ރިސޯޓެއްގެ ކޮޓަރިއަކުން ހަތަރު ފުޅި ބަނގުރަލާއި އައިފޯން5 އެސް އަކާއި އަންޑާ ވޯޓާ ކެމެރާއެއް ވަގަށް ނެގި ކަމުގެ ތުހުމަތުގައި މީހަކު ހައްޔަރުކޮށްފި އެވެ.

އެ މައްސަލައާ ގުޅިގެން ފުލުހުން ހައްޔަރުކޮށްފައި ވަނީ 29 އަހަރުގެ ދިވެހި ފިރިހެނެއް ކަމަށް ފުލުހުން ބުންޏެވެ. ނަމަވެސް އޭނާއާ ބެހޭ އިތުރު ތަފްސީލެއް އަދި އެއީ ކޮން ރިސޯޓެއްގައި ހިންގި ވައްކަމެއް ކަމެއް ފުލުހުން ނުބުނެ އެވެ.

ފުލުހުން ބުނީ އެ ތަހުގީގު ހިންގީ މާލެ އަތޮޅު ރިސޯޓަކުން ރޭ ހުށަހެޅި ވައްކަމުގެ މައްސަލައަކާ ގުޅިގެން ކަމަށެވެ. އަދި ފުލުހުން ހިންގި ތަހުގީގުން އެނގުނީ އެމީހާ ރޭ އެ ރިސޯޓަށް އެރި ކަމަށާއި އިތުރަށް ސުވާލުކޮށް ލިބުނު މަޢުލޫމާތުގެ އަލީގަޔާއި އަދި ރިސޯޓްގެ އެހީތެރިކަމާ އެކު ކުރި މަސައްކަތުން ވަގަށް ނަގާފައިވާ ބައެއް ތަކެއްޗާއި ބަންގުރާ ފުޅިތައް ވަނީ ރޭ ފަތިހުގެ ވަގުތެއްގައި އެ ރިސޯޓްގެ މޫދުން ނަގާފައި ކަމަށެވެ.

ފުލުހުން ބުނީ އެ މައްސަލައިގެ ތުހުމަތުގައި ހައްޔަރު ކުރި މީހާގެ ތަހުގީގު ފުރިހަމަ ކުރުމަށް ކ. ގުރައިދޫ މެޖިސްޓްރޭޓުން ހަތް ދުވަހުގެ ބަންދުގެ މުއްދަތު ޖަހައިދީފައިވާ ކަމަށެވެ.