22 Sep 2015, 11:50
މިދިޔަ އާދިއްތަ ދުވަހު ޔޮޓެއްގައި ހުންނަވަނިކޮށް ހިނގި އަލިފާނުގެ ހާދިސާއަކުން ނަޕޯލީގެ ޗެއާމަން އުރޭލިއޯ ޑިލޮރެންޓީސް ސަލާމަތްވެވަ ވަޑައިގެންފިއެވެ.
ޑިލޮރެންޓީސްއާއެކު 12 މިހުން ތިއްބައި ހިނގި އަލިފާނުގެ ހާދިސާއިން ސަލާމަތްވީ ނަޕޯލީގެ ކަނޑު އައްސޭރި ބަލަހައްޓަމުންދިޔަ އިޓަލީގެ ކަނޑުގެ ސިފައިން ހެލިކޮޕްޓަރެއްގައި ގޮސް 12 ފަސިންޖަރުންވެސް ސަލާމަތް ކުރުމުންނެވެ.
އެޔޮޓަކީ ޑިލޮރެންޓީސްގެ އަމިއްލަ ޔޮޓެކެވެ.
އެހާދިސާއަށްފަހު ނޫސްވެރިންނާ ވާހަކަ ދައްކަވަމުން ޑިލޮރެންޓީސް ވިދާޅުވީ ކަންތައްތައް އެހެން ދިޔަޔަސް އޭނާގެ ހާލު ރަނގަޅުކަމަށާއި އެހާދިސާ ހިނގަން މެދުވެރިވީކަމަށް ބެލެވެނީ ކަރަންޓް ޝޯޓެއްގެ ސަބަބުން ކަމަށެވެ.

ޑިލޮރެންޓީސް ހުންނެވި ޔޮޓުގައި ހިނަގި އލަިފާނުގެ ހާދިސާގެ މަންޒަރެއް --- ފޮތޯ/ ސޯޝަލް މީޑިއާ
"އެހާލަތުގައި ކޮންމެ މީހަކުވެސް ބިރު ގަންނާނެ. ނަސީބަކުން ޔޮޓުގައި ތިބި އެންމެނަށް ސަލާމަތް ވެވުނު،" ޑިލޮރެންޓީސް ވިދާޅުވިއެވެ.
އެހާދިސާއާ ގުޅިގެން އެދުވަހު ލާޒިއޯ އަތުން 5-0 ގެ ނަތީޖައަކުން ނަޕޯލީ މޮޅުވި މެޗް ބަލާލުމަށް ޑިލޮރެންޓީސްއަށް ވަޑައި ނުގެންނެވުނެވެ.
އެ ހާދިސާގެ ވީޑިއޯ ނަޕޯލީގެ ކުރީގެ ކުޅުންތެރިޔާ ފަބިއޯ ކަޕެއްލޯ ވަނީ އިންސްޓަގުރާމްގައި ޕޯސްޓްކޮށްފައެވެ.