އިނގިރޭސި ފުޓްބޯޅައިގެ ގަދަ ބާރު މެންޗެސްޓާ ޔުނައިޓަޑްގެ ފަހުގެ ތާރީހް ދުށް އެންމެ މޮޅު ކުޅުންތެރިޔަކީ 2003 ވަނަ އަހަރުން ފެށިގެން 2009 ވަނަ އަހަރާއި ހަމަޔަށް އެޓީމަށް ކުޅުނު ޕޯޗްގަލްގެ ކްރިސްޓިއާނޯ ރޮނާލްޑޯއެވެ. މިކަމަކީ މެންޔޫގެ ސަޕޯޓަރުންނާއި މުޅި ދުނިޔެ، އިތުރު ވިސްނުމެއް ނެތި ގަބޫލު ކުރާނެ ހަގީގަތެކެވެ. 2009 ވަނަ އަހަރު މެންޔޫ ދޫކޮށް ރެއާލް މެޑްރިޑަށް ރޮނާލްޑޯ ބަދަލުވިފަހުން އަދި މިހާތަނަށް އައިއިރު ރޮނާލްޑޯގެ ރިޕްލޭސްމެންޓެއް މެންޔޫއަކަށް އުފެއްދިފައެއް ނެތެވެ.

ރޮނާލްޑޯ މެންޔޫ ދޫކޮށް ރެއާލްއަށް ބަދަލުވިތާ ހަ އަހަރު ފުރުނުއިރު ރޮނާލްޑޯ ނެތްތަން ފޫބެއްދުމަށް އެޓީމުން ވަނީ އެތަށް ޖާދޫއެއް ހަދަން މަސައްކަތްކޮށްފައެވެ. ހުނަރުވެރި މޮޅެތި ކުޅުންތެރިން ބޭނުންކޮށްގެން ރޮނާލްޑޯ ނެތްތަން ފޫބެއްދުމަށް ވަނީ މަސައްކޮށްކޮފައެވެ. ރޮބިން ވެންޕާސީއާއި އެންހަލް ޑި މާރިއާ ފަދަ ކުޅުންތެރިން ހިމަނައިގެންނެވެ. ނަމަވެސް އެކަމަށް ޓެކްޓިކަލް ހައްލެއް ހޯދިފައެއް ނުވެއެވެ.

ޔޫރަޕްގެ ބޮޑެތި ލީގްތައް މިސީޒަނަށް ތައްޔާރުވިއިރު ޓްރާންސްފާ މާކެޓްގައި އެންމެ ޙަރަކާތްތެރިކޮށް މަސައްކަތް ކުރި ޓީމްތަކުގެ ތެރޭގައި މެންޔޫ ހިމެނެއެވެ.

މިސީޒަނަށް މުޅިން އަލަށް ފަސް ކުޅުންތެރިޔެއް އެޓީމަށް ގެނެސްފައިވާއިރު އެންމެ ފާހަގަކޮށްލެވޭ ކުޅުންތެރިޔަކީ ހޮލެންޑްގެ ޕީއެސްވީ އެއިންދޯވަންއިން އެޓީމާ ގުޅުނު އުމުރުން 21 އަހަރުގެ ވިންގާ، މެންފިސް ޑިޕާއީ އެވެ. މެންޔޫގެ ސަޕޯޓަރުންނާއި އެޓީމްގެ ކުރީގެ ކުޅުންތެރިން ޑިޕާއީ އާ މެދު އުންމީދުތަކެއް ކުރެއެވެ. ބައެއް ސަޕޯޓަރުންނާއި ކުރީގެ ކުޅުންތެރިންގެ ނަޒަރުގައި ޑިޕައީއަކީ މެންޗެސްޓާ ޔުނައިޓަޑްގެ ރޮނާލްޑޯއެވެ.

ކުރިން މެންޗެސްޓާ ޔުނައިޓަޑަށް ކުޅުނު ދެކުނު ކޮރެއާގެ ފުޓްބޯޅަ ލެޖެންޑް ޕާކް ޖީސުން ބުނެފައިވަނީ 'ޑިޕާއީއަކީ ރޮނާލްޑޯ' ކަމަށް ބައެއް މީހުން ބުނާކަމަށާއި ޚުދު އޭނާއަށްވެސް އެކަން އިހްސާސް ކުރެވޭ ކަމަށެވެ.

