނިޔާވި މީހުންގެ ތެރެއިން ދެ މީހަކަށް އިތުރު ފަރުވާ ދިނުމުގެ ގޮތުން މާލެ ގެނެސްފި އެވެ.

ރޭ އައްޑޫގައި ދެ އެކްސިޑެންޓެއް ހިނގާފައިވާއިރު ފަސް މީހަކަށް ވަނީ އެކި ވަރުގެ އަނިޔާ ލިބިފައެވެ.

ހިތަދޫ ރީޖަނަލް ހޮސްޕިޓަލުގެ އޮފިޝަލަކު މިއަދު "ސަން" އާ ވާހަކަދައްކަވަމުން ވިދާޅުވީ، ރޭ ހިނގައިދިޔަ އެކްސިޑެންޓުތަކުގައި ބޮލަށް ގެއްލުންތަކެއް ލިބުނު ދެ މީހަކު ހެލިކޮޕްޓަރުގައި މާލެ ގެންގޮސްފައިވާ ކަމަށެވެ. އެގޮތުން އަނިޔާވި އެކަކު ރޭ ފަތިހު މާލެ ގެންގޮސްފައިވާއިރު އަނެއް މީހާ މާލެ ގެންގޮސްފައިވަނީ މިއަދު ހެނދުނުގެ ވަގުތެއްގައި ކަމަށެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލު މިއަދު "ސަން" އަށް ވިދާޅުވީ، ރޭ ހިނގި އެކްސިޑެންޓުތަކުގައި އަނިޔާވި މީހުންގެ ތެރެއިން ދެ މީހަކު މާލެ ގެނެސްފައިވާކަން އެނގިފައިވާ ކަމަށެވެ.

އައްޑޫ ސިޓީގައި ހިނގި ފުރަތަމަ އެކްސިޑެންޓު ހިނގާފައި ވަނީ މަރަދޫ އޯކިޑު މަގުގައެވެ. އެ އެކްސިޑެންޓުގައި ދެ ސައިކަލެއް ޖެހި ތިން މީހަކަށް އަނިޔާވެފައިވާ ކަމަށް ފުލުހުން ބުންޏެވެ.

ދެވަނަ އެކްސިޑެންޓު ހިނގީ ހިތަދޫ ލިންކް ރޯޑު "ރޯޔަލް ޕެލަސް" ކައިރީގައެވެ. ދެ ސައިކަލެއް ޖެހި ހިނގި އެކްސިޑެންޓުގައި ދެ މީހަކަށް ވަނީ އަނިޔާވެފައެވެ.