ގދ. އަތޮޅު އޮފީހުން 200،000ރ. ގެ އަގުހުރި އިލެކްޓްރޯނިކް ސާމާނުތަކެއް ގަތުމަށް އިއުލާންކުރުމުން، އޭރު ހުންނެވި އަތޮޅު ކައުންސިލަރު މުހައްމަދު ނިޔާޒްގެ އަމިއްލަ ފިހާރައަކުން އެތަކެތި ގަނެ، އެ އަދަދަށް ފިހާރާގެ އެކައުންޓަށް ފައިސާ ޖަމާކުރުމުގެ ތުހުމަތުގައި އޭނާގެ މައްޗަށް ދައުވާކޮށްދިނުމަށް އެދި އެންޓި ކޮރަޕްޝަން ކޮމިޝަން )އޭސީސީ( އިން ޕްރޮސެކިއުޓާ ޖެނެރަލް (ޕީޖީ) އޮފީހަށް ފޮނުވައިފި އެވެ.

އެސީސީން ބުނީ އިލެކްޓްރޯނިކް ސާމާނުތަކެއް ގަތުމަށް އަތޮޅު އޮފީހުން ޑިސެމްބަރ 14، 2009 ގައި ކޮށްފައިވާ ތިން އިއުލާނަކާ ގުޅިގެން އެ ތަކެތި ގަނެފައި ވަނީ މާލިއްޔަތުގެ ގަވާއިދާ ޚިލާފަށް ކަމަށް ބުނެ އެ ހުށަހެޅި މައްސަލަ ބެލިއިރު، އެ ތަކެތި ގަތުމަށް ސޮއިކޮށްފައި ވަނީ އެ އަތޮޅުގެ އޭރުގެ ކައުންސިލަރު ގދ. ތިނަދޫ ބްލޫފިޝް މުހައްމަދު ނިޔާޒު ކަމަށެވެ. އަދި ނިޔާޒުގެ ނަމުގައި ރަޖިސްޓްރީ ކޮށްފައިވާ ޑީއެމްއެން ޓްރޭޑާސްގެ ދެ ފިހާރައަކުން އެތަކެތި ވިއްކުމަށް އަގު ހުށަހަޅާފައިވާ ކަމަށް ވެސް އޭސީސީން ބުންޏެވެ.

އަދި އެތަކެތީގެ އަގަށްވާ 201500ރ. ރުފިޔާ ޚަރަދު ކުރުމަށް ގދ. އަތޮޅު އޮފީހުގެ ޗެކްގައި ސޮއިކޮށްފައި ވަނީ ނިޔާޒު ކަމަށާއި އެޗެކު ޖަމާކޮށްފައި ވަނީ ނިޔާޒުގެ އަމިއްލަ ފިހާރައެއް ކަމަށްވާ ޑީއެމްއެން ޓްރޭޑާސްގެ ނަމުގައި ބޭންކޮ އޮފް މޯލްޑިވްސް ގައި ހުޅުވައިފައިވާ އެކައުންޓަކަށް ކަމަށް ވެސް އޭސީސީން ބުންޏެވެ.

"ކޮރަޕްޝަން ހުއްޓުވާ މަނާކުރާ ގާނޫނުގެ 12 ވަނަ މާއްދާގެ (ހ) ގައި ބުނާފަދައިން މުހައްމަދު ނިޔާޒް އޭނާގެ މަގާމުގެ ނުފޫޒް ބޭނުންކޮށްގެން ފައިދާ އެއް ހޯދުމާއި، ބަޔަކަށް ފައިދާ އެއް ހޯދައިދީފައިވާތީ ކަމާއި، އެ ގާނޫނުގެ 14 ވަނަ މާއްދަގެ (ށ) ގައި ބުނާފަދައިން އަމިއްލަ ފައިދަ ލިބޭ ގޮތަށް ސަރުކާރުގެ ތަކެތި ހޯދާފައިވާ ކަމަށް ވުމާއެކު، މުހައްމަދު ނިޔާޒުގެ މައްޗަށް ކޮރަޕްޝަން ހުއްޓުވުމާއި މަނާކުރުމުގެ ގާޏޫނުގެ 12 ވަނަ މާއްދާގެ (ހ) އާއި އެ ގާނޫނުގެ 14 ވަނަ މާއްދާގެ (ށ) ގެ ދަށުން ދަޢުވާކޮށްދެއްވުމަށް 21 މާޗް 2011 ގައި ޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފީހަށް ފޮނުވައިފީމެވެ."