ރޮނާލްޑޯއާއެކު މެންޗެސްޓާ ޔުނައިޓަޑްގައި ކުޅެފައިވާ ޕާކްވަނީ ޑިޕާއީއާ ރޮނާލްޑޯއާ ގުޅުވައި ބައެއް ސަބަބުތައް ފާހަގަކޮށްފައެވެ. އެގޮތުން މޮޅު ކުޅުންތެރިޔާއަށް ވުމަށް ޑިޕާއީގެ އަޒުމާއި އޭނާ އެކަމަށްޓަކައި ކުރާ ބުރަ މަސައްކަތް ޕާކް އަޅައި ކިޔައި ފާހަގަ ކޮށްފައިވެއެވެ.

"ބައެއް މީހުން ބުނޭ ޑިޕާއީއަކީ ރޮނާލްޑޯ ފަދަ ކުޅުންތެރިޔެކޭ. ޚުދު އަހަންނަށްވެސް އެކަން އިހްސާސް ކުރެވޭ. މޮޅު ކުޅުންތެރިޔާއަށް ވުމަށް ޑިޕާއީ އަޒުމު ކަނޑައަޅާ މިންވަރާއި އެކަމަށް އޭނާ ކުރާ ބުރަ މަސައްކަތުންވެސް އެކަން ސާބިތުވޭ. އޭނާ މެންޗެސްޓާ ޔުނައިޓެޑާ ގުޅުމުން ކުލަބަށްވެސް އަދި ޑިޕާއީއަށްވެސް އޭގެ ފައިދާ ކުރާނެ. އޭގެ ފައިދާ ދެ ފަރާތަށްވެސް ކުރާނެ" ކްއީންސް ޕާކް ރޭންޖާސް (ކިޔުޕީއާރް) ގެ އެއްބަސްވުމުގައި ހުރެ ލޯން އެއްބަސްވުމުގެ ދަށުން މިދިޔަ ސީޒަންގެ ބައެއްގައި ޑިޕާއީއާއެކު ޕީއެސްވީއަށް ކުޅުނު ޕާކް ބުންޏެވެ.

މީގެ އިތުރުން މެންޔޫއަށް ކުޅުނު ހޮލެންޑްގެ ފުޓްބޯޅަ ލެޖެންޑް، ކީޕަރު އެޑްވެން ވެންޑަސާވެސް ވަނީ ޑިޕާއީގެ ހުނަރުވެރިކަމާ ބެހޭގޮތުން ދެއްކި ބައެއް ވާހަކަތައް ރޮނާލްޑޯގެ ހުރި ހުނަރުވެރިކަމާ ގުޅުވައި ދައްކާފައެވެ.

ހޮލެންޑްގެ ފުޓްބޯޅަ ލެޖެންޑް ރޮނަލްޑް ޑިބާއޯގެ ނަޒަރުގައި ޑިޕާއީއަކީ ޒުވާން ކްރިސްޓިއާނޯ ރޮނާލްޑޯއެވެ. ޑިބާއޯ ބުނީ ޑިޕާއީގެ ހުރި ހުނަރުވެރިކަމުން އޭނާއަކީ ޒުވާން ރޮނަލްޑޯ ކަމަށް އަޅާ ކިއިދާނެކަމަށާއި އޭނަގެ ހުނަރާއި އެކި ހިސާބުތަކުން ގޯލަށް ބޯޅަ ފޮނުވާލާ ގޮތާއި އޭނާގެ ލަނޑު ޖެހުމުގެ ނިސްބަތް ފުދޭ ކަމަށެވެ.

އާ ސީޒަނަށް މެންޔޫއިން ޑިޕާއީ އާ ހަވާލުކުރީ މެންޔޫގައި ރޮނާލްޑޯއާއި މަޝްހޫރު އެހެން ބައެއް ކުޅުންތެރިންވެސް ބޭނުން ކުރި މަޝްހޫރު ނަންބަރު ސެވަން ޖޯޒީއެވެ.

ރޮނާލްޑޯ (މ) ވެސް މެންޔޫގައި ބޭނުން ކުރީ ޖޯޒީ ނަންބަރު ހަތެއް. މެންޔޫއިން ޑިޕާއީއާ ހަވާލު ކުރީވެސް ޖޯޒީ ނަންބަރު ހަތެއް ---

މެންޔޫގެ ސަޕޯޓަރުން ޑިޕާއީ އާ މެދު ކުރަމުންދާ އުންމީދަށް ޑިޕާއީ އިތުރު ކުލައެއް ޖައްސައިދިނީ ޔޫއެފާ ޗެމްޕިއަންސްލީގަށް ކޮލިފައިވުމަށް ކުޅުނު ޕްލޭއޮފް މެޗްގައި ބެލްޖިއަމްގެ އެފްސީ ބްރާގާ ދެކޮޅަށް ކުޅުނު މެޗްގައި މެންޔޫއިން ޖެހި ތިން ލަނޑުގެ ތެރެއިން ދެ ލަނޑު ޖައި އަނެއް ލަނޑު ޖެހުމަށް ފުރުސަތު ތަނަވަސްކޮށްދީ، މެދު ކެނޑުމަކަށްފަހު މެންޔޫ އަލުން ޗެމްޕިއަންސް ލީގަށް ކޮލިފައި ކޮށްދިނުމުންނެވެ.

ޑިޕާއީ – ރޮނާލްޑޯ: އެއްގޮތް ކަންތަތަކަކީ ކޮބާ؟

މެންޔޫގެ ސަޕޯޓަރުން ޑިޕާއީ ދަނޑަށް ނިކުތުމުން އޭނާއަށް ރޮނާލްޑޯއޭ ކިޔައި ގުޅުވާއިރު ދެ ކުޅުންތެރިންގެ މެދުގައި ޓެކްޓިކަލީވެސް ގުޅުންތަކެއް އެބަހުއްޓެވެ.

ރޮނާލްޑޯއެކޭ އެއްފަދައިން ޑިޕާއީގެ ކިބައިގައިވެސް ކައުންޓަ އެޓޭކްގެ ފުރުސަތުގައި މެދުތެރެއިން ބާރު ސްޕީޑްގައި ދުވެ ގޯލް ކާމިޔާބުކުރުމުގެ ހުނަރު އެބަހުއްޓެވެ.

މިދިޔަ އަހަރު ބޭއްވި ވޯލްޑްކަޕްގައި ގުރޫޕް ސްޓޭޖުގެ ފަހު މެޗްގައި ޗިލީ ކޮޅަށް ކައުންޓަ އެޓޭކްގެ ފުރުސަތުގައި ޑިޕާއީ ވަނީ ލަނޑު ޖަހައި އޭނާގެ ކިބައިގައި އެހުނަރު ހުރިކަން ސާބިތުކޮށްދީފައެވެ.

ރޮނާލްޑޯ އަކީ ކަނާތު ފައިން އާދަޔާ ޚީލަފަށް މޮޅަށް ކުޅޭ ކުޅުންތެރިޔެކެވެ. ޑިޕާއީވެސް ފާހަގަ ކުރެވުނީ ކަނާތުފައިން ވަރުގަދައަށް ކުޅޭ ކުޅުންތެރިޔެއްގެ ގޮތުގައެވެ.

ޑިޕާއީ އަކީ ރޮނާލްޑޯއެކޭ އެއްފަދައިން ހިލޭ ޖެހުންތަކުގެ މާސްޓަ ޕީސްއެކެވެ. މިދިޔަ އަހަރުގެ ވޯލްޑްކަޕްގައި އޮސްޓްރޭލިއާ ކޮޅަށް ހިލޭ ޖުމުމުން ޑިޕާއީ ކާމިޔާބު ކުރި ލަނޑަކީ ފާހަގަކޮށްލެވޭ މޮޅު ލަނޑެކެވެ.

ރޮނާލްޑޯ އަކީ ނެއްޓުމާ ކޮށްޓުމުގައި ތަފާތު މޮޅު ކުޅުންތެރިޔެކެވެ. އެއީ ރޮނާލްޑޯގެ އެންމެ ޚާއްސަ އެއް ކެރެކްޓާއެވެ. ޑިޕާއީގެ ކިބައިގައިވެސް އެހުނަރުވެރިކަން ހުރިކަން ލީގްގައި މިހާތަނަށް ކުޅުނު މެޗްތަކުންވެސް ވަނީ ފަހަގަ ވެފައެވެ.

ލީގުގައި މެންޔޫއާ ލިވަޕޫލް ބައްދަލު ކުރި މެޗްގައި ލިވަޕޫލްގެ ދެ ކުޅުންތެރިން ކަޓުވާފައިދާން ޑިޕާއީ މަސައްކަތް ކުަރަނީ. އޭނާއަކީ ނެއްޓުމާއި ކޮށްޓުމުގެ ހުނަރު ހުރި ކުޅުންތެރިޔެއް --- އެޕީ ފައިލް ފޮޓޯ/ ސްޕަ ޖޯންސް

ރޮނާލްޑޯއަކީ ފިޒިކަލީ 100 ޕަސަންޓް ދޭ ކުޅުންތެރިޔެކެވެ. އެއް ލެވަލެއްގައި ހައި ޓެމްޕޯގައި ހިފަހައްޓައިލެވޭ ކުޅުންތެރިޔެކެވެ. ދުނިޔޭގެ ވާދަވެރި ބޮޑު ލީގެއްގައި ޑިޕާއީ އަލަށް ކުޅެން ފެށިއިރު މީހާތަނަށް ކުޅުނު ހަތް މެޗްގެ ތެރެއިން ހަ މެޗްގައި ފުލުކޮށް ކުޅުނު އިރު ޑިޕާއީ ބަދަލުކޮށްފައިވަނީ ލިވަޕޫލާ ދެކޮޅަށް ކުޅުނު މެޗްގައި އެކަންޏެވެ.

ހޮލެންޑްގެ މަޝްހޫރު ސްޕޯޓްސް ޖާނަލިސްޓް ތިޖްސް ސްލޭގާސް ބުނެފައިވަނީ ޑިޕާއީގެ ހުރި ގިނަ ކެރެކްޓާތަކަކީ ރޮނާލްޑޯގެ ހުރި ފީޗާތަކާ އެއްގޮތް ކެރެކްޓާތަކެއް ކަމަށެވެ.

ޑިޕާއީވެސް ކުޅޭ ގޮތުން އިދިކޮޅު ޓީމްގެ ކުޅުންތެރިން އޭނާދެކެ ޖެހިލުންވެ އިހްތިރާމް ކުރާ ކަމަށާއި ނަމަވެސް އޭނާ އިދިކޮޅު ކުޅުންތެރިން ދެކެ ޖެހިލުންނުވާކަމަށް ސްލޭގާސް ބުންޏެވެ.

"ކުދިކުދި ތަފާތުތައް ހުއްޓަސް މެންފިސްއަކީ ހަމަ ކްރިސްޓިއާނޯ. އެ ދެ ކުޅުންތެރިންގެ ކެރެކްޓާގައި އެއްގޮތް ކަންތައްތަކެއް އެބަހުރި. ތެދެއްމެ ބައެއް ކަންކަން މެންފިސްގެ ކިބައިގައި ތަންކޮޅެއް ދައްކޮށް ހުރެދާނެ. އެކަމަކު މަސައްކަތުގެ ރޭޓްގައި ދެ ކުޅުންތެރިން ކުރާ ބުރަ މަސައްކަތުން އެ ދެ ކުޅުންތެރިން ބޭނުންވަނީ އަބަދުވެސް އެއްވަނަ. މިއީ އަހަންނަށް މި ދެ ކުޅުންތެރިންގެ ފަރާތުން ތަފާތެއް ނެތި ފެންނަ އެންމެ ބޮޑު އެއްގޮތް ކަންތައް،" ސްލޭގާސް ބުނެފައިވެއެވެ.

ނަމަވެސް އޭނާއާ ރޮނާލްޑޯއާ އަޅާ ކިޔާކަށް ޑިޕާއީ ބޭނުމެއް ނުވެއެވެ. އެކަމާ ބެހޭގޮތުން ޑިޕާއީ އާ ސުވާލުކުރުމުން އޭނާ ބުނީ ރޮނާލްޑޯއަކީ ދުނިޔޭގައި މިހާރު ހުރި އެންމެ މޮޅު ފުޓްބޯޅަ ކުޅުންތެރިޔާ ކަމަށާއި އެ ފެންވަރުގެ ކުޅުންތެރިޔަކާ އަޅައި ކިޔަން ބޭނުންނުވާ ކަމަށެވެ.

"އަހަރެން ބޭނުމެއްނޫން މާގިނަ ވަހަކަ ދައްކާކަށް. އަހަރެން ބޭނުންވަނީ ދަނޑުމަތީގައި އަހަރެންގެ ހުނަރު ދައްކަން. އަހަރެން އަދި ވަރަށް ޒުވާން. ފުޓްބޯޅައިގައި މާގިނަ ދުވަހެއް އަހަރެން ހޭދައެއް ނުކުރަން،" ޑިޕާއީ ބުންޏެވެ.

ޑިޕާއީއަކީ މިދިޔަ ޓްރާންސްފާ ބަޒާރުގައި ކްލަބަކުން ކުރި އެންމެ ބިނާ ކުރުވަނިވި އިންވެސްޓްކަން މިހާތަނަށް ކުޅެވުނު މެޗްތަކުން އޭނާ ވަނީ ސާބިތު ކޮށްދީފައެވެ. އޭނާގެ ފައިގައި ބޯޅަ ޖެހޭ ކޮންމެ ފަހަރަކު ސަޕޯޓަރުން ކައްކުވާލައި، މިހާތަނަށް ކުޅުނު ކޮންމެ މެޗެއްގައިވެސް ތަފާތު ދައްކާފައިވާއިރު މިހާރު އުފެދޭ ސުވާލަކީ ހަ އަހަރަށް ފަހު މެންޔޫއިން ގެނައި ރޮނާލްޑޯގެ ރިޕްލޭސްމެންޓަކަށް ޑިޕާއީ ވެދާނެ ހެއްޔެވެ؟