ޕެރިސް (ސެޕްޓެމްބަރު 22): ސޫރިޔާގެ ރައީސް ބައްޝާރުލްއަސަދާމެދު ފަރަންސޭސިވިލާތުން ކުރިން ދެކެމުން އައިގޮތް ބަދަލުވެއްޖެކަން އެ ގައުމުން ހާމަކޮށްފިއެވެ.

ފަރަންސޭސި ޚާރިޖީ ވަޒީރު ލޮޣާން ފެބިއޮސް ރޮއިޓާސްއަށް ދެއްވި ބަސްދީގަތުމެއްގައި ވިދާޅުވީ ސޫރިޔާގެ މައްސަލަ ސުލްޙަވެރިކަމާއެކު ހައްލުކުރުމަށްޓަކައި އެންމެ ފުރަތަމަ ރައީސް ބައްޝާރުލް އަސަދު ވެރިކަމުން ފޭބުން ފަރަންސޭސިވިލާތުން މިހާރު ޝަރުތު ނުކުރާ ކަމުގަ އެވެ. ފަރަންސޭސިވިލާތަކީ ސޫރިޔާގެ މައްސަލަ ހައްލުކުރުމަށްޓަކައި ފުރަތަމަ ކުރަންޖެހޭ ކަމަކީވެސް ބައްޝާރުލް އަސަދު ވެރިކަމުން ފޭބުން ކަމަށް ކުރިން ޝަރުތު ކުރަމުން ގެންދިޔަ ހަރުކަށި ވިސްނުމުގެ ގައުމެކެވެ.

ރޮއިޓާސްއަށް ދެއްވި ބަސްދީގަތުމުގައި ފެބިއޮސް ވިދާޅުވީ އެމެރިކާ ސިފައިން އިރާގަށް އަރައި އެގައުމުގެ ސިފައިންނާއި ދައުލަތުގެ މުއައްސަސާތައް ރޫޅާލުމުން އިރާގަށް ކަންތައް ވެގެންދިޔަ ގޮތް ސޫރިޔާއަށް ވުމަށް ފަރަންސޭސިވިލާތް ނޭދޭ ކަމުގައެވެ. އެހެންކަމުން ސޫރިޔާގެ މައްސަލަ ޙައްލު ކުރުމަށްޓަކައި އެންމެ ފުރަތަމަ ރައީސް ބައްޝާރުލްއަސަދު ވެރިިކަމުން ބޭލުން ޝަރުތުކުރުމަކީ އިރާގުގެ މުއައްސަސާތައް ރޫޅިގެން ދިޔަގޮތަށް ސޫރިޔާގެ ސިފައިންނާއި ދައުލަތުގެ ނިޒާމާއި މުއައްސަސާތައްވެސް ރޫޅިގެން ހިނގައިދާނެ ކަމެއްކަމުގެ ބިރު ފަރަންސޭސިވިލާތުން އިޙްސާސް ކުރާ ކަމަށް ފެބިއޮސް ވިދާޅުވިއެވެ.

އެމެރިކާގެ ޚާރިޖީ ވަޒީރުވެސް ވަނީ މިމޭރުމުން ވާހަކަ ދައްކަވާފައެވެ. އެމެރިކާގެ ޚާރިޖީ ވަޒީރު ޖޯންކެރީ ދާދިފަހުން ވިދާޅުވެފައިވަނީ ސޫރިޔާގެ މައްސަލަ ސުލްޙަވެރި ގޮތުގައި ހައްލުކުރުމަށްޓަކައި ރައީސް ބައްޝާރުލްއަސަދު ވެރިކަމުން ދުރުވެ ވަޑައިގަތުން މުހިއްމު ނަމަވެސް އެއީ އެކަމަށްއޮތް ފުރަތަމަ ޝަރުތުކަމުގައި އެމެރިކާ މިހާރު ނުދެކޭކަމުގައެވެ. އަދި ސޫރިޔާގެ މައްސަލަ ހައްލުކުރުމަށްޓަކައި ކުއްލިގޮތަކަށް ބައްޝާރު ވެރިކަމުން ދުރުކުރުމުގެބަދަލުގައި އެކަންކުރާނެ މުއްދަތެއް އޭނާއާ ވާހަކަދައްކައިގެން ކަނޑައެޅުމަށް އެމެރިކާ ތާއީދުކުރާ ކަމަށް ކެރީ ވިދާޅުވިއެވެ.

އެމެރިކާއަކީ ބައްޝާރު ވެރިކަމުން ދުރުކުރުން ނޫންގޮތެއް ނެތްކަމަށް ބުނެ ކުރިން ވަކާލާތު ކުރަމުން ގެންދިޔަ ގައުމެކެވެ. ނަމަވެސް ބައްޝާރުގެ ވެރިކަން ވެއްޓުމަކީ ނޫނީ އޭނާ ގަދަބާރުން ވެރިކަމުން ދުރުކުރުމަކީ ސޫރިޔާގައި ހަރަކާތްތެރިވާ އައިއެސްއާއި ޖަމާއަތާއި ޖަބްހަތުއްނުސްރާ ފަދަ ބިރުވެރި ޓެރަރިސްޓް ޖަމާއަތްތަކުގެ އަތްދަށަށް އެގައުމުގޮސް ސޫރިޔާގެ ދައުލަތް މުޅިން ރޫޅި އެހެން ގައުމުތަކަށްވެސް އެކަމުގެ ނުރައްކާ ކުރިމަތިވެގެންދާނެ ކަމަކަށްވާތީ ބައްޝާރާމެދު އެމެރިކާއާއި ޔޫރަޕުން ކުރިން ގެންގުނު ހަރުކަށި ވިސްނުން މިހާރުވަނީ ބަދަލުވެފައެވެ.

ބައްޝާރާމެދު އެމެރިކާއާއި ޔޫރަޕުން ގެންގުޅުނު ހަރުކަށި ސިޔާސަތުތަކަށް މިއައި ބަދަލާމެދު ސައޫދީ އަރަބިޔާއާއި ގަތަރުފަދަ ބައްޝާރު ވެރިކަމުން ދުރުުކުރުމަށް ފައިވިއްދައިގެން އުޅޭ އަރަބި ގައުމުތައް ހިތްހަމަ ނުޖެހިފައިވާ ކަމަށް ރިޕޯޓްތައް ބުނެއެވެ. ސައޫދީ އަރަބިޔާއާއި ގަތަރުން ސޫރިޔާގެ މައްސަލައިގެ ތެރެއަށް އީރާން ވަންނަކަމަށް ތުހުމަތު ކުރާއިރު މިދެގައުމަކީ ޔަމަންގެ ދާޚިލީ ހަނގުރާމައިގެ ތެރެއަށް އަސްކަރީ ގޮތުން ފާޅުގައި ވެދެގެންފައިވާ ދެގައުމެވެ.

އަދި ބައްޝާރު ވެރިކަމުގައި ބެހެއްޓުމަށް އީރާނާއި ރަޝިޔާއިން ސިޔާސީ ބޭނުންތަކެއްގައި މަސައްކަތްކުރާއިރު ބައްޝާރު ވެރިކަމުން ދުރުކުރުމަށް ސައޫދީ އަރަބިޔާއާއި ގަތަރުންވެސް މަސައްކަތް ކުރަނީ އެދެގައުމުގެ އަމިއްލަ ސިޔާސީ މަގްސަދްތަކެއް ޙާސިލް ކުރުމަށްކަމަށް ވަނީ ބެލެވިފައެވެ. (އަލްޖަޒީރާ)