22 Sep 2015, 18:31
ޕްރެޒިޑެންޓްކަޕްގެ ހދ. ކުޅުދުއްފުށީގެ ގުރޫޕް އޭ ގައި ބީޖީއަތުން 1-0 ގެ ނަތީޖާއަކުން ބަލިވި ނަމަވެސް ގުރޫޕްގެ ދެ ވަނަ ޓީމްގެ ގޮތުގައި ޓީސީ ސްޕޯޓްސް ސެމީފައިނަލަށް ދަތުރުކޮށްފިއެވެ.
ބީޖީ މޮޅުވި ނަމަވެސް އެޓީމު ފައިނަލަށް ނުގޮސް ކެޓީ ލަނޑުގެ ތަފާތުން ކުރި ނުލިބުމުންނެވެ.
ބީޖީއަށް ސެމީފައިނަލަށް ދެވެން އޮތީ މިއަދު ގެ މެޗުން ދެ ލަނޑުގެ ތަފާތުން މޮޅުވެގެންނެވެ.
އަންނަ ހޮނިހިރު ދުވަހު ކުޅޭ ސެމީފައިނަލް ދެ ވަނަ މެޗްގައި ޓީސީ ބައްދަލު ކުރާނީ އައްޑޫ ސިޓީގައި ހިމެނޭ ގުރޫޕް 'ބީ' އިން އެއް ވަނައަށް ދިޔަ މާޒިޔާއާ ދެކޮޅަށެވެ.
އަންނަ ހުކުރު ދުވަހު ކުޅޭ ސެމީފައިނަލް ފުރަތަމަ މެޗްގައި ގުރޫޕް 'އޭ' އެއް ވަނަ ޓީމް ނިއުރޭޑިއަންޓް ނިކުންނާނީ ގުރޫޕް 'ބީ' ގެ ދެ ވަނަ ޓީމް އީގަލްސްއާ ދެކޮޅަށެވެ.
މިދިޔަ އަހަރުގެ ޕްރެޒިޑެންޓްގެ ޗެމްޕިއަންކަން ނިއު ހޯދީ އީގަލްސް ބަލިކުރުމަށް ފަހުގައެވެ.
ކުޅުދުއްފުށީ ޒޯން އެކެއްގެ ސްޓޭޑިއަމްގައި މިއަދު ކުޅުނު މެޗްގައި ބީޖީގެ ލަނޑު ޑެނިއަލް ފިލޮމެން ކަމިޔާބު ކުރީ މެޗް ފެށިގެން ތިން ވަނަ މިނެޓް ތެރޭގައެވެ.
މެޗްގައި ޓީސީއަށްވެސް ވަނީ ލަނޑު ޖަހާނެ ރަނގަޅު ފުރުސަތުތައް ލިބިގެންގޮސްފައެވެ.
ދެ ވަނަ ހާފުގައި ބީޖީއިން އުފެއްދި ނުރައްކާތެރި ގިނަ ހަމަލާތަކެއް ޓީސީ ކީޕަރު މުޙައްމަދު ޢިމްރާން (ކުޑަ ޢިމްރާން) ވަނީ ދިފާއު ކޮށްފައެވެ.
މެޗްގެ 90 މިނެޓްގައި ޓީސީގެ މިގްދާދު ސަޢީދު ގަސްތުގައި ޑެނިއަލްއަށް ފައުލު ކުރުމާ ގުޅިގެން ދެ ވަނަ ރީނދޫ ކާޑާއެކު ރެފްރީ ޝިފާން ޢަބްދުރަހީމް ވަނީ މިގްދާދުއަށް ރަތް ކަޑު ދައްކައި ދަނޑުން ފޮނުވާލާފައެވެ.