ގދ. ގައްދޫގައި ޒުވާނަކު އޭނާގެ އަމިއްލަ ގަޔަށް ވަޅިހަރައިފި އެވެ.

ގައްދޫ ކައުންސިލްގެ ނައިބު ރައީސް މުހައްމަދު ޝުޖާއު ސަން އަށް ވިދާޅުވީ އެ ހާދިސާ ހިނގާފައި ވަނީ މިއަދު ހެނދުނު 11:00 އެހާކަންހާއިރު ކަމަށެވެ.

އެ ހާދިސާގައި ލިބުނު ޒަޚަމްތަކާ ގުޅިގެން ގައްދޫ ސިއްހީ މަރުކަޒުގެ ލަފާގެ މަތިން އެ އަތޮޅު ތިނަދޫގައި ހުންނަ ޑރ. އަބްދުއްސަމަދު މެމޯރިއަލް ހޮސްޕިޓަލަށް ގެންގޮސް އައިސީޔޫގައި އޭނާއަށް ފަރުވާދެމުން އަންނަ ކަމަށް ޝުޖާއު ވިދާޅުވިއެވެ.

ޝުޖާއު ވިދާޅުވީ އުމުރުން 24 އަހަރުގެ އެ ޒުވާނާ އަމިއްލަ ގަޔަށް ވަޅިހަރާފައި ވަނީ ލޯބިވެރިޔާ ދެމެދު ހިނގި އަރާރުންވުމަކަށްފަހު ކަމަށެވެ.

ސަންއަށް އެނގިފައިވާގޮތުގައި މިރޭގެ ވަގުތެއްގައި އެ ޒުވާނާގެ އޮޕަރޭޝަނެއް ކުރުމަށް ވަނީ ހަމަޖެހިފައެވެ.

ގައްދޫ ކައުންސިލްގެ ނައިބު ރައީސް ވިދާޅުވީ އެ ޒުވާނާއަކީ މީގެކުރިން މަސްތުވާތަކެތީގެ މައްސަލަތަކުގައި ފުލުހުން ހައްޔަރުކޮށްފައިވާ މީހެއް ކަމަށެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލް ވެސް ވިދާޅުވީ ގައްދޫގައި އަމިއްލަ ގަޔަށް ވަޅިހެރި ޒުވާނަކަށް ޑރ. އަބްދުއްސަމަދު މެމޯރިއަލް ހޮސްޕިޓަލްގައި ފަރުވާދެމުން އަންނަ ކަމަށާއި އޭނަ އޮތީ ސީރިއަސް ހަލަތުގައި ކަމަށެވެ.