22 Mar 2011, 13:44
މަތީތައުލީމު އުގެނޭ އެއްވެސް ކުއްޖަކަށް ޕޮކެޓްމަނީގެ ގޮތުގައި ސަރުކާރުން އެއްވެސް ފައިސާއެއް ދެއްވާ ގޮތަށް ހަމަޖެހިފައިނުވާ ކަމަށް ވިދާޅުވެ ޔުނިވާސިޓީ ކުދިންނަށް ރައީސުލްޖުމްހުރިއްޔާ މުހަންމަދު ނަޝީދު މިދިޔަ އަންގާރަ ދުވަހު ޖަވާބުދެއްވައިފި އެވެ.
ޔުނިވާސިޓިގައި ކިޔަވާ ދަރިވަރުންނަށް ހަމަހަމަ އުސޫލަކުން ޕޮކެޓްމަނީ ދިނުމަށް އެދި 902 ކުއްޖަކު ސޮއިކޮށް ރައީސް އަށް ފޮނުވި ޕެޓިޝަނަށް މިދިޔަ އަންގާރަ ދުވަހު ލިޔުމަކުން ދެއްވި ޖަވާބުގައި ރައީސް ނަޝީދު ވިދާޅުވެފައި ވަނީ މަތީ ތައުލީމުގެ މައިގަނޑު ސިޔާސަތު ބައްޓަން ކުރެވިފައިވާ ގޮތުން މަތީ ތައުލީމު ހާސިލްކުރަމުން އަންނަ އެއްވެސް ކުއްޖަކަށް ސަރުކާރުން ޕޮކެޓްމަނީ ދިނުމަށް ހަމަޖައްސާފައި ނުވާ ކަމަށެވެ.
ނަމަވެސް މަތީ ތައުލީމު ހާސިލްކުރާ ކުދިންނަށް އެ ކުދިންގެ އުގެނުމުގައި ދިމާވާ ދަތިތަކަށް ލުޔެއް ހޯދައިދިނުމަށް ކޮންމެވެސް މިންވަރެއްގެ ލޯނު ފައިސާއެއް ދޫކުރާ ކަމުގެ މައުލޫމާތު ލިބިފައިވާ ކަމަށް ވެސް ރައީސްގެ ދެ ސޮފްހާގެ އެ ސިޓީގައި ވިދާޅުވެފައިވެ އެވެ.
"...މި ފައިސާ ދަރިވަރުން އަނބުރާ ދައްކަން ޖެހެނީ ވަރަށް ދިގު މުއްދަތަކަށް ދަރިވަރުގެ ކޯސް ނިމޭތާ ހަ މަސް ދުވަސް ފަހުންކަމަށާއި ދައްކަން ޖެހެނީ ވަރަށް ދިގު މުއްދަތަކަށް ބަހާލައިގެން، ކޮންމެ މަހަކު ވެސް ވަރަށް ކުޑަ މިންވަރެއްކަމަށް މައުލޫމާތު ލިބިފައި ވެ އެވެ،" ސްޓޫޑެންޓް ލޯނާ ގުޅޭ ގޮތުން ރައީސް ވިދާޅުވެފައިވެ އެވެ.
ރާއްޖޭގެ ގައުމީ ޔުނިވާސިޓީއަކީ މިނިވަން މުއައްސަސާއެއް ކަމަށް ވީއިރު ވެސް ޔުނިވާސިޓީގައި ކިޔަވާ ދަރިވަރުންގެ ކިޔެވުމަށް ސަރުކާރުން މިހާރު ވެސް 85 ޕަސެންޓް ހޭދަކުރާކަމަށް ވެސް ރައީސް ވަނީ އެ ސިޓީގައި ފާހަގަ ކޮށްފަ އެވެ. ރައީސް ވިދާޅުވެފައި ވަނީ ގައުމީ ޔުނިވާސިޓީން ތައުލީމު ހާސިލް ކުރުމުގެ ޖާގަ ނުލިބޭ ކުދިން ކިޔަވަމުން އަންނަނީ އެކުދިންގެ އަމިއްލަ ހަރަދުގާ ކަމަށް ވުމުން ހަމަ އެކަނި ދިވެހި ގައުމީ ޔުނިވާސިޓީގެ ކުދިންނަށް ޕޮކެޓްމަނީ ދިނުމަކީ އިންސާފަކަށް ނުވާނެ ކަމަށެވެ.
"ދިވެހިރާއްޖޭގެ ގައުމީ ޔުނިވާސިޓީގެ ދަރިވަރުންނަށް އެކަނި ޕޮކެޓްމަނީއެއް ހަމަޖެއްސުމަކީ އެންމެ އިންސާފުވެރި ގޮތެއްވެސް ނުމެނޫންމެ އެވެ." ރައީސް ވިދާޅުވެފައިވެ އެވެ.
ނަމަވެސް ޔުނިވާސިޓީގެ ކުދިންގެ ޝަކުވާތަކާ ގުޅިގެން ސްޓޫޑެންޑް ލޯން ސްކީމަށް އިތުރު 50 މިލިއަން ރުފިޔާ ހަމަޖެއްސުމަށާއި ލިވިން އެލަވެންސާއި އެކޮމަޑޭޝަން އެލަވަންސް ލިބޭނެ ހަރުދަނާ ނިޒާމެއް އެކުލަވާ ލުމަށް ނިންމާފައިވާ ކަމަށް ރައީސް ވަނީ ވިދާޅުވެފަ އެވެ.
ޔުނިވާސިޓީގެ ކުދިންގެ ފަރާތުން ވާހަކަ ދެއްކި ދިވެހި ބަހުގެ ޑިގްރީ ކޯހުގައި ކިޔަވަމުން އަންނަ މޫސާ މާހިރު މިއަދު ބުނީ ރައީސްގެ ޖަވާބުގައި ސާފުނުވާ ކަންތައްތަކެއް ހުރުމުން އެކަންތައްތައް ސާފުކުރުމަށް ރައީސް އަށް އިތުރު ސިޓީއެއް ފޮނުވާފައިވާ ކަމަށެވެ.
"އަޅުގަނޑުމެން އޭގެ ޖަވާބުގައި ފޮނުވާފައި އޮންނާނީ މި ލިވިން އެލަވެންސާއި އެކޮމޮޑޭޝަން އެލަވަންސް ލިބޭނެ ގޮތްތަކަކީ ކޮބައިތޯ ސާފުކުރުމަށް." މާހިރު ބުންޏެވެ.
މީގެ ކުރިން ޔުނިވާސިޓީގެ ދަރިވަރުން ވަނީ ޕޮކެޓްމަނީގެ މައްސަލައިގާ ރައީސް އޮފީސް ކުރިމަތީ މުޒާހަރާ ވެސް ކޮށްފަ އެވެ.