23 Sep 2015, 08:52
ކުރީގެ ލޯބިވެރިޔާ އަދި ބޮލީވުޑްގެ ބަތަލާ ދީޕިކާ ޕަދުުކޯން އެކްޓަރަކަށްވުމުން އުފާވާ ކަމަށާއި އަދި އޭނާ އާއެކު މަސައްކަތްކުރާއިރު ގިނަ އެއްޗެހި ތަކެއް ދަސްވާ ކަމަށް ރަންބީރު ކަޕޫރު ބުނެފި އެވެ.
"އަހަންނަށް ވަރަށް ގިނަ އެއްޗެހި ދީޕިކާ ފަރާތުން ދަސްވި. އަހަރެމެންގެ ދެވަނަ ފިލްމު ހެދީ އެއްކޮށް، އެއީ 'ބަޗްނާ އޭ ހަސީނޯ'. ދެން އެއަށްފަހު ކުޅުނު 'ޔޭ ޖަވާނީ ހޭ ދިވާނީ' އަށް ވަރަށް ބޮޑު ތަރުހީބެއް ލިބުނު. އެކްޓަރަކަށް ވެގެން މިހާ ހިސާބަށް ދީޕިކާއަށް އާދެވުނީތީ ވަރަށް އުފާވެ އަދި ހިތްވަރު ލިބިގެންދިޔަ،" ފިލްމު "ތަމާޝާ" ގެ ޓްރެއިލާ ރިލީޒްކުރުމުގެ ރަސްމިއްޔާތުގައި ރަންބީރު ބުނެފައިވެ އެވެ.
އިމްތިއާޒު އަލީ ޑައިރެކްޓްކޮށްފައިވާ އަދި ގިނަ ބަޔަކު އެ ފިލްމަކަށް އިންތިޒާރު ކުރާ ލޯބީގެ ފިލްމު، "ތަމާޝާ" އަކީ ކުރީގެ ދެ ލޯބިވެރިން ކަމަށްވާ ރަންބީރާ އަދި ދިޕިކާ އެކުގައި ފިލްމަކުން ފެންނަ ތިން ވަނަ ފިލްމެވެ.
"އަހަންނަށް ތަމާޝާ އަކީ ވަރަށް މުހިއްމު ފިލްމެއް. ފިލްމުގެ ޓީމާއެކު މަސައްކަތްކުރުމަކީ ވަރަށް ހިތްހަމަޖެހޭ ކަމެއް. އަހަރެންގެ އުއްމީދަކީ ބެލުންތެރިން ފިލްމަށް ފުރުސަތެއްދީ ފިލްމާމެދު ހިތްހަމަޖެހޭނެ ކަމަށް،" ދިޕިކާއާ އެކު ޓްރެއިލާ ރިލީޒްކުރުމުގައި ވާހަކަ ދައްކަމުން ރަންބީރު ބުނެފައިވެ އެވެ.
ފިލްމު "ތަމާޝާ" ރިލީޒްކުރުމަށް ހަމަޖެހިފައިވަނީ އަންނަ ނޮވެމްބަރު މަހުގެ 27 ވަނަ ދުވަހު އެވެ.