22 Sep 2015, 17:59
އަންނަ ހުކުރު ދުވަހުން ފެށިގެން ބުދަ ދުވަހާ ދޭތެރޭ ރާއްޖެއަށް އުދައަރާފާނެތީ ރައްކާތެރި ވުމަށް މޯލްޑިވްސް މީޓިއޮރޯލޮޖިކަލް ސާވިސް އިން އިލްތިމާސްކޮށްފި އެވެ.
މެޓު އޮފީހުން ބުނެފައި ވަނީ 28 ވާ ހޯމަ ދުވަހަކީ ހަނދު ކޭތަ ހިފާ ދުވަހެއް ކަމަށެވެ. އެ ކޭތަ ހިފާއިރު ދުނިޔެ އާއި ހަނދާއި އިރު އެލައިން ވާއިރު ދުނިޔެއާ ހަނދު ވަރަށް ކައިރި ވާނެ ކަމަށް މެޓު އޮފީހުން ބުންޏެވެ. އެ ކޭތައިގެ ސަބަބުން ކަނޑުގެ ދިޔަވަރު އާދަޔާ ހިލާފަށް ބޮޑުވެގެން ދާނެ އެވެ.
ރާއްޖޭގެ އެކި ސަރަހައްދުތަކަށް އުދަ އަރާނެ ކަމަށް ލަފާ ކުރެވޭ އިރު އުދައިގެ އަސަރު އެންމެ ބޮޑަށް ކުރާނީ ދިޔަވަރު ބޮޑު ވަގުތުތަކުގައި ކަމަށް މެޓު އޮފީހުން ބުންޏެވެ.
އުދައަރާފާނެ ކަމުގެ އިންޒާރު، ކަނޑުތަކާ ބެހޭ ގޮތުން ދިރާސާކުރާ އިންޑިއާގެ އިދާރާ އިންޑިއަން ނެޝަނަލް ސެންޓަފޯ އޯޝަން އިންފޮމޭޝަން ސާވިސަސް(އައިއެންސީއޯއައިއެސް)ގެ ސައިންސްވެރިން ވަނީ މިއަދު ލަފާކޮށްފައެވެ.
އައިއެންސީއޯއައިއެސް އިން މިއަދު ނެރުނު އެލާޓެއްގައި ބުނެފައި ވަނީ އިންޑިއާގެ އައްސޭރިފަށާއި ރާއްޖެ ފަދަ ޖަޒީރާތައް ހިމެނޭ ގޮތުން އެހެން ސަރަހައްދުތަކަށް ވެސް މިމަހުގެ 28 ވަނަ ދުވަހު އުދަ އަރައިފާނެ ކަމުގެ އިންޒާރުދޭ ކަމަށެވެ.
އެ ދުވަހު އުދައަރާނެ ކަމަށް ބެލެވޭ ސަބަބެއް ކަމަށް ބުނެފައި އެއީ ސުޕަމޫން ޓައިޑް، ނުވަޔަ ކިން ޓައިޑް ނަމަކަށް ކިޔާ ކަމެއް (ހަނދު ދުނިޔެއާ އެންމެ ކައިރިން ދަތުރުކުރާ ކުރުމުގެ ސަބަބުން އާދަޔާ ހިލާފަށް ދިޔަވަރު ބޮޑުވާ ބޮޑުވުމެއް) ގެ ސަބަބުން ކަމަށެވެ.
ހޯމަ ދުވަހު ދިޔަވަރު ބޮޑުވާނެ މިންވަރަކީ މިއަހަރު އެންމެ ބޮޑަށް ދިޔަވަރު ބޮޑުވާނެ މިންވަރު ކަމަށް ވެސް އެ އިދާރާގެ އެލާޓްގައި ބުނެފައިވެއެވެ.
އޮގަސްޓްމަހުގެ ކުރީކޮޅު މާލެއަށާއި ރާއްޖޭގެ އެހެން ބައެއް ރައްތަކަށް އުދަ އެރުމުގެ ސަބަބުން ގެއްލުންތަކެއް ވެފައި ވެއެވެ.