22 Sep 2015, 15:05
މަސްތުވާތަކެތި ކަމަށް ޝައްކުކުރެވޭ އެއްޗެއް ހުރި 13 ރަބަރު ޕެކެޓާ އެކު މީހަކު މިއަދު ހައްޔަރުކޮށްފި އެވެ.
އެ މައްސަލައާ ގުޅިގެން ފުލުހުން ހައްޔަރުކޮށްފައި ވަނީ 38 އަހަރުގެ ފިރިހެނެއް ކަމަށް ފުލުހުން ބުންޏެވެ. ނަމަވެސް އެ މީހާއާ ބެހޭ އިތުރު ތަފްސީލެއް ފުލުހުން ނުދެ އެވެ.
ފުލުހުން ބުނީ އެ މީހާ ހައްޔަރު ކުރީ، މާލެ ޕެޓްރޯލް ކުރަމުން ދިޔަ، ފުލުހުންނަށް އެ މީހާގެ އަމަލުތައް ހުރި ގޮތުން ޝައްކު ކުރެވިގެން މިއަދު ހެނދުނު ކަމަށެވެ.
މަސްތުވާތަކެތި ކަމަށް ޝައްކުކުރެވޭ އެއްޗެއް ހުރި ރަބަރު ޕެކެޓްތައް ފެނިފައި ވަނީ އެ މީހާ ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސް އޭނާގެ ހަށިގަނޑާ އެކު އެވަގުތު އޭނާ ހުރި ސަރަޙައްދު ބަލައި ފާސްކުރި އިރު އޭނާ ހުރިދިމާ ބިންމަތިން ފެނުނު ސިނގިރޭޓް ފޮއްޓެއްގެ ތެރެއިން ކަމަށް ވެސް ފުލުހުން ބުންޏެވެ.
އެ މައްސަލާގައި ފުލުހުން ހައްޔަރުކޮށްފައިވާ މީހާއަކީ މަސްތުވާތަކެއްޗާއި މާރާމާރީ އާއި ފޭރުމާއި ބަދުއަޙުލާގީ މައްސަލަތަކާއި ޓެރަރިޒަމް މައްސަލަތައްކުގެ އިތުރުން ވައްކަމުގެ ގިނަ ޢަދަދެއްގެ މައްސަލަތަކުގެ ރެކޯޑްސް އޮންނަ މީހެއް ކަމަށް ފުލުހުން ބުންޏެވެ. .