މޮބައިލް ފޯނުގެ ވިޔަފާރީގައި ކުރިއަރާފައިވާ މަޝްހޫރު އެޕަލް ކުންފުނިން ތައްޔާރު ކުރާ ކަމަށް ބުނެވޭ އިލެކްޓްރިކް ކާރު 2019 ވަނަ އަހަރު މާކެޓަށް ނުކުންނާނެ ކަމަށް ބައެއް ފަރާތްތަކުން ބުނެފިއެވެ.

ކާރު އުފެއްދުމަށް މަޝްހޫރު ކުންފުންޏެއް ކަމަށްވާ "ބީއެމްޑަބްލިއު" އާ ގުޅިގެން ކާރެއް އުފެއްދުމުގެ މަސައްކަތް އެޕަލް އިން ކުރާ ކަމަށް މީގެ ކުރިން ވަނީ ގިނަ ބަޔަކު ބުނެފައެވެ. ނަމަވެސް އެވާހަކަތަކަކީ ތެދެއް ކަމެއް ނުވަތަ ދޮގެއް ކަމެއްވެސް އެ ކުންފުނިން ހާމަކޮށްފައެއް ނުވެއެވެ.

"ވޯލް ސްޓްރީޓް ޖާނަލް" އިން ބުނިގޮތުގައި "ޕްރޮޖެކްޓް ޓައިޓެން"ގެ ނަމުން ކުރިއަށް ގެންދާ އެ ޕްރޮޖެކްޓަށް އެޕަލް އިން އެކުންފުނީގެ މުވައްޒަފުންގެ އަދަދު ކުރިއަށް އޮޮތް ކައިރި މުސްތަގުބަލެއްގައި ތިން ގުނައަށް އިތުރު ކުރާނެ ކަމަށެވެ.

ގިނަ ބަޔަކު ކެތްމަދުވެ އިންތިޒާރު ކުރަމުން އަންނަ އެޕަލް ކާރުގެ ޝިޕްމެންޓްގެ ތާރީހު ފިޔަވައި އެހެން އެއްވެސް މައުލޫމާތެއް އަދި އެއްވެސް ބަޔަަކަށް އެނގިފައެއް ނުވެ އެވެ.

ކާރު އުފައްދާ ކުންފުނިތަކަށް އެޕަލްގެ ހިދުމަތްތައް މިހާރު ދަނީ ތައާރަފު ކުރަމުންނެވެ. އެގޮތުން އެޕަލް "ކާރު ޕްލޭ"ގެ ހިދުމަތް ވަނީ ބައެއް ކާރު ހަދާ ކުންފުނިތަކުން ބޭނުން ކުރަން ފަށައިފައެވެ.