ހަތިޔާރުއެޅި ބަަޔަކު ފިލިޕީންސްގެ ދެކުނުގައި އޮންނަ މަޝްހޫރު ރިސޯޓަކުން ހަތަރު ޓޫރިސްޓަކު ވަގަށް ގެންގޮސްފައިވާ ކަމަށް އެގައުމުގެ އަސްކަރިއްޔާއިން ބުނެފި އެވެ.

ވަގަށް ގެންދިޔަ މީހުންގެ ތެރޭގައި ހިމެނެނީ ކެނެޑާގެ ދެ ޓޫރިސްޓަކާ ނޯވޭއަށް ނިސްބަތްވާ އެ ރިސޯޓުގެ މެނޭޖަރެއްގެ އިތުރުން ފިލިޕީންސްގެ އަންހެނެކެވެ. އެ އެންމެންގެ މައުލޫމާތު ފިލިޕީންސްގެ ފުލުހުން ވަނީ އާއްމުކޮށްފައެވެ.

ފިލިޕީންސްގެ އަސްކަރިއްޔާގެ ކެޕްޓަން އަލްބާޓޯ ކޭބާ ވިދާޅުވި ގޮތުގައި، އެ ހަތަރު މީހުން ވަގަށް ނަގާފައިވަނީ އިއްޔެ ދަންވަރުގެ ވަގުތެއްގައި އެގައުމުގެ ދެކުނުގެ ސަމާލް އައިލެންޑުގައި އޮންނަ އޯޝަންވިއު ރިސޯޓަށް އަރައި ބަޑިން ބިރުދެއްކުމަށްފަހުއެވެ. އަދި އެމީހުން ފިލާފައިވަނީ ބޯޓެއްގަ އެވެ.

"ހަތަރު މީހަކު ވަނީ ގެންގޮސްފަ. އެކަމަކު އަދި އެހަމަލާގެ ފަހަތުގައި ވަނީ ކޮންބައެއްކަމެއް ނޭނގެ... އެމީހުންގެ އަމާޒަކަށްވީ ޓޫރިސްޓުން. އެމީހުން ގެންގޮސްފައިވަނީ އަތުޖެހުނު މީހެއް ނޫން،" ކޭބާ ވިދާޅުވި އެވެ.

އޭނާ ވިދާޅުވި ގޮތުގައި، ހަތިޔާރުއެޅި މީހުން ރިސޯޓަށް އެރި ވަގުތު، ރިސޯޓުގައި 30 ޓޫރިސްޓުން ތިއްބެވެ. އަދި ވަގަށް ނެގި މީހުންނާއެކު އެމީހުން ފިލާފައިވަނީ މުންޑަނާއޯ އަށް ކަމަށް ބެލެވޭ ކަމަށް ވެސް އަސްކަރިއްޔާގެ ކެޕްޓަން ވިދާޅުވި އެވެ.

ފިލިޕީންސްގެ އަސްކަރިިއްޔާގެ ކޮމާންޑަރަކު ބުނިގޮތުގައި، ހަތިޔާރު އެޅި މީހުން ދަތުރުކުރި ބޯޓު ހޯދައި އަތުލައި ގަތުމަށް ތިން ނޭވީ ބޯޓު މިހާރު ހަރަކާތްތެރި ވަމުންދާއިރު، މުންޑަނާއޯގެ އިރުދެކުނުގައި ބޯޓު ކައިރިކޮށްފާނެ ކަމަށް ބެލެވޭ ސަރަހައްދުތަކުގައި އެއްގަމު ސިފައިން ދަނީ ފޯރި މަރަމުންނެވެ.

މީގެ އިތުރުން، ހަނގުރާމަވެރިންގެ ކިއްލާތައް ގިނަ ފިލިޕީންސްގެ ހުޅަނގުދެކުނުގެ ރަށަކަށް ގޮސްފާނެ ކަމަށްބަލައި، ޓޫރިސްޓުން ވަގަށް ނެގި ރިސޯޓު ވަށައިގެންވާ ކަނޑުގެ ސަރަހައްދު ބަންދުކޮށްފައިވާ ކަމަށް ވެސް ކެޕްޓަން ކޭބާ ވިދާޅުވެފައިވެ އެވެ.

މައުލޫމާތު: އަލްޖަޒީރާ