23 Sep 2015, 08:57
މިއަހަރު ދިވެހިރާއްޖޭން ހައްޖަށްދިޔަ ހުރިހާ އެއްމެން މިވަގުތު ތިބީ އަރަފާތުގެ ބިމުގައި ކަމަށް ހައްޖު މިޝަންގެ އޮފިޝަލަކު ވިދާޅުވެއްޖެއެވެ.
'ސަން' އާއި ވާހަކަދައްކަވަމުން ހައްޖު މިޝަންގެ އޮފިޝަލް ވިދާޅުވީ، ރޭގެ ފަތިސްނަމާދު ހުރިހާ ހައްޖުވެރިން ކުރީ އަރަފާތު ބިމުގައި ކަމަަށެވެ.
ހައްޖު މިޝަންގެ ޓީމްގެ ބޭފުޅުން ދެ ގްރޫޕަކަށް ބެހުމަށް ފަހު އެއް ބަޔަކު އަރަފާތު ބިމަށް ދިޔައީ އަމިއްލަ ހައްޖު ކުންފުނިތަކުން ހައްޖަށް ގޮސްތިބި މީހުންނާއި އެކު ކަމަށާއި އަނެއް ގްރޫޕް އަރަފާތަށް ގޮސްފައިވަނީ ހައްޖު ކޯޕަރޭޝަންގެ ފަރާތުން ހައްޖަށްދިޔަ މީހުން ގޮވައިގެން ކަމަށް ވެސް އޮފިޝަލް ވިދާޅުވި އެވެ.
" އިރާދަކުރެއްވޭތީ ހުރިހާ އެއްމެންގެ ހާލުވެސް ރަނގަޅު،" ހައްޖު މިޝަންގެ އޮފިޝަލް ވިދާޅުވިއެވެ.
ހައްޖު ޚުތުބާ އޮންނާނީ މެންދުރުފަހުއެވެ. މިއަހަރު ރާއްޖޭން 2000 މީހުން ހައްޖަށް ދިޔައެވެ. އަދި ދުނިޔޭގެ އެކި ގައުމުތަކުން ދެ މިލިއަނަށް ވުރެ ގިނަ މީހުން ހައްޖަށްދާނެ ކަމަށް ސައުދީން ބުނެ އެވެ.