ޖަޕާނުގައި 100 އަހަރު ފުރޭ މީހުންގެ އާބާދީ އިތުރުވެފައިވާ މިންވަރުގެ ސަބަބުން އެ ހުރިހާ އެންމެނަށް އަގުބޮޑެތި ހަދިޔާ ދިނުން ސަރުކާރަށް ދަތިކަމަކަށް ވެއްޖެ އެވެ.

1963 އަށް ފަހު ކޮންމެ އަހަރަކު 100 އަހަރު ފުރޭ ރައްޔިތުންނަށް، އެކަން ފާހަގަ ކުރުމުގެ ގޮތުން ސަރުކާރުން ހަދިޔާއެއްގެ ގޮތުގައި ހަނދާނީ ރިހި ޖޯޑެއް ދެއެވެ. މި ސަގާފަތް ފެށުނުއިރު ޖަޕާނުގައި ދިރިއުޅުނީ 100 އަހަރު ފުރިފައި ތިބި 153 މީހުނެވެ.

އޭގެ ފަންސާސް އަހަރުފަހުން މި އަދަދު ވަނީ އެތައް ގުނައެއް އިތުރުވެފަ އެވެ. ހަމަ އެކަނި މިދިޔަ އަހަރަށް ބަލައިލި ނަމަވެސް ޖަޕާނުގެ 29،357 ރައްޔިތުންނަށް 100 އަހަރު ފުރުނެވެ. ޖަޕާނަކީ ދުވަސްވީ މީހުންގެ އާބާދީ އެންމެ ބޮޑު ގައުމެވެ. އެގައުމުގެ އަބާދީގެ ހަތަރުބައިކުޅަ އެއްބައި އެއީ އުމުރުން 65 އަހަރުން މަތީ މީހުންނެވެ.

100 އަހަރު ފުރޭ މީހުންނަށް ހަދިޔާއެއްގެ ގޮތުގައި ދެވޭ ރިހި ޖޯޑުގެ އަގަކީ 65 އެމެރިކާ ޑޮލަރެވެ. ޖަޕާނުގެ ހެލްތު މިނިސްޓްރީގެ އޮފިޝަލެއް ކަމުގައިވާ އަކީރާ ޔަނަސޭ އާއި ހަވާލާދީ ސީއެންއެން އިން ރިޕޯޓު ކޮށްފައިވާ ގޮތުގައި އެއީ ދައުލަތުގެ ބަޖެޓަށް އިތުރުވާ 2.1 މިލިއަން އެމެރިކާ ޑޮލަރުގެ ހަރަދެކެވެ. އެހެންކަމުން ޖަޕާނު ސަރުކާރުން ދަނީ 100 އަހަރު ފުރޭ މީހުންގެ އުފަންދުވަސް ފާހަގަ ކުރުމަށް އެއަށްވުރެ ހަރަދު ކުޑަ ގޮތެއް ހޯދަމުންނެވެ.

ޖަޕާނަކީ ދުނިޔޭގައި އެންމެ ބޮޑަށް ދަރަނިވެރިވެފައިވާ ގައުމެވެ. އަދި އިގުތިސޯދީ އަޑިގަޑަކުން އަރައިގަންނަން މަސައްކަތް ކުރަމުންދާ ޖަޕާނުން ވަނީ ދައުލަތުގެ ހަރަދު ކުޑަކުރާނެ ގޮތެއް ވިސްނަންޖެހިފަ އެވެ.

މިއަހަރު 100 އަހަރު ފުރޭ ޖަޕާނު ރައްޔިތުންނަށް އެއްވެސް ބިރެއް ނެތެވެ. އެމީހުންނަށް ރިހި ޖޯޑު ލިބޭނެ އެވެ. ނަމަވެސް މިއަންނަ އަހަރުން ފެށިގެން 100 އަހަރު ފުރޭ ޖަޕާނު ރައްޔިތުންނަށް ލިބޭނީ އެއަށްވުރެ ހަރަދުކުޑަ ހަދިޔާއެއްކަން ޔަގީނެވެ.