22 Mar 2011, 16:10
ކުރީގެ ބަންޑާރަ ނައިބު ކަމާއި އަދި އެމްޑީޕީގެ ރައީސް ކަން ވެސް ކުރައްވާފައިވާ ޑރ. މުހަންމަދު މުނައްވަރު އިސްކޮށް ހުންނަވައިގެން ރަޖިސްޓްރީ ކުރުމަށް ހުށަހަޅާފައިވާ "މޯލްޑިވްސް ރިފޯމް މޫވްމަންޓް" )އެމްއާރުއެމް( ސިޔާސީ ޕާޓީ އެއްގެ ގޮތުގައި އިލެކްޝަންސް ކޮމިޝަންގައި މިއަދު ރަޖިސްޓްރީކޮށްފި އެވެ.
މިއަދު މެންދުރު ފަހު އިލެކްޝަންސް ކޮމިޝަންސްގައި ބޭއްވި ބައްދަލުވުމެއްގައި އެމްއާރްއެމްއާ ރަޖިސްޓްރީ ހަވާލުކޮށްދެއްވީ އެ ކޮމިޝަންގެ ރައީސް ފުއާދު ތައުފީގެވެ. އެމްއާރްއެމްގެ ފަރާތުން ރަޖިސްޓްރީއާ ހަވާލުވީ އެމްއާރުއެމްގެ ވަގުތީ ސެކްރެޓަރީ ޑރ. މުނައްވަރެވެ.
~
ރަޖިސްޓްރީ ހަވާލުކޮއްދެއްވުމަށް ފަހު ނޫސްވެރިންނާ ވާހަކަ ދައްކަވަމުން ފުއާދު ވިދާޅުވީ މިއަދު އަލަށް ވުޖޫދަށް އައި ޕާޓީގެ ސަބަބުން ރާއްޖެ އަށް އުމްރާނީ ގޮތުންނާއި ސިޔާސީ ގޮތުން އިތުރު ކުރިއެރުންތަކެއް ލިބިގެން އަންނާނެ ކަމަށް އުންމީދު ކުރައްވާ ކަމަށެވެ.
ރާއްޖޭގައި 14 ވަނަ އަށް އުފެއްދި ސިޔާސީ ޕާޓީގެ އެންމެ އިސް މަގާމުގައި ހުންނެވި ޑރ. މުނައްވަރު ވިދާޅުވީ އެމްއާރްއެމް އުފެއްދުމުގެ ބޭނުމަކީ ސިޔާސީ ޕާޓީތަކުގެ އަދަދު ގިނަކުރުން ނޫން ކަމަށާއި ޒިންމާދާރު ސިޔާސީ ހަރަކާތްތައް ހިންގުން ކަމަށެވެ. އެހެން ސިޔާސީ ޕާޓީ އަކާ ކޯލިޝަން ހަދަން ވިސްނާފައި ވޭތޯ ސުވާލުދެންނެވުމުން ޑރ. މުނައްވަރު ވިދާޅުވީ މިވަގުތު އެއްވެސް ސިޔާސީ ޕާޓީއަކާ ގުޅުމުގެ ފިކުރެއް ޕާޓީގެ ތެރޭގައި ނެތް ކަމަށެވެ.
"އަޅުގަނޑުގެ އެއްވެސް ހިޔާލެއް ނެތް އަދި އެއްވެސް ސިޔާސީ ޕާޓީ އަކާ ގުޅޭކަށް. އަދި ހަމަ އޮތީ އަމިއްލަ ފިކުރުގައި ކުރިއަށް ދާން. އެހެންނޫނަސް ކޯލިޝަން ހަނދަން ނިންމާނީވެސް ޕާޓީން،" ޑރ.މުނައްވަރު ވިދާޅުވި އެވެ.
ސިޔާސީ ޕާޓީއެއް އުފެއްދުމަށް ޑރ. މުނައްވަރަށް ހުއްދަ ދެއްވީ މިދިޔަ އަހަރުގެ އޭޕްރީލް މަހު އެވެ. އެ ޕާޓީ އުފެއްދުމަށް 3000 މީހުންގެ ސޮއި އިލެކްޝަނަށް ހުށަހެޅީ މިދިޔަ އަހަރުގެ ޑިސެމްބަރު މަހުގެ ތެރޭގަ އެވެ.