އދ. ފުށިދިއްގާގައި ރިސޯޓެއް ތަރައްގީ ކުރުމަށް މ. ހަސްތީ އަހްމަދު ޚަލީލާ ހަވާލުކުރުމުގެ ގޮތުން އެއްބަސްވުމުގައި ސޮއިކުރުމަށް ސަރުކާރުގެ މައްޗަށް ސިވިލް ކޯޓުން އަމުރުކޮށްފި އެވެ.

މިމަހުގެ 14 ވަނަ ދުވަހު ސިވިލް ކޯޓުން އެގޮތަށް އަމުރުކޮށްފައި ވަނީ އަހްމަދު ޚަލީލް ފިނޭންސް މިނިސްޓްރީއާ ދެކޮޅަށް ހުށަހެޅި މައްސަލަ ބެލުމަށް ފަހު އެވެ.

ސިވިލް ކޯޓުގެ ހުކުމްގައި ވަނީ ސީއެސްއާރް މަޝްރޫއާ އެކު ރިސޯޓު ތަރައްގީކުރުމަށް ހުޅުވާލުމަށް 2011 ވަނަ އަހަރުގެ ނޮވެމްބަރު މަހުގެ 22 ވަނަ ދުވަހު ވަޒީރުންގެ މަޖިލީހުން ނިންމުމާ ގުޅިގެން އެކަމާ ގުޅޭ ގޮތުން ޑިޕާޓްމަންޓް އޮފް ނޭޝަނަލް ޕްލޭނިން އިން އެކުލަވާލި އުސޫލާއެއްގޮތްވާ ގޮތުގެމަތިން އދ. ފުށިދިއްގާގައި ރިސޯޓެއް ތަރައްގީކުރަން އަހްމަދު ޚަލީލު ހުށަހެޅުމުން ސަރުކާރުން އެކަން ގަބޫލުކުރިކަން 2011 ޑިސެމްބަރު އަށްވަނަ ދުވަހު ސިޓީއަކުން އޭނާއަށް އަންގާފައިވާ ކަމަށެވެ.

އެ ސިޓީއާ އެކު އަހްމަދު ޚަލީލަށް ފޮނުވި އެގްރީމެންޓުގައި ސޮއިކުރަން އެއްބަސްވުމަށް ސަރުކާރުން ހުށަހެޅި ހުށަހެޅުން އޭނާ ގަބޫލުކޮށް އެކަން ސަރުކާރަށް އެންގުމުން، ދެ ފަރާތުގެ ދެމެދުގައި އެއްބަސްވުމެއް އުފެދި ބަނދެވިފައި ވިޔަސް މިއަދާ ހަމައަށް ވެސް ސަރުކާރުން އެ އެއްބަސްވުމަށް އަމަލުނުކުރާކަން ޝަރީއަތަށް ހުށަހެޅިފައިވާ ލިޔުންތަކުން އެނގޭ ކަމަށް އެ ހުކުމްގައިވެ އެވެ.

ޝަރީއަތަށް ހުށަހެޅިފައިވާ ކަންތައްތަކާއި ކުރިން އެ މައްސަލާގައި ސިވިލް ކޯޓުން ކޮށްފައިވާ ހުކުމްތަކުގެ މައްޗަށް ރިއާޔަތްކުރާ އިރު އެގްރީމެންޓުގައިވާ އެއްވެސް ޝަރުތަކާ މެދު އަހްމަދު ޚަލީލު ޚިލާފުވެފައިވާކަން އެނގެން ނެތް ކަމަށް ވެސް އެ ހުކުމްގައިވެ އެވެ.

އެހެންކަމުން ސަރުކާރާއި އަހްމަދު ޚަލިލާ ދެމެދު ކޮށްފައިވާ "އދ. ފުށިދިއްގާ ޓޫރިސްޓު ރިސޯޓެއްގެ ގޮތުގައި ތަރައްގީކުރުމަށް ހަވާލުކުރުމުގެ ޝަރުތުތަކަށް އެއްބަސްވާކަމުގެ އެގްރީމެންޓު" އަށް އިޙްތިރާމްކޮށް އެ އެގްރީމެންޓާއެއްގޮތަށް އަމަލުކޮށް އެ އެގްރީމެންޓު ތަންފީޒުކުރުމަށް ސަރުކާރުގެ މައްޗަށް ވަނީ އަންގައި ހުކުމް ކޮށްފަ އެވެ.