އަންނަ ހޯމަ ދުވަހު ރާއްޖެއަށް އުދައަރާފާނެ ކަމުގެ އިންޒާރު، ކަނޑުތަކާ ބެހޭ ގޮތުން ދިރާސާކުރާ އިންޑިއާގެ އިދާރާ، އިންޑިއަން ނެޝަނަލް ސެންޓަފޯ އޯޝަން އިންފޮމޭޝަން ސާވިސަސް(އައިއެންސީއޯއައިއެސް)ގެ ސައިންސްވެރިން ލަފާކޮށްފިއެވެ.

އައިއެންސީއޯއައިއެސް އިން މިއަދު ނެރުނު އެލާޓެއްގައި ބުނެފައި ވަނީ، އިންޑިއާގެ އައްސޭރިފަށާއި ރާއްޖެ ފަދަ ޖަޒީރާތައް ހިމެނޭ ގޮތުން އެހެން ސަރަހައްދުތަކަށް ވެސް މިމަހުގެ 28 ވަނަ ދުވަހު އުދަ އަރައިފާނެ ކަމުގެ އިންޒާރުދޭ ކަމަށެވެ.

އެދުވަހު އުދައަރާނެ ކަމަށް ބެލެވޭ ސަބަބެއް ކަމަށް ބުނެފައި ވަނީ އެއީ ސްޕަމޫން ޓައިޑް، ނުވަތަ ކިންގ ޓައިޑް ނަމަކަށް ކިޔާ ކަމެއް (ހަނދު ދުނިޔެއާ އެންމެ ކައިރިން ދަތުރުކުރާ ކުރުމުގެ ސަބަބުން އާދަޔާ ހިލާފަށް ދިޔަވަރު ބޮޑުވާ ބޮޑުވުމެއް) ގެ ސަބަބުން ކަމަށެވެ.

ހޯމަ ދުވަހު ދިޔަވަރު ބޮޑުވާނެ މިންވަރަކީ މިއަހަރު އެންމެ ބޮޑަށް ދިޔަވަރު ބޮޑުވާނެ މިންވަރު ކަމަށް ވެސް އެއިދާރާގެ އެލާޓްގައި ބުނެފައި ވެއެވެ.

އޮގަސްޓްމަހުގެ ކުރީކޮޅު މާލެއަށާއި ރާއްޖޭގެ އެހެން ބައެއް ރައްތަކަށް އުދަ އެރުމުގެ ސަބަބުން ގެއްލުންތަކެއް ވެފައި ވެއެވެ.