22 Sep 2015, 12:54
ހަރަމްފުޅުގެ އިމާރާތެއްގެ މައްޗަށް ކްރޭން ވެއްޓި ޒަހަމުވެ، ހޮސްޕިޓަލްތަކުގައި އެޑްމިޓްކޮށްފައި ތިބި 56 ހައްޖުވެރިއަކު، ހައްޖުގެ މާތް އަޅުކަމުގައި ބައިވެރިވުމަށް ހާއްސަ މެޑިކަލް ވެހިކަލްއެއްގައި އަރަފާތު ބިމަށް އިއްޔެ ގެންގޮސްފި އެވެ.
ސައުދީ ގެޒެޓުން މިއަދު ބުނީ އެ މީހުން ބަދަލު ކުރީ ޖަބަލް އަލްރަހުމާ ހޮސްޕިޓަލަށާއި އަރަފާތު ޖެނެރަލް ހޮސްޕިޓަލަށް ކަމަށެވެ.
ޑައިރެކްޓަރު އޮފް ޑިޕާޓްމަންޓް އޮފް ހެލްތު އެފެއާޒު ޑރ. މުސްތަފާ ބަލްޖޫން އާ ހަވާލާދީ ގެޒެޓުން ބުނީ، ކްރޭން ވެއްޓުނު ހާދިސާގައި ޒަހަމުވި މީހުންގެ ތެރެއިން އަރަފާތު ބިމަށް ގެންދިޔަ 15 މީހަކީ ކިންގް އަބްދުލްއަޒީޒު ހޮސްޕިޓަލުން ގެންދިޔަ މީހުން ކަމަށާއި 31 ހައްޖުވެރިޔަކު ގެންދިޔައީ ކިންގް ފައިސަލް ހޮސްޕިޓަލުން ކަމަށެވެ. އަދި އަނެއް 10 ހައްޖުވެރިން ގެންދިޔައީ އަލް ނޫރު ސްޕެޝަލިސްޓް ހޮސްޕިޓަލުން ކަމަށެވެ.
ކްރޭން ވެއްޓުނު ހާދިސާގައި 115 މީހަކު ނިޔާވި އެވެ. އެ ހާދިސާގައި ޒަހަމުވި 283 މީހަކަށް ފައިސާގެ އެހީ ދިނުމަށް ސައުދީ ރަސްގެފާނު ވަނީ ނިންމަވައިފަ އެވެ. އެގޮތުން އެ ހާދިސާގައި އެއްކޮށް ނުކުޅެދުނު ކޮންމެ މީހަކަށް އެއް މިލިއަން ސައުދީ ރިޔާލު (266،666 ޑޮލަރު) ދެއްވުމަށް ރަސްގެފާނު ނިންމެވި އިރު، އަދި އެ ހާދިސާގައި ޒަހަމުވި އެ ނޫން ކޮންމެ މީހަކަށް ބައި މިލިއަން ރިޔާލު (133،333 ޑޮލަރު) ދެއްވުމަށް ވެސް ރަސްގެފާނު ނިންމެވި އެވެ. އަދި އެ ހާދިސާގައި ނިޔާވި ކޮންމެ މީހެއްގެ އާއިލާއަކުން ދެ މީހަކު އަންނަ އަހަރު، ރަސްގެފާނުގެ ހަރަދުގައި ހައްޖަށް ގެންދެވުމަށް ވެސް ވަނީ ނިންމަވައިފަ އެވެ.