އައްޑޫ ސިޓީގެ ހިތަދޫ، ވަރުދީގޭ އަހުސަން ބަޝީރުގެ މަރުގެ މައްސަލާގައި ފުލުހުން ހިންގާ ހާއްސަ އޮޕަރޭޝަނުގައި ގިނަ އަދަދެއްގެ ބަޔަކު ހައްޔަރުކޮށް ކްރިމިނަލް ކޯޓަށް ހާޒިރުކޮށްފައިވާއިރު އެ މައްސަލައާ ގުޅުހުން ހުރި އެކަކު ވެސް މިހާތަނަށް ހާޒިރުކޮށްފައި ނުވާ ކަމަށް ކްރިމިނަލް ކޯޓުން މިއަދު ބުނެފި އެވެ.

ކްރިމިނަލް ކޯޓުގެ އިސް ގާޒީ އަބްދުﷲ މުހައްމަދު މިއަދު ވިދާޅުވީ އަހުސަން ބަޝީރުގ21، ގެ މަރުގެ މައްސަލައާއެކު ފުލުހުން ފެށި އޮޕަރޭޝަންގައި މިހާތަނަށް 47 މީހަކު ހައްޔަރުކޮށް ކްރިމިނަލް ކޯޓުގެ މުއްދަތު މަޖިލީހަށް ހާޒިރުކޮށްފައިވާ ކަމަށެވެ.

"އެ އަދަދަށް މީހުން ހާޒިރުކޮށްފައިވާއިރު އޭގެ ތެރޭގައި އެކަށީގެންވާ ހެކި ހުރި އެކަކު ވެސް ނެތް. އެއް ގޮތަކަށް ހައްޔަރު ނުކުރެވޭނެ މީހުން ވެސް އޭގެ ތެރޭގައި ހިމެނޭ،" އިސް ގާޒީ ވިދާޅުވި އެވެ.

އިސް ގާޒީ ވިދާޅުވީ ހާޒިރު ކުރި މީހުންގެ މައްޗަށް ތުހުމަތު ކުރޭވެ ހެކި ނެތުމުން އޭގެ ތެރެއިން ބައެއް މީހުން މިހާރު ފުލުހުން ދޫވެސް ކޮށްލާފައިވާ ކަމަށެވެ.

ފުލުހުންގެ މީޑީއާ އޮފިޝަލަކު މިއަދު ވިދާޅުވީ އަހުސަން ބަޝީރުގެ މަރާ ގުޅިގެން ހިންގާ އޮޕަރޭޝަންގައި ތަފާތު މީހުން ހައްޔަރުކޮށްފައިވާނެ ކަމަށާއި އޭގެ ތެރެއިން ބަޝީރުގެ މަރާ ގުޅުން ހުރީ ކޮންބައެއް ކަމެއް ފުލުހުންނަށް ވެސް އަދި ނޭނގޭ ކަމަށެވެ.

"މިވަގުތައް އަޅުގަނޑުމެނަށް ބުނެވެން އޮތީ މިހެން. ހައްޔަރުކުރި މީހުންގެ ތެރެއިން ބައެއް މީހުން އަޅުގަނޑުމެން ބެލުމުގެ ދަށުގައި އެބަތިބި،" މީޑިއާ އޮފިޝަލު ވިދާޅުވި އެވެ.

މި މަހުގެ 16 ވަނަ ދުވަހުގެ ރޭ މެންމަދު އަލިކިލެގެފާނު މަގާއި މަޖީދީމަގު ގުޅުނު ސަރަހައްދުގައި ހިނގި މާރާމާރީގައި ވަޅި ހަރައި ޒަހަމްކޮށްލުމުން ފަރުވާ ދެމުންދަނިކޮށް މަރުވެފައިވާ އަހުސަން ބަޝީރުގެ މަރުގެ މައްސަލައިގައި މިހާތަނަށް 50 އަށް ވުރެ ގިނަ މީހުން ހައްޔަރުކޮށްފައި ވެއެވެ.

ފުލުހުން ހައްޔަރު ކުރަން ބޭނުންވާ މީހުންގެ ތެރޭގައި މީގެ ކުރިން މީހަކު މަރާލި ކަމުގެ ތުހުމަތުގައި ހައްޔަރު ކުރުމަށްފަހު ހަމަސް ހަމަވީއިރު ވެސް މެޑިކޯލީގަލް ރިޕޯޓް ނުލިބުމުން ހައްޔަރުކޮށްފައި ނުބެހޭޓޭނެ ކަމަށް ކްރިމިނަލް ކޯޓުން ނިންމައި ދޫކޮށްލި ގ. ކޯޒީ އިބްރާހިމް ޝަހުމް އާދަމް، 20، ހިމެނެ އެވެ. އޭނާ ހައްޔަރު ކުރި ކަމަކަށް ފުލުހުން މިހާތަނަށް ބުނެފައެއް ނުވެއެވެ. ބަޝީރުގަޔަށް ވަޅި ހެރީ ޝަހުމް ދޫކޮށްލިތާ ތިން ހަފުތާއާ ހަދުވަހުގެ ތެރޭގައެވެ